ރައީސް ޔާމީންގެ ދެވަނަ ދައުރުގެ ފުރަތަމަ ކެމްޕެއިން ވޮލަންޓިއަރަކަށް މެޑަމް ފާތިމަތު

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ކެމްޕެއިން ވޮލަންޓިއަރުންނަށް ފުރުސަތު ހުޅުވާލައި، ފުރަތަމަ ވޮލަންޓިއަރަކަށް ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ފަށައި މާލެ އަދި އަތޮޅުތެރޭގެ ރަށްތަކުގައި ކުރިއަށްދާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، ކެމްޕެއިން ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އެމަނިކުފާނު އަމިއްލަފުޅަށް އިއުލާން ކުރެއްވީ ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރަށްފަހު، ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން ޕީޕީއެމްގެ ކެމްޕެއިން އޮފީސް ކުރިމަތީގައި ޕާޓީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން "މިތިބޫ ރައީސް ޔާމީނާއެކު" ގެ ނަމުގައި ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ދެވަނަ ދައުރުގެ ކެމްޕެއިން ވޮލަންޓިއަރުންނަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އަދި ފުރަތަމަ ވޮލަންޓިއަރު ކާޑު ވަނީ މެޑަމް ފާތިމަތު އިބްރާހީމަށް އަރުވައިފައެވެ. އެ ކާޑު މެޑަމް އަށް އެރުވީ ރައީސް ޔާމީންގެ ދެވަނަ ދައުރުގެ ކެމްޕެއިން މެނޭޖަރު އަދި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން ބުނީ، ކެމްޕެއިން ވޮލަންޓިއަރުންގެ ޓީމުގައި ބައިވެރިވާން ބޭނުންވާ މީހުން، އެމީހެއްގެ ފުރިހަމަ ނަމާއި އައިޑީކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ޖެހުމަށްފަހު 7222989 އަށް އެސްއެމްއެސް އަކުން ފޮނުވުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

comment ކޮމެންޓް