މަގުމަތީގައި ކޯޓު ހެދީ އެތައް ބަޔަކު ވެގެން، އެކަމަކު އިލްޒާމް އެޅުވީ އަޅުގަނޑުގެ ބޮލުގައި: ރީކޯ މޫސަ

ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި އެއްވުމެއްގައި މޫސަ ވާހަކަފުޅު ދައްކަވަނީ: މަގުމަތީ ކޯޓު ހެއްދެވީ މި ދުވަހު -- ސަން ފައިލް ފޮޓޯ

އެމްޑީޕީ ސަރުކާރު އޮތް ދުވަސްވަރު މަގުމަތީގައި ކޯޓު ހެދީ އެތައް ބަޔަކު ވެގެން ކަމަށާއި ނަމަވެސް އެކަމުގެ އިލްޒާމް އެންމެ ފަހުވަގުތު އެޅުވީ އޭނާގެ ބޮލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާ މަނިކު ވިދާޅުވެއްޖެއެވެ.

"މިތިބޫ ރައީސް ޔާމީނާއެކު" ގެ ނަމުގައި މިރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރީކޯ މުސަ ވިދާޅުވީ މިވީހާ ޒަމާނުވަންދެން އިދިކޮޅުންވެސް ގޮވީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ކަމަށާއި އޭރު ފަނޑިޔާރުގޭގެ ހަލަތާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކައިގެ ހަގީގަތް މިހާރު ރަނގަޅަށް އެނގިވަޑައި ގަންނަވާނެ ކަމަށެވެ.

މޫސަ ވިދާޅުވީ އޭރު އޭނާ މަގުމަތީގައި ކޯޓް ހެދިކަމަށް ބުނެ އިލްޒާމް އަޅުވާއިރު އެއީ އެތައް ބަޔަކު ވެގެން ކުޅުނު "އިސްތިހާރެއް" ކަމަށެވެ.

"މަގުމަތީގައި ކޯޓު ހެދީމަ ހެދިމީހާ މި ނުބައިވީ. މިކަހަލަ ވާހަކައެއް މިއިން ތަނެއްގައި ބުނެގެން ގެންގޮސްފާނެ ކޯޓަށް ވެސް. އަޅުގަނޑު އެކަނި ކޮށްގެން އުޅޭ ކަމެއްވެސް ނޫން އެއީކީ. އެތައް ބަޔަކު ކުރި ކަމެއް އެކަމަކު އަޅުގަނޑުގެ ބޮލުގައި އަޅުވައިގެން އެވާހަކަ ދެއްކީ،" މޫސަ ވިދާޅުވިއެވެ.

މޫސަ މިހެން ވިދާޅުވިއިރު ރައްޔިތުންގެ ކޯޓުގެ ނަމުގައި ކޯޓެއް ހެދި މައްސަލައެއް ފުލުހުން މީގެ ކުރިން ވަނީ ތަހުގީގުކޮށްފައެވެ. އަދި ކޯޓުތަކުގެ ހުރުމަތް މޫސަ ކަނޑާލެއްވި ކަމުގެ ތުހުމަތުވެސް އޭނާ މައްޗަށް ކުރިން ވަނީ ކޮށްފައެވެ. އަދި އެމައްސަލަ ޕީޖީއަށްވެސް ފޮނުވިއެވެ. އެ މައްސަލަ ތަހުގީގު ކުރީ 2012 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކުރާ މަސައްކަތްތަކަކީ ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކަމަށެވެ.

ޒަމާނުންސުރެ ދިވެހިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރަން ރައީސް ޔާމީން ކުރައްވަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވަމުން މޫސަ ވިދާޅުވީ ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމް ހަރުދަނާ ކޮށް ވީހާވެސް ގާތުން ހިދުމަތް ދިނުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތްތަކަކީ ފާހަގަ ކޮށްލެވޭ ކާމީޔާބީއެއް ކަމަށެވެ.

މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ކެތް ނުވެގެން އުޅެނީ މި ރާއްޖޭގައި އިސްލާމީ ތައުލީމް ދޭތީ ކަމަށެވެ. އަދި އިސްލާމީ އުސުލޫތައް މި ސަރުކާރުން ދަމަހައްޓާތީ އެކަމާ ބޭރު މީހުންނާއި އިދިކޮޅު ކޯލިޝަނުން ކަންބޮޑުވި ނަމަވެސް އެކަން އޮންނާނީ އެގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް