މާވާރުލު އެއާޕޯޓްގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

މާވާރުލަށް ވަންނަން ކަނޑާފައި އޮތް ނެރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އެމްޓީސީސީ

ގައްދޫ ދާއިރާއާއި ގެމަނަފުށީ ދާއިރާއާވެސް ވަރަށް ގާތުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގދ. މާވާރުލުގައި އަޅާ އެއާޕޯޓްގެ މަސައްކަތް ފަށަން އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.

މާވާރުލު އެއާޕޯޓަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން އަޅަން މަސައްކަތްކުރަމުންދިޔަ އެއާޕޯޓެކެވެ. އެތަން ތަރައްގީކުރަން އެކި ކުންފުނިތަކާއެކު ސޮއިކުރި ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ މަސައްކަތް އޮތީ ނުފެށިއެވެ.

މާވާރުލު އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށާފައި މިވަނީ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ހިމަނައިގެންނެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކުރާ އެ އެއާޕޯޓް މަޝްރޫއުއަށް 57 މިލިއަން ދިވެހި ރުފިޔާ ހަރަދުކުރަން ވަނީ ނިންމާފައެވެ.

މާވާރުލުގެ އެއާޕޯޓް މަޝްރޫއުގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ވަނީ 1220 މީޓަރުގެ ރަންވޭއަކާއި އޭޕްރަންގެ އިތުރުން ޓެކްސީވޭ އަކާއި މީހުން އެރަށަށް އަރައި ފައިބައި ހެދުމަށް ޓަކައި ޖެޓީއެއް ތަރައްގީކުރަން އެމްޓީސީސީއަށް ދީފައެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމައި ގޮތަށެވެ.

އެމްޓީސީސީ ޕްރޮޖެކްޓްސްގެ ޓްވީޓާ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، މާވާރުލު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ރަށަށް ވަނުމަށް ކަނޑާފައި އޮތް ނެރު އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެކުންފުނިން ބުންޏެވެ.

މާވާރުލު އެއާޕޯޓް މަޝްރޫއު ފަށަން އެމްޓީސީސީން ތައްޔާރުވެފައިވާއިރު އެ ކުންފުނިން ގެންދަނީ ހދ. ކުޅުދުފުއްޓާއި ށ. ފުނަދޫގައި އަޅާ އެއާޕޯޓުތަކުގެ ރަންވޭ އާއި ޓެކްސީވޭ އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް