ރޯދަމަހު ސްކޫލުތަކުގައި ކިޔަވައިދޭނީ 8:40 އިން 15:00 އަށް

ސްކޫލު ދަރިވަރުންތަކެއް ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭނީ ހެނދުނު 8:40 އިން މެންދުރު ފަހު ތިނަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން އިއްޔެ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކާއި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގެ ހެނދުނުގެ ދަންފަޅީގެ ކިޔެވުން ހެނދުނު 8:40 އާ 9:00 އާ ދެމެދުގެ ވަގުތެއްގައި ފަށަންވާނެ ކަމަށެވެ.

އަދި މެންދުރު ފަހުގެ ދަންފަޅި 11:30 އިން މެންދުރުފަހު 13:00 އާ ދެމެދުގެ ވަގުތެއްގައި ފަށަންވާނެ ކަމަށާއި މެންދުރު ނަމާދަށް ވަގުތު ދެވޭގޮތަށް މެންދުރު ފަހުގެ ދަންފަޅި ފަށާގޮތަށް ހަމަޖެއްސިދާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ކިޔަަވައިދިނުމުގެ ވަގުތު ހަމަޖައްސަންވާނީ 15:00 އަށް ނިންމާ ގޮތަށް ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ރަމަޟާން މަހު ފައުންޑެޝަން ސްޓޭޖުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަންވާނީ ދޮޅުގަޑިއިރު ކަމަށާއި ގްރޭޑު އެކަކުން ހަތަކާ ހަމައަށް ގްރޭޑު ތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ ދެ ގަޑިއިރާ ބަޔަށް ކަމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ. އަދި ގްރޭޑު އަށަކުން 10 އަށް ތިން ގަޑިއިރު، މަތީ ސާނަވީ ދަރިވަރުންގެ ސެޝަންތައް ބާއްވާނީ ހަތަރު ގަޑިއިރަށް ކަމަށް ވެސް އެޑިއުކޭޝަނުގެ ސާކިއުލާގައި ބުނެފައިވެއެވެ.

ރަމަޟާން މަހުގެ ޕީރިއަޑެއްގެ ދިގުމިން ވާންޖެހޭނީ 30 މިނެޓާ 45 މިނެޓާ ދެމެދުގެ ވަގުތަކަށް ކަމަށާއި ސްކޫލުތަކުގެ ކިޔަވައިދޭ ދަންފަޅިތައް ރާވާއިރު ވަގުތު ފާއިތު ނުވަނީސް ދަރިވަރުންނާއި މުދައްރިސުންނަށް ނަމާދު ކުރެވޭނެ ގޮތަކަށް ދަންފާޅިތައް ރާވަން އެ ސާކިއުލާގައި ވަނީ އިލްތިމާސް ކޮށްފައެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ކިޔަވައިދިނުންވެސް ކުރިއަށޤދާނީ ރަމަޟާން މަހުގެ ޝެޑިއުލާ އެއްގޮތަށް ކަމަށެވެ.

comment ކޮމެންޓް