މިފަހަރުގެ އިންތިހާބުގައި ރައީސް ޔާމީނަށް އެންމެ ބޮޑު ޕަސެންޓެއް އަރުވާނީ ހައްދުންމަތިން: އަދުރޭ

"މަގެ ދީނާ މަގެ ގައުމާ!"ގެ ނަމުގައި ސަރުކާރު ހިންގާ ކޯލިޝަންއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި އަދުރޭ ވާހަކަފުޅުދައްކަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް އަތޮޅަކުން އެންމެ ބޮޑު ޕަސެންޓެއް އަރުވަނީ ހައްދުންމަތީންކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި "މިތިބޫ ރައީސް ޔާމީނާއެކު" ގެ ނަމުގައި މިރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، ހައްދުންމައްޗަކީ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތުގައި ވަރަށްބޮޑު ހިއްސާއެއް އަދާކުރި އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ކުރި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ރައްޔިތުން ކަމަށެވެ.

އަދި މިދިޔަ 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯދައިދިން އަތޮޅަކީ ހައްދުންމަތި ކަމަށް އޭނާ ވިދާޅުވިއެވެ.

ހައްދުންމަތީގެ ރައްޔިތުންނަކީ ތަރައްގީއަށް ފެންބޮވައިގެންފައިވާ ބައެއްކަން ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީނަކީ ތަސައްވުރެއް އޮވެގެން ތަރައްގީ ގެނެސްދެއްވާނެ ގާބިލް ރައީސްއެއްކަން ހައްދުންމަތީ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދައިދޭނީ ހައްދުންމަތީން ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިއަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އަތޮޅަކުން ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ބޮޑު އިންސައްތައެއް އަރުވާނީ މި ފަހުރުވެރި ހައްދުންމަތިންނޭ. އަޅުގަނޑާ ވާދަވެރިން ވަޑައިގަންނަވާ އަޅުގަނޑާ ޖަދަލުކުރައްވަން. ހައްދުންމަތިން ލާހިކު ކުޅަދާނައެއް ނޫން ޖާގައެއް ހޯދާކަށް އެ ފުރުސަތެއް ހައްދުންމަތީ ރައްޔިތުން ނުވެސް ދޭނަން،" އަދުރޭ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަހުމަދު ޝަފީގް ވިދާޅުވީ، ރައީސް ޔާމީން ތަރައްގީ ގެންނަވަމުން ގެންދަވާއިރު އެމަނިކުފާނު ދޫކޮށްފައި ދިވެހި ރައްޔިތުންދާނެ ތަނެއް ނެތް ކަމަށެވެ.

އެހެންކަމުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދޭން ހުރިހާ ރައްޔިތުން ޕީޕީއެމްއާއެކު ތެދުވާނެ ކަމަށް ޝަފީގު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ހިކުމަތު އަމަލިއްޔާއާއި ކެތްތެރިކަން ފެނި އަޅުގަނޑުމެންނާ [ޕީޕީއެމް] އާ ގުޅޭ މެމްބަރުން އިންތިހާ އެނގޭތޯ. މިއީ ހެޔޮ ފާލެއް. އަޅުގަނޑުމެން އިންތިހާބަށް ދާތީ މިރާއްޖޭގެ ތިންބައިކުޅަ ދެބައި ރައްޔިތުންނާއެކީގައި،" ޝަފީގު ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ވިދާޅުވީ، ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ކަފުންކޮށް ވަޅުލާފައިވާއިވާ ކަމަށެވެ. އެ އަމުރު ތަންފީޒު ކުރަން އިދިކޮޅު ޕާޓީތަކުން މަގުމައްޗަށް ނުކުމެގެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ކާނަލް ވިދާޅުވިއެވެ.

ކާނަލް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އަދާލަތުގެ ނިޒާމުގައި މައްސަލަތަކެއް ހުރިކަން އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް އަދުލު އިންސާފުގެ ނިޒާމް ހަރުދަނާކޮށް އެދާއިރާގަ ހުރި މައްސަލަތައް ހައްލުކުރާނެ ކަމަށް ބުނި އެމްޑީޕީ މެމްބަރުން ވެސް ބައިވެރިވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ފެށީމަ [އަދުލުގެ ނިޒާމް އިސްލާހުކުރުމުގެ] އެ މަސައްކަތުގައި އެމްޑީޕީގެ ބޭފުޅުންގެ ބައިވެރިވުން އޮންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެމީހުންގެ ބައިވެރިވުމާ ނުލައިވެސް ފަނޑިޔާރުގެތައް ފޮޅައި ސާފުކޮށް އެތަންތާގައި ހުރި ފަނިފަކްސާތައް ނައްތާލާނަން،" ކާނަލް ވިދާޅުވި އެވެ.

އިސްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ، އިސްލާމްދީނުގައި ވެރިންނަކީ މާތް ބައެއް ކަމަށާއި ވެރިންނަށް ހެޔޮކޮށް ހިތުމަށް އިސްލާމްދީން ވެސް ބާރު އަޅުއްވާފައިވާ ކަމަށެވެ.

އަދި ފަހު ޒަމާނަށް އައިސް ވެރިން ބަދަލުވުން ގިނަވި ނަމަވެސް ހެޔޮވެރިކަމެއް ކޮށްދޭނީ މަދު ބައެއްކަން ފާހަގަކުރައްވައި ޖަލްސާގައި އޭނާ ވިދާޅުވީ، ރައީސް ޔާމީނަކީ ވަކި ފިކުރަކަށް ބެއްލެވުމެއްނެތި އެހީތެރިކަން ބޭނުންވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އަދި އޯގާތެރި ވެރިއެއް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފާއިތުވި ހަތަރު އަހަރު ރައްޔިތުންނަށް ގެނެސްދެއްވާފައިވާ ތަރައްގީއާއި ފަސޭހަތަކަށް ޝުކުރުއަދާކުރައްވައި އޭނާ ވަނީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިހާބު ކޮށްދެއްވުމަށް ހައްދުންމަތީގެ ހުރިހާ ރައްޔިތުންނަށް ގޮވާލައްވައިފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ، މިހާތަނަށް ހޯދުނު ކާމިޔާބީއެއް ހޯދިފައިވަނީ ރައީސް ޔާމީންގެ ހަތަރު އަހަރުގެ ތެރޭގައި ކަމަށާއި އެކަން ހައްދުންމައްޗަށް ބަލާލުމުން ވެސް ފެނިގެންދާ ކަމަށެވެ.

ޝާޑު ވިދާޅުވީ، ރައީސް ޔާމީނާއި މެޑަމް ފާތިމަތު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ އެންމެންގެ ކުރިމަގާއި ލާބަޔަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކަމަށެވެ. އެހެން ނޫނީ އެބޭފުޅުން ތިއްބަވާނީ އިނގިރޭސި ވިލާތުގައި ނުވަތަ އެހެން ގައުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނޯޓް: ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި އަހްމަދު ޝަފީގުއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެންވޯއި ފޯ ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމު އަދާކުރެއްވި އަހުމަދު ޝަފީގް (ޑީއޯ ސައްޕެ) ކަމަށް ބުނެ، މިޚަބަރުގައި ކުރިން ރިޕޯޓްކުރެވިފައިވަނީ އޮޅުމަކުންނެވެ. ވީމާ މިކަމަށްޓަކައި ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ އެންވޯއީ އަހްމަދު ޝަފީގާއި ސަންގެ ކިޔުންތެރީންގެ ކިބައިން މައާފަށް އެދެމެވެ.

comment ކޮމެންޓް