ލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދެ ދިވެއްސަކު ޒަހަމްވެއްޖެ

އެކްސިޑެންވި ވެހިކަލް ---

ސްރީ ލަންކާގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ލަންކާގައި ކިޔަވަމުންދިޔަ ދެ ދިވެއްސަކަށް އަނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ޒަހަމްވެފައިވަނީ ލީޑިން ޓީޗަރަކާއި ޕްރިންސިޕަލެކެވެ.

ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިރޭ ވިދާޅުވީ، އެ ހާދިސާ ޒަހަމްވެފައިވަނީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްކޮލަޝިޕެއްގެ ދަށުން ލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުގައި ކިޔަވަމުންދިޔަ ދެ ދިވެހިން ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ދެ ދިވެހިން ތިބި ވޭނާއި ބަހެއް ޖެހިގެން ހިނގި އެ ހާދިސާގައި އަނިޔާވެފައިވަނީ ދ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް ހާލިދު އަބްދުﷲ އާއި ސީއެޗްއެސްއީގެ ލީޑިން ޓީޗަރު އައިމިނަތު ޒާހިރާ އެވެ.

ސަފީރު ވިދާޅުވީ، ނޫރަލިޔާ އިން ކޮލަމްބޯއަށް ދިޔަ މަގުމަތީގައި ހިނގި އެ އެކްސިޑެންޓުގައި ޒާހިރާގެ ބޯ ފަޅައިގެން ދިޔައިރު ހާލިދުގެ ފަޔަށް އަނިޔާ ލިބިފައިވަ ކަމަށެވެ. ނަމަވެސް މާބޮޑު ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ނޫރަލިޔާއިން ކޮލަމްބޯއަށް އައީ ދިވެހިން ގޮވައިގެން ދެ ވޭނެއް. އޭގެން އެއްވޭނު މި އެކްސިޑެންޓުވީ. އެކްސިޑެންޓުގައި ބޯފަޅައިގެން ދިޔަ އަންހެން ބޭފުޅާގެ ސީޓީ ސްކޭނެއް މިހާރު ވަނީ ހަދާފައި. ނަމަވެސް ނަތީޖާ ދައްކާގޮތުން އެތެރެއަށް ބްލީޑްވެފައެއް ނެތް،" މުންދު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވީ، އެމްބަސީގެ ފަރާތުންނާއި ލަންކާގައި ހުންނަ އާސަންދަ އޮފީހުގެ ބޭފުޅެއް އަނިޔާވި ދެ ދިވެހިންގެ ހާލު ގާތުން ބަލަމުންދާ ކަމަށެވެ.

އެކްސިޑެންޓުގައި ދެ ދިވެހިންނާއެކު ވޭނު ޑްރައިވަރަށާއި ލަންކާގެ އެންއައިއީގެ ލެކްޗަރާއަށް ވެސް އެކިވަރުގެ އަނިޔާ ލިބުނެވެ. ނަމަވެސް ތަފްސީލެއް ނުލިބެއެވެ.

comment ކޮމެންޓް