ފުރާވަރަށް އަޅާ އުމުރުގެ 12 ޕަސެންޓު ކުދިންނަކީ ދުންފަތް ތަޖުރިބާ ކުރާ ކުދިން: ޒެނީޝާ

ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ --- ފޮޓޯ: އައިޖީއެމްއެޗް

ދިވެހިރާއްޖޭގައި އުމުރުން 13 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގެ 12 ޕަސެންޓު ކުދިންނަކީ އެ އުމުރުގައި ދުންފަތުގެ އިސްތިއުމާލުކޮށް އެކަން ތަޖުރިބާކުރާ ކުދިންކަމަށް ޖެންޑާ އެންޑް ފެމެލީ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެެއްޖެއެވެ.

އައިޖީއެމްއެޗުގައި ޓޮބޭކޯ ސެސޭޝަން ކްލިނިކް ހުޅުވުމަށް މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ގިނަ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ ޒުވާނުން ހިމެނޭ މިންވަރު އިތުރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިރާސާތަކުން ދައްކާގޮތުގައި އުމުރުން 13 އަހަރާއި 14 އަހަރާ ދެމެދުގެ 12 ޕަސެންޓަށްވުރެ ގިނަ ކުދިން ދުންފަތުގެ އިސްތިއުމާލު ތަޖުރިބާ ކޮށްފައިވާކަން ފާހަގަ ކުރެވޭ.މީގެ މާނައަކީ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކީ ދުންފަތުގެ އިސްތިއުމާލު ކުރާ ކުއްޖެކޭ،" މިނިސްޓަރު ވިދާޅުވީ އުމުރުން ހަތް އަހަރުން ދަށުގެ ކުދިންވެސް ދުންފަތުގެ އިސްތިއުމާލުކޮށްފައިވާކަމަށް ދިރާސާ އިން ދައްކާ ކަމަށާއި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ދުންފަތުގެ ތަޖުރިބާ ކުރާ ކުދިންގެ އަދަދު އިތުރުވަމުންދާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ދުންފަތުގެ އަސަރު ނުސީދާ ގޮތެއްގައި ކުރާ މިންވަރުވެސް އިތުރުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން ހެދި ސްކޫލު ކުދިންގެ ސްކްރީނިން އެއްގައި އާއިލާގެ ތެރޭގައި ނުސީދާ ގޮތެއްގައި ދުމަށް ތައާރަފު ވެފައިވާކަން ފާހަގަ ކުރެވޭ. މީގެ ސަބަބުން ނޭވާ ހިއްލުން ފަދަ ސިއްހީ މައްސަލަތައް އިތުުވަމުންދާކަން ހިތާމައާއެކު ފާހަގަ ކުރަންޖެހޭ،"

ދުންފަތުގެ އިސްތިއުމާލުގެ އާދަ ކުދިންނަށް ދަސްވަނީ ގޭތެރެއިން ކަމަށާއި، ރަހުމަތްތެރިންނާއެކު އުޅޭއިރު އަންނަ ޕްރެޝަރުގެ ސަބަބުން ދުންފަތް ބޭނުންކުރަން ފަށާ ކުދިންވެސް ރާއްޖޭގައި އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯ އިން އަންދާޒާކޮށްފައިވާގޮތުން ރާއްޖޭގެ އާބާދީގެ 27 އިންސައްތަ މީހުން މަރުވަނީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުން މަރުވާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދިގު މުއްދަތަކަށް ދުންފަތް ބޭނުންކުރުމަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބަލިމަޑުކަން އިތުރުވާކަމެއް. މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސީދާ ގޮތުން ދަރިފުޅަށް އަސަރު ކުރާނެ ކަމެއް."

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ޑިރެކްޓާ އޮފް މެޑިކަލް ސާވިސަސް ޑރ. އަލީ ނަޒީމް ވިދާޅުވީ ރާއްޖޭގައި މަރުވާ މީހުންގެ 70 - 80 ޕަސެއްންޓު މީހުންނަކީ ސީދާ ގޮތެއްގައި ނޫނީ ނުސީދާ ގޮތެއްގައި ދުންފަތަށް ހުށަހެޅިފައިވާ މީހުން ކަމަށެވެ.

ދުންފަތް ކޮންޓްރޯލު ކުރުމަށް އަޅަން ނިންމާފައިވަ ފިޔަވަޅުތައް އިމްޕްލިމެންޓުކޮށް އެޑްވޮކޭޓު ކުރުމަކީ ބޮޑު ޗެލެންޖެއް ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.

comment ކޮމެންޓް