ސިއްހީ ޚިދުމަތަށް ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަކުރަން ފިޔަވަޅުތަކެއް އެބަ އަޅަން: މިނިސްޓަރ

ހެލްތު މިނިސްޓަރު ނާޒިމް --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ސިއްހީ ދާއިރާ ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން ހެލްތު މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާވަމުން ދާއިރު، ބޭރުގެ ގައުމުތަކަށް ބަރޯސާވުން އިތުރުވަމުންދާ ދިއުން ކުޑަކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނާއި ނަރުހުން ތަމްރީނުކުރާ ޕްރޮގްރާމުތައް އިތުރުކުރެވި، މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމުވެސް ފެށިފައިވާ ކަމަށެވެ.

"އަދި މީހުން ތަމްރީނު ކުރުމަށްޓަކައި އަޅުގަނޑުމެން މިސްރާބު ޖަހާފައި މިވަނީ މެޑިކަލް ކޮލެޖެއް ގާއިމުކުރުމަށް. އުންމީދަކީ އެ ކޮލެޖުގައި މިއަހަރު ކިޔަވައިދެން ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި 190 ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި އޭގެ ތެރޭގައި ސްޕެޝަލައިޒްވުމަށް ފޮނުވުނު 52 ޑޮކްޓަރުންނާ އެމްބީބީއެސްއަށް ފޮނުވުނު 138 ދަރިވަރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ބައްޓަންކުރެވިފައި ވަނީ ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ވީހާވެސް ފަސޭހައިން ލިބޭނެ ފަދަ ގޮތަކަށް ކަމަށެވެ.

"ކެންސަރާއި ކިޑްނީ އަދި ހިތުގެ ބަލިފަދަ ބޮޑެތި ބަލިތަކަށް ރާއްޖެއިން މިހާރު ފަރުވާ ލިބެމުންދާކަމީ ދިވެހި ރައްޔިތުން މިކަމަށް ހެކިވާނެ އަލިގަދަ ދަލީލެއް،" ރާއްޖެއިން ފަރުވާ ނުލިބޭ ބަލިތަކަށް ހުސްނުވާ އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ލިބޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

"އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާ، އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ފަދަ ހިދުމަތްތަކާއެކު، ކިޑްނީ ބަލީގެ ފަރުވާއާއި، ދަތުގެ ފަރުވާއާއި ލޮލުގެބަލިތަކަށް ފަރުވާކުރުމުގެ ހިދުމަތްތައް އަތޮޅުތެރޭގައި އާންމުކުރެވި ތަރައްގީކުރެވެމުން އެބަދޭ،" ރާއްޖޭގެ ސިއްހީ ހާލަތަށް އަންނަމުންދާ ކުރިއެރުން ފަހަގަކުރައްވާ ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

ދެހާސް ތޭރަވަނަ އަހަރު ރާއްޖޭގެ ސިއްހީ ހޮދުމަތް ދޭން ތިބި ޑޮކްޓަރުންގެ ޢަދަދަށްވުރެ 413 އިތުރު ޑޮކްޓަރުން ސިއްހީ ހިދުމަތް ދިނުމުގައި މިހާރު އެބަ ތިއްބެވި ކަމަށާއި، އެ ތާރީހުން ފެށިގެން މިއަދާއި ހަމައަށް 681 ނަރުހުން ހިދުމަތުގައި އިތުރުވެފައިވާކަމަށް މިނިސްޓަރު ވިފާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއޮތް ހިސާބު ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހަތަރު އަހަތަށް ބަލާއިރު "ބަލިމީހުންނަށް ޚިދުމަތް ދިނުމަށް 382 އެނދު ވަނީ އިތުރު ކުރެވިފައި" ކަމަށެވެ.

ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އަމިއްލަ ފަރުދުންނާ ޢާއިލަތަކުން އުފުލަންޖެހޭ ޒިންމާގެ މަތިންވެސް ހަނދާންކޮށް އެ ޒިންމާ ނަގަންޖެހޭ ކަމަށާއި، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެ ތިބުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދިފައިވާއިރު ،"ދިރިއުޅުމުގެ ވައްޓަފާޅީއާ ގުޅިންހުރި ބަލިތަކުގެ ބިރުވެރިކަމުގެ ރަނގަބީލު މިވަނީ ޖަހަން ފަށާފައި" ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މިއަހަރުގެ ސިއްހަތު ދުވަހުގެ ޝިއާރަކީ" ޔުނިވަރސަލް ހެލްތް ކަވަރޭޖް، އެވްރީވަން، އެވްރީ ވެއަރ" ނުވަތަ "ސިއްޙަތުގެ ކައުނީ ހިޔާ؛ ކޮންމެ މީހަކަށް ކޮންމެ ތާކުން" އެވެ.

comment ކޮމެންޓް