ހުރިހާ ގައުމަކުން ވެސް ރައްޔިތުންނަށް ޔުނިވާސަލް ހެލްތު ކަވަރޭޖު ދިނުމަށް ޑަބްލިއުއެޗްއޯއިން ގޮވާލައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދްހޮނަމް ---

ޔުނިވާސަލް ހެލްތު ކަވަރޭޖަކީ ހަމައެކަނި ފޯރާ މުއްސަނދި ގައުމުތަކުގައި އޮންނަންޖެހޭ ނިޒާމެއް ނޫންކަމަށް ވިދާޅުވެ، ހުރިހާ ގައުމަކުންވެސް ރައްޔިތުންނަށް ޔުނިވާސަލް ހެލްތު ކަވަރޭޖު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެޖްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދްހަނޮމް ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރު ބިނާވަނީ ޔުނިވާސަލް ހެލްތު ކަވަރޭޖަށެވެ.

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިދިޔަ ހަފްތާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ޑރ. ޓެޑްރޮސް ވިދާޅުވީ، ޔުނިވާސަލް ހެލްތު ކަވަރޭޖަކީ ސިއްހީ ފަރުވާއެއް ނުވަތަ އިންޝުއަރަންސަކަށް ވުރެ މާ ބޮޑު ކަމެއް ކަމަށެވެ.

"އެކަމަކީ ރައްޔިތުންނަށް ބޭނުންވާ ހާލަތާއި ވަގުތެއްގައި، މާލީ ބުރައެއް ނުޖެހޭނެ ގޮތަކަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބުން،" ޔުނިވާސަލް ހެލްތު ކަވަރޭޖަކީ ކޮބައިކަން ޑރ. ޓެޑްރޮސް ތަފްސީލު ކޮށްދެއްވިއެވެ.

"ސިއްހީ ފަރުވާ ދޭ ތަންތަން ދުރުވެގެން، ނުވަތަ އެ ފަރުވާ ހޯދާނެ މާލީ ތަނަވަސްކަން ނެތިގެން އެއްވެސް މީހެއްގެ ހާލު ދެރަވެ ފުރާނަ ގެއްލިގެން ނުވާނެ،"

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި، މިއަދު ދުނިޔޭގެ ޖުމްލަ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ އެންމެ އާދައިގެ ސިއްހީ ފަރުވާވެސް ނުލިބޭ މީހުންނެވެ. އަދި ސިއްހީ ފަރުވާއަށް އަމިއްލަ ޖީބުން ޚަރަދުކުރަން ޖެހި، ކޮންމެ އަހަރަކުވެސް 100 މިލިޔަނެއްހާ މީހުން ފަގީރުކަމުގެ ތެރެއަށް ވަންނަން ޖެހެއެވެ.

"މިކަން ނިމުމަކަށް އަންނަން އެބަ ޖެހޭ. ޔުނިވާސަލް ހެލްތު ކަވަރޭޖަކީ ހަމައެކަނި މުއްސަނދި ގައުމުތަކުގެ އަތްފޯރާ ފަށުގައި ވާންޖެހޭ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ޑރ. ޓެޑްރޮސް ވިދާޅުވީ ކޮންމެ ގައުމަކަށްވެސް އެ ގައުމެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޔުނިވާސަލް ހެލްތު ކަވަރޭޖް ދެވޭނެކަމަށާއި، ހެއްކާއި ތަޖުރިބާގެ އަލީގައި އެކަން ހާމަވާންވެސް އޮންނަ ކަމަށެވެ.

"މިކަން ކުރުމަށް ރަނގަޅު އެންމެ ގޮތެއް ނޫން އޮންނަނީ. އެގައުމެއްގެ މުޖުތަމައާއި، ސިޔާސަތުތަކާއި އިގްތިސާދަށް އެންމެ އެކަށޭނަ ގޮތަކަށް މިކަން ކުރެވިދާނެ،" ޑރ. ޓެޑްރޮސް ވިދާޅުވިއެވެ.

ޔުނިވާސަލް ހެލްތު ކަވަރޭޖުގެ ސަބަބުން ފަގީރުކަން ނެތި، އާ ވަޒީފާތައް އުފެދި، ދެޖިންސުގެ ހަމަހަމަކަން ގާއިމުވެ، އަދި އިގްތިސާދީ ގޮތުން ގައުމު ކުރިއަރާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

މިއަދަކީ ދުނިޔޭގެ ސިއްހަތު ދުވަހުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 70 ވަނަ އަހަރީ ދުވަހެވެ. މި ދުވަސް ބައިނަލްއަގުވާމީ ގޮތުން ރަސްމީކޮށް ފާހަގަކުރަމުން ދަނީ އަވަށްޓެރި ސްރީލަންކާގައެވެ.

comment ކޮމެންޓް