ރާއްޖެއިން ޗައިނާއާއެކު ބާއްވާ ގާތްގުޅުމަށް އެމެރިކާއިން ކަންބޮޑުވެއްޖެ

ރައީސް ޔާމީން ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ އަރިހުގައި--- ފޮޓޯ ރައީސް އޮފީސް

ރާއްޖެއިން ޗައިނާއާއެކު ބާއްވާ ގާތް ގުޅުމާމެދު އެމެރިކާއިން ކަންބޮޑުވާކަމަށް ބުނެފިއެވެ.

ޕްރެސް ޓްރަސްޓް އިންޑިއާ (ޕީޓީއައި)އަށް ދެއްވި އިންޓަވިއުއެއްގައި ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ ޖޯ ފެލްޓާ ވިދާޅުވީ ޗައިނާގެ ނުފޫޒު ރާއްޖެއަށް ބޮޑުވުމަކީ އިންޑިއާއެކޭ އެއްފަދައިން އެމެރިކާއިންވެސް އެކަމާ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އެއީ [ރާއްޖެއަކީ] އިންޑިއާގެ ބެކްޔާޑް. މިހާރު މި ހިނގާ ކަންތަކުގެ ސަބަބުން އިންޑިއާއިން ކަންބޮޑުވާނެކަން އެނގޭ. ކަންތައް ވާގޮތް އެމެރިކާއިންވެސް ބަލާނަން. އެއީ އަހަރެމެންގެ ޑިފެންސް ސްޓްރެޓެޖީގައިވެސް ހިމެނޭ ކަމެއް،" ފްލެޓާ ވިދާޅުވެފައިވެއެވެ.

ފްލެޓާ ގެ މިވާހަކަތައް އަމާޒުކުރެއްވީ ޗައިނާއިން ރާއްޖޭގެ ބިންތައް އަތުލަމުންދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އަމާޒުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ސަރަހައްދުގައި ހިނގާ ކަންތަކަށް ބަލާއިރު މިހާރު ފެންނަނީ ކަންބޮޑުވާންޖެހޭ މަންޒަރުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ލަންކާގެ ހަންބަންތޮޓަ ބަނދަރާއި، ޖިބޫތީ އަދި ޕާކިސްތާނުގެ ގުވާދަރު ބަނދަރު އޭނާ ފާހަގަ ކުރެއްވިއެވެ.

އުސޫލުތަކަށް ތަބާވާ އަދި ހުޅުވާލާފައިވާ މިނިވަން ތަނެއްގެ ގޮތުގައި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދު އޮންނަން އެމެރިކާއިން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާއާއި ޗައިނާ ގެ ދެމެދުގައި ނުތަނަވަސްކަމެއް އޮންނައިރު އެމެރިކާއާއި ޗައިނާއާ ދެމެދުވެސް މިހާރު ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.

މީގެ ކުރިން އިންޑިއާއިންވެސް ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން ބުނަމުން ދަނީ، ޗައިނާއިން ރާއްޖޭގައި ހިންގަނީ އިންވެސްޓްމެންޓްތަކެއް ކަމަށާއި، ހުރިހާ ގައުމަކަށްވެސް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

comment ކޮމެންޓް