ދިރާގާއި ތިލަފުށި ކޯޕަރޭޝަންވެސް ކުއާޓާއަށް

މިއަދު ޓީސީއެލްއަށް ހެޓްރިކް ކާމިޔާބުކޮށްދިން އޮންލީ --- ފޮޓޯ/ ކްލަބު މޯލްޑިވްސް ކަޕް

ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16ގެ މެޗުތައް މިއަދު ފަށައިފައިވާ އިރު، ދިރާގު އަދި ތިލަފުށި ކޯޕަރޭޝަނުންވެސް ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ.

ދިރާގުން މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ކްލަބު ވެމްކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދިރާގުންވަނީ ލީޑު ނަގައިފައެވެ. ނާއިފް ޝަފީގުގެ ގޯލުން ދިރާގުން ލީޑު ނެގި އިރު، ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ވެމްކޯއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ވެމްކޯއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހީމް ޖިނާހުގެ ގޯލުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ނަތީޖާ އޮތީ 1-1އިން އެއްވަރުވެފައެވެ. މެޗުގެ ނަތީޖާ ނެރުނީ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީ ޖަހައިގެން ދިރާގުން މެޗު ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ދިރާގަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ނާއިފް ޝަފީގު އަދި މުހައްމަދު ރިފާއުއެވެ. ވެމްކޯއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ޝަހީމް އަބްދުލް ގާދިރެވެ.

މިއަދު ހަވީރު ކުޅުނު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ތިލަފުށީ ކޯޕަރޭޝަނުން ޕަބްލިކްސް ވޯކްސް ބަލިކުރީ 6-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި ތިލަފުށީ ކޯޕަރޭޝަންގެ ހުސައިން ޝަރީފް (އޮންލީ) ހެޓްރިކް ހަދައިފައިވާ އިރު، މުހައްމަދު ލިޔާހުވަނީ ދެ ގޯލް ކާމިޔާބުކޮށްފައެވެ. މިހާތަނަށް ކްލަބު މޯލްޑިވްސް ކަޕްގައި ލިޔާހްވަނީ އަށް ގޯލް ޖަހައިފައެވެ. މިއަދުގެ މެޗުގައި ތިލަފުށީ ކޯޕަރެޝަނަށް ދެން ގޯލް ޖަހައިދިނީ އަބްދުﷲ ޒިޔާނެވެ.

މިއަދު ހަވީރުގެ މެޗުތަކުން މޮޅުވި ދިރާގާއި ތިލަފުށީ ކޯޕަރޭޝަންވެސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައި ވާއިރު، ކުއާޓާގައި ވާދަކުރަން ޖެހޭނީ އެ ދެޓީމެވެ. ކުއާޓާ ފައިނަލްގެ މެޗުތައް ފެށޭނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް