އައިޖީއެމްއެޗްގައި ޓޮބޭކޯ ސެސޭޝަން ކްލިނިކެއް ހުޅުވައިފި

އައިޖީއެމްއެޗު ގައި ޓޮބޭކޯ ސެސޭޝަން ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ---- ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗުގައި ޓޮބޭކޯ ސެސޭޝަން ކްލިނިކެއް ހުޅުވައިފިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓަލަން ބޭނުންވެފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މި ކްލިނިކް ހުޅުވުމަށް މިއަދު އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ކްލިނިކް ހުޅުވައިދެއްނީ މިނިސްޓަރ އޮފް ޖެންޑާ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީއެވެ.

މި ކްލިނިކްގެ ހިދުމަތް މާދަމާއިން ފެށިގެން ލިބޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ. ކްލިނިކް ގާއިމްކޮށްފައިވަނީ އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓުމެންޓުގައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ ޑިޕާޓުމެންޓުގެ ޑޮކްޓަރު ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެހީތެރިވުމަށް އައިޖީއެމްއެޗުގެ 24 މުވައްޒަފަކު ތަމްރީނު ކޮށްފައިވާނެ ކަމަށެވެ.

އައިޖީއެމްއެޗުގެ ރެސްޕިރޭޓަރީ ޑިޕާޓުމެންޓުގެ ޑޮކްޓަރު ޑރ. މުހައްމަދު އިސްމާއިލް --- ފޮޓޯ: އައިޖީއެމްއެޗް

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ ގިނަ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށާއި ދުންފަތާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅުންހުރި ބަލިތަކަށް ފަރުވާހޯދާ މީހުން ކޮންމެ ދުވަހަކުވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"ތަފާސް ހިސާތުތަކުން ދައްކާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތެރެއިން ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ބަލިމީހުންގެ ގާތްގަނޑަށް 70 ޕަސެންޓު މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުން،" ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ދުންފަތާ ގުޅުންހުރި ބަލިތަކަށް ފަރުވާކުރަން އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން ކަމަށެވެ.

ދުންފަތާ ސީދާގޮތުން ގުޅިފައިވާ ސީއޯޕީޑީގެ ބަލިމީހުން ރާއްޖޭގައިވެސް ވަރަށް ގިނަ ކަމަށާއި ބަލިން ސަލާމަތްވުމަށް އަޅަން އޮތް ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވެގެން އަމިއްލައަށް އަންނަ މީހުންނަށާއި، އެކި ޑޮކްޓރުން ރެފާކޮށްގެން އެތަނުގެ ހިދުމަތް ހޯދަން އަންނަ ބަލިމީހުންނަށް އަދި ހޮސްޕިޓަލުގައި އެޑްމިޓު ކުރެވޭ ބަލިމީހުންނަށްވެސް އެ ކްލިނިކުން އެހީ ދޭނެކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް