ސީރިއާގެ އެއާބޭސް އަށް ހަމަލާ ދިނީ އިސްރާއިލުން ކަމަށް ރަޝިއާ އިން ކަށަވަރުކޮށްދީފި

އިސްރާއިލުގެ އެފް-18 ހަނގުރާމަމަތީ ބޯޓެއް. ސީރިއާގެ އެއާބޭސް އަށް މިއަދު ހަމަލާ ދިނީ އިސްރާއިލުން ކަމަށް ރަޝިއާ އިން ވަނީ ކަށަވަރުކޮށްދީފައި --

މޮސްކޯ (09 އޭޕްރީލް): ސީރިއާގެ އެއާބޭސް އަށް މިއަދު ހަމަލާ ދިނީ އިސްރާއިލުން ކަމަށް ރަޝިޔާގެ މިނިސްޓްރީ އޮފް ޑިފެންސުން ކަށަވަރުކޮށްދީފި އެވެ.

އެ ހަމަލާގައި އަށް "ގައިޑެޑް" މިސައިލް ފޮނުވާލި ނަމަވެސް، ފަސް މިސައިލް ވައްޓާލައިފައިވާ ކަމަށް ވެސް ރަޝިޔާ އިން ބުންޏެވެ. އަދި ބުނީ އިސްރާއިލުން އެ ހަމަލާ ދީފައި ވަނީ ލުބްނާނުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން ކަމަށެވެ.

ލުބްނާނުގެ އަލް މަޔާދީން ޗެނަލުން ވެސް ވަނީ ލުބްނާނުގެ ބައްކާ ވެލީއާ ކެސެރްވާން ސަރަހައްދުން އިސްރާއިލުގެ ހަނގުރާމަ މަތީ ބޯޓުތައް ހަރަކާތްތެރިވިކަން ޔަގީން ކޮށްދީފަ އެވެ.

އިސްރާއިލުން ސީރިއާއަށް ހަމަލާ ދިން ދަނޑިވަޅު ސީރިއާގައި އެނެއްކާ ވެސް ވަނީ ވަރުގަދަ ކެމިކަލް ހަމަލާއެއް ވެސް ދީފަ އެވެ. ސީރިއާގެ ދޫމާގައި ދިން ހަމަލާގައި ހަތް ދިހަ މީހުން މަރުވި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ތިޔާސް އެއާބޭސް ނުވަފަ ޓީ4 އެއާބޭސް ނަމަކަށް ކިޔާ ވައިގެ ސިފައިންގެ މަރުކަޒަކަށް މިއަދު ދިން ވަރުގަދަ ހަމަލާ ދިނީ ކޮންބައެއްކަން ފުރަތަމަ އޮތީ ނޭނގި އެވެ. އަދި އެހަމަލާ ދިނީ އެމެރިކާ އިން ކަމަށް ވެސް ފުރަތަމަ އޮތީ އަޑުފެތުރިފަ އެވެ.

ކެމިކަލް ހަތިޔާރުގެ މައްސަލާގައި އެމެރިކާ އާއި ފްރާންސުން ވެސް ވަނީ ސީރިއާގެ ސަރުކާރު ސިފައިންނަށް ވަރުގަދަ ރައްދެއް ދޭނެ ކަަމަށް ބުނެފަ އެވެ. ނަމަވެސް މިއަދު ހަމަލާދިނީ އެމެރިކާ އިން ނޫން ކަމަށް ވެސް އެގައުމުން ވަނީ ބުނެފަ އެވެ.

މަސްދަރު: ރަޝިއާ ޓުޑޭ

comment ކޮމެންޓް