ގައުމީ ވޮލީ ޓީމު ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި

މިއަދު ކުޅުނު މެޗުގެ ކުރިން ގައުމީ ޓީމާއެކު ކެސްޓާސްޓާޓްގެ ކުޅުންތެރިން --- ފޮޓޯ/ ވީއޭއެމް

ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންދާ ގައުމީ ސީނިއާ ފިރިހެން ވޮލީ ޓީމު ތައިލެންޑުގައި ކޭމްޕް ކުރަމުންދާ އިރު، މިއަދު ކުޅުނު އެކުވެރިކަމުގެ މެޗު ކާމިޔާބުކޮށްފިއެވެ.

މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ ގައުމީ ވޮލީ ޓީމު ތައިލެންޑަށް ފުރާފައިވަނީ މިމަހުގެ 22 އިން 27 ބަންގަލަދޭޝްގައި އޮންނަ އޭވީސީ މުބާރާތުގެ ތައްޔާރީތަކަށެވެ.

ރާއްޖޭގެ ގައުމީ ޓީމު ތައިލެންޑުގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ އެގައުމުގެ ޓޮޕް ތައި ޕްރޮފެޝަނަލް ލީގުގެ ހަތްވަނައިގައި އޮތް ކަސެޓްސްޓާޓާ ދެކޮޅަށެވެ. މިއަދުގެ މެޗު ރާއްޖޭގެ ގައުމީ ޓީމުން ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ގެންގޮސްފައިވަނީ 25-21 އިންނެވެ. ދެވަނަ ސެޓު 17-25 އިން ގެންދިޔައީ ކަސެޓްސްޓާޓެވެ. މެޗުގެ ތިންވަނަ ސެޓު ރާއްޖެއިން ގެންދިޔައީ 25-13ގެ ތަފާތު ބޮޑު ސްކޯއަކުންނެވެ.

ހަތަރުވަނަ ސެޓު ކަސެޓްސްޓާޓުން ގެންދިޔައީ 22-25 ގެ ސްކޯއަކުންނެވެ. ފަސް ސެޓަށް މެޗު ގޮސްފައިވާ އިރު، ރާއްޖެއިން ފަސްވަނަ ސެޓު ގެންދިޔައީ 15-11ގެ ނަތީޖާއަކުންނެވެ.

ތައިލެންޑަކީ ވޮލީގައި ރާއްޖެއަށްވުރެ ރޭންކިންގައި ތަފާތު މޮޅު ގައުމެކެވެ. މިދިޔަ އަހަރުގެ އެފްއައިވީބީ ރޭންކިންގައި ތައިލެންޑް 41 ވަނައިގައި އޮތް އިރު، ރާއްޖެ އޮތީ 78 ވަނައިގައެވެ.

ތައިލެންޑްގެ ލީގަކީވެސް ޕްރޮފެޝަނަލީ ކުރިއަށްދާ ބޮޑު ލީގެކެވެ.

މިފަހަރު ގައުމީ ސްކޮޑުގައި މުޅިން އައު ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވާ އިރު، ޓީމުގެ ފަރިތަކުރުންތަކުގައި ޑިސިޕްލިން ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. ހާއްސަކޮށް ފަރިތަކުރުންތަކުގައި ޓީމުގެ ހާޒިރީ ރަނގަޅުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ އެވަރޭޖް އެޓެންޑެންސަކީ 98 ޕަސެންޓެވެ.

އޭވީސީ މުބާރާތަށް ގައުމީ ޓީމު ފަރިތަކުރަމުންދަނީ ކޯޗު، މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކެޕްޓަނަކީ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ވައިސް ކެޕްޓަނަކަށް އަލީ ހުޒާމް (ހުޒާންޓޭ) ހަމަޖައްސައިފައިވާ އިރު، ކުރިން ގައުމީ ޓީމުން ފެންނަ ގިނަ ސީނިއާ ކުޅުންތެރިންތަކެއް މިފަހަރުގެ ޓީމުގައި ނުހިމެނެއެވެ.

ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އައި އިޝާން މުހައްމަދު (ބަޓިސް) ޓީމުން ރިޓަޔާ ކޮށްފައިވާ އިރު، މިފަަހަރުގެ ސްކޮޑުގައި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާއި މުހައްމަދު ޝާއިން (ޝާއިންޓޭ) އަދި އަޝްފާގު އާދަމް (އައްކަޅޭ) ވެސް ހިމެނިފައެއް ނުވެއެވެ.

ގައުމީ ވޮލީ ޓީމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ އެއް ކުޅުންތެރިޔާ، ކުޑަ ކާއްޓޭ މިފަހަރުގެ ޓީމުގައި ހިމެނިފައި ނުވަނީ އާއިލާ ކަންކަމަށް ވަގުތު ދިނުމަށް ބޭނުންވާތީ އޭނާ އަމިއްލައަށް ބޭނުންވެގެން ކަމަށް ވީއެމްއިން ވަނީ ކުރިން ބުނެފައެވެ.

ވީއޭއެމްއިން ބުނެފައިވަނީ ތައިލެންޑުގައި ކުރިއަށްދާ ފަރިތަކުރުންތަކަށްފަހު، ރާއްޖޭގެ ޓީމު ބަންގާޅަށް ފުރާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށެވެ. ތައިލެންޑުގައި އެކުވެރިކަމުގެ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވީއޭއެމްއިން ބުނެފައެވެ.

comment ކޮމެންޓް