ގައްޒާގައި ކުރިއަށްދާ ވަރުގަދަ މުޒާހަރާތައް ހުއްޓާލުމަށް މިސްރާއި ސައުދީން ގޮވާލައިފި

ގައްޒާގައި މިހާރު ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގެ ތެރެއިން-- ފޮޓޯ މިޑުލް އީސްޓް މޮނިޓާ

ގައްޒާ (އޭޕްރީލް 9): "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފަަލަސްތީނުގެ މީހުން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމަށް ޓަކައި، ސުލްހަވެރިކަމާ އެކު ގައްޒާގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތައް ހުއްޓާލުމަށް ސައުދީ އަރަބިއްޔާއާއި މިސްރުން ގޮވައިލައިފި އެވެ.

މިސްރުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އިސްރާއިލުގެ ދުވަހު ނޫސް ޖެރޫސަލަމް ޕޯސްޓުން ބުނީ މުޒާހަރާތައް ހުއްޓާލައިފި ނަމަ މިސްރާއި ގަޒާ ގުޅޭ ރަފާ ބޯޑަރު އާންމުކޮށް ހުޅުވާލުމަށް ވެސް ގައްޒާގައި ވެރިކަންކުރަމުންދާ ހަމާސަ ޖަމާއަތަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި ބުނީ އެ ހުށަހެޅުން އައީ ސައުދީ އަރަބިއްޔާގެ ބާރު އެޅުމުގެ މަތިން ކަމަށެވެ.

ލަންޑަންގެ އަލް ހަޔާތު ނޫހުން ވެސް ވަނީ މިސްރު ސަރުކާރުގެ ވަފުދެއް ގައްޒާއަށް ދިޔަ ކަމަށާއި އަދި އޭގެ ތެރޭގައި މިސްރުގެ އިންޓެލިޖެންސްގެ ވެރިޔާ ޖެނެރަލް އައްބާސް ކާމިލް ހިމެނިވަޑައިގަންނަވާ ކަމަށް ބުނެފަ އެވެ.

ގައްޒާގައި ކުރިއަށް ގެންދާ މުޒާހަރާތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅައި ބަލަަހައްޓައިގެން ނޯންނާނެ ކަމަަށް ވެސް އިސްރާއިލުގެ އެތެރޭގެ ޖާސޫސީ އިދާރާ ޝިން ބެތުން ވެސް ވަނީ ކާމިލް އަށް ވަރަށް ފަހުން ދަންނަވައިފަ އެވެ.

އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތައް އިތުރަށް ވަރުގަދަވެގެން ދިޔައީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން ޣައްޒާ- ހަމާސްގެ ބޯޑަރުގެ ހަތަރު ދިމާލަކަށް އެތައް ހާސް ފަލަސްތީން ރައްޔިތުންނެއް އެއްވެ އަޑުއުފުލު އިރު، އިސްރާއީލު ސިފައިން ހަމަލާތަކުގައި އެދުވަހު އެކަނި ވެސް ނުވަ ފަލަސްތީން މީހަކު ޝަހީދު ކޮށްލި އެވެ.

މިސްރާއި އިސްރާއިލާ ސިޔާސީ ގުޅުން ގާއިމްކުރި ކަމުގައި ވިޔަސް އިސްރާއިލާއި ސައުދީ އަރަބިއްޔާއާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމްކޮށްފައެއް ނުވެ އެެވެ. ނަަމަވެސް ސައުދީން އީރާނާ ކުރިމަތިލުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، އިސްރާއިލާއި ސައުދީ އަރަބިއްޔާއާ ފަހަކަށް އައިސް އަޑިއަޑިން ވަރަށް ބޮޑަށް ގުޅުންތައް އޮންނަކަން ވަނީ ހާމަވެފަ އެވެ.

މަސްދަރު: ޖެރޫސަލަމް ޕޯސްޓު

comment ކޮމެންޓް