މާޒިޔާގެ އެޓޭކް، ކޯޗަށް ލިބޭ ހިތްހަމަ ޖެހުމެއް!

އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާއި ޔޫވީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެޓޭކް އެންމެ ރަނގަޅަށް ފެނިގެންދިޔަ އެއް މެޗަކީ މި ހަފްތާގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް އެޓީމު ކުޅުނު މެޗެވެ.

ތަފާތު ބޮޑުކޮށް، 4-0ގެ ނަތީޖާއަކުން އެ މެޗު މާޒިޔާއިން ކާމިޔާބުކުރި އިރު، މެޗުގައި މާޒިޔާއަށް ގޯލްތައް ޖަހައިދިނީ ނާއިޒް ހަސަން (ދާދު)ގެ އިތުރުން ވިންސެންޓްގެ ފޯވަޑް ކޯނެލިއަސް ސްޓެވާޓާއި އިސްމާއީލް އީސަ (މެސީ) އަދި ޑިފެންޑަރު މިލޯސް ކޮވަސެވިޗެވެ. ކޮވަސެވިޗްގެ ގޯލަކީ ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގައި މާޒިޔާގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ފެނިފައިވާ އިރު، އެންމެ ބޮޑަށް ފާހަގަކުރެވުނީ ކުރިއަށް ކުޅުނު ކުޅުންތެރިންގެ ގުޅުމެވެ. ހާއްސަކޮށް މެސީ އާއި ދާދުގެ ކޮމްބިނޭޝަން މެޗުގައި ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނެވެ. މިދިޔަ ދެ ސީޒަންގައި ވެސް ޓީސީ ސްޕޯޓްސް ކްލަބުގެ ޖާޒީގައި ވިދާލި ދާދުއަށް މި ސީޒަންގައި މާޒިޔާއާ އެކު އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ އިރު، މި ހަފްތާގެ މެޗަށް ނުކުތީ ވަރަށް ބޮޑު ކޮންފިޑެންސަކާ އެކުގަ އެވެ. އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމާ އެކު ކުޅުނު މެޗުގައި ހަތަރު ގޯލް ޖެހި ދާދުގެ ފަރާތުން މި ސީޒަންގައި މާޒިޔާ ޖާޒީގައި ފެނުނު އެންމެ ރަނގަޅު ކުޅުން ފެނުނީ ވެސް ޔޫވީއާ ދެކޮޅަށް މި ހަފްތާގައި ކުޅުނު މެޗުގަ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ދާދު އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު، އިސްމާއީލް މަހެފޫޒު އިންމަ ބުނީ މެޗުގައި މާޒިޔާގެ އެޓޭކްގެ ފަރާތުން ފެނުނީ ވަރަށް ހިތްހަމަ ޖެހޭ ކުޅުމެއް ކަމަށާއި، ހާއްސަކޮށް ދާދުގެ ކުޅުން ފާހަގަކޮށްލެވުނު ކަމަށެވެ.

"އެޓޭކިން ކޮމްބިނޭޝަންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. ހާއްސަކޮށް ދާދު މެޗުގައި ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" އިންމަ ބުންޏެވެ.

އިންމަ ބުނީ މުޅި މެޗުގައި ވެސް މާޒިޔާއިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ފުރަތަމަ ހާފް ތަންކޮޅެއް ދަށްކޮށް ދިޔަ ނަމަވެސް ދެވަނަ ހާފްގައި މާޒިޔާގެ ފަރާތުން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ކަމަށެވެ.

މި ހަފްތާގައި ކުޅުނު މެޗުން ތަފާތު ބޮޑުކޮށް މޮޅުވެ، މާޒިޔާ ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކުގަ އެވެ. ދެވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބޭ އިރު، މާޒިޔާއަށް އެއްވަނަ ލިބެނީ ފައިދާ އެއް ގޯލުންނެވެ.

comment ކޮމެންޓް