އިސްރާއިލާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ގާޒާގެ ބިމުގައި ދިވެހި ދިދަ ޝުކުރާއެކު ވިހުރުވާލައިފި

ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ރާއްޖޭގެ ދިދަ އެގައުމުގައި ވިހުރުވާލަނީ--- ފޮޓޯ: ފްރެންޑްސް އޮފް ފަލަސްތީން- މޯލްޑިވްސް / ފޭސްބުކް

ފަލަސްތީނުގެ ގާޒާގައި އިއްޔެ އިސްރާއިލާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި އެގައުމުގެ ރައްޔިތުން ދިވެހިރާއްޖޭގެ ދިދަ ވިހުރުވާލައިފިއެވެ.

މި މުޒާހަރާއަކީ "ދަ ގްރޭޓް ރިޓާން މާޗް"ގެ ނަމުގައި ކުރާ މުޒާހަރާއެކެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ރެފިއުޖީންގެ ގޮތުގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ގައުމަށް އެނބުރި ދިއުމުގެ ފުރުސަތު ދިނުމަށާއި އެމީހުންނަށްވެސް ހަމަޖެހިގެން ދިރިއުޅުމުގެ ހައްގު ދިނުމަށް ގޮވާލައި، ކުރާ މުޒާހަރާއެކެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ގެނެސްދޭ ފޭސްބުކް ޕޭޖެއް ކަމަށްވާ "ފްރެންޑްސް އޮފް ފަލަސްތީން- މޯލްޑިވްސް"ގައި މި ފޮޓޯތައް އާންމު ކުރުމާއެކު ދިވެހިންގެ ހިތްތައް ވަނީ އުފަލުން ފޮޅިފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި މި ފޮޓޯތައް ދަނީ ވައިރަލް ވަމުންނެވެ.

ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ރާއްޖޭގެ ދިދަ އެގައުމުގައި ވިހުރުވާލަނީ--- ފޮޓޯ: ފްރެންޑްސް އޮފް ފަލަސްތީން- މޯލްޑިވްސް / ފޭސްބުކް

އެ ފޮޓޯތައް އާންމު ކުރުމަށްފަަހު އެ ޕޭޖުގައި ލިޔެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ ފޮޓޯ ގައި ރާއްޖޭގެ ދިދަ ހިފައިގެން ތިބީ ފަލަސްތީނުގެ އާންމުން ކަމަށެވެ.

ފަލަސްތީނުގެ ހައްގުގައި ދިވެހިން ކުރަމުންދާ މަސައްކަތާއި، ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނާ އެއްކޮޅަށް ދިވެހިން ކުރާ ވަކާލާތް އެގައުމުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއިން އިސްރާއިލާއެކު ގާއިމްކޮށްފައިވާ ގުޅުންތައް ކަނޑާލާފައި ވާތީ ފަލަސްތީނުގެ ރައްޔިތުން ޝުކުރުވެރިކަމާއެކު އެކަން ބަލައިގަނެއެވެ.

"އެމީހުންނަށް އެނގޭ ގައުމަކާ އެކު ގާއިމްކޮށްފައިވާ ގުޅުމެއް ކަނޑައިލުމަކީ ކިހާ ބޮޑު ކަމެއްކަން، އެކަން ފަލަސްތީނުގެ ރައްޔިތުން ބަލައިގަންނަނީ ޝުކުރު ވެރިކަމާއެކު،" ފްރެންޑްސް އޮފް ފަލަސްތީން-މޯލްޑިވްސްގެ ރައީސް މުއާޒް ޒަކީ "ސަން"އަށް ވިދާޅުވިއެވެ.

މިއީ ގާޒާގައި ދިވެހި ދިދަ އުފުލާލި ފުރަތަމަ ފަހަރެވެ.

"އަހަރެމެން އަބަދުވެސް ރާއްޖޭގައި ތިބި އަޚުންނާއި އުޚުތުން ދެކެ ލޯބިވޭ. އެ މެސެޖު އެމީހުންނަށް ރައްދުކޮށްދީ،" ފަލަސްތީނުގެ ރައްޔިތުން ރާއްޖޭގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ މިއީ ކަމަށް މުއާޒް ވިދާޅުވިއެވެ.

ފަލަސްތީނުގެ ގާޒާގެ ރައްޔިތުން ރާއްޖޭގެ ދިދަ އެގައުމުގައި ވިހުރުވާލަނީ--- ފޮޓޯ: ފްރެންޑްސް އޮފް ފަލަސްތީން- މޯލްޑިވްސް / ފޭސްބުކް

އިއްޔެ ރާއްޖޭގެ ދިދަ ވިހުރުވާ މުޒާހަރާގައި ބައިވެރިވި ގާޒާގެ ރައްޔިތެއްގެ ގަޔަށް އިސްރާއިލު ސިފައިން ވަނީ ބަޑިޖަހައިފައެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ފަލަސްތީނުގެ މުޒާހަރާގައި ބޭނުންކުރި ދިވެހި ދިދަ އަކީ އެގައުމުގެ ރައްޔިތުން އަމިއްލައަށް ޕްރިންޓު ނަގައިގެން ބޭނުންކުރި ދިދަ ތަކެއްކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް