ވެނެޒުއޭލާއިން ޕެނަމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލައިފި

ވެނެޒުއޭލާއިން ވަނީ ޕެނަމާގެ ކޯޕާ އެއާލައިންސްގެ ފްލައިޓުތައް އެގައުމަށް ދަތުރު ކުރުން މަނާކޮށްފައި --

ކަރާކަސް (އޭޕްރިލް 6): ވެނެޒުއޭލާއިން ޕެނަމާގެ އިސް ބައެއް އޮފިޝަލުންނާއި ކުންފުނިތަކާއެކު އޮތް ވިޔަފާރީގެ ގުޅުންތައް މިއަދު ކަނޑާލައިފިއެވެ.

ވެނެޒުއޭލާއިން އެފަދައިން ނިންމާފައި ވަނީ އެގައުމުގެ 55 މީހަކާއި 16 ކުންފުންޏެއްގެ މައްޗަށް ޕެނަމާއިން މަނީ ލޯންޑަރިންގެ ތުހުމަތު ކުރުމުންނެވެ. މަނީ ލޯންޑާކުރުމުގެ "ހައި ރިސްކު" އޮތް މީހުންގެ ގޮތުގައި ޕެނަމާއިން ފާހަގަކުރި މީހުންގެ ތެރޭގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއާއި އެގައުމުގެ ނައިބު ރައީސާއި އެޓާނީ ޖެނެރަލް ވެސް ހިމެނުނެވެ.

އޭގެ ސަބަބުން ވެނެޒުއޭލާގެ ސަރުކާރުން ވަނީ ކުރިއަށް އޮތް 90 ދުވަސް ތެރޭގައި ޕެނަމާގެ 22 މީހަކާއި 46 ކުންފުންޏަކުން ވެނެޒުއޭލާގައި ވިޔަފާރީގެ މުއާމަލާތްތައް ކުރުންވެސް މަނާކޮށްފައެވެ. އޭގެ ތެރޭގައި ޕެނަމާގެ ރައީސް ހުއަން ކާލޯސް ވަރޭލާއާއި އެގައުމުގެ ގައުމީ އެއާލައިން ކޯޕާ އެއާލައިންސް ހިމެނެއެވެ.

އެމައްސަލައާ ގުޅިގެން ދެ ގައުމުގެ ސަފީރުން ވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ.

ކޮރަޝްޕަނާއި އިންސާނީ ހައްގުތަށް ނިގުޅައިގަތުމުގެ ތުހުމަތުގައި ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާއިން ވަނީ ވެނެޒުއޭލާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. ނަމަވެސް ވެނެޒުއޭލާއިން ވަނީ އެތުހުމަތުތައް ދޮގުކޮށް، އެއީ އެގައުމުގެ ސަރުކާރުގެ ބާރު ކަނޑުވާލުމަށް އެމެރިކާއިން އިސް ނަގައިގެން ކުރިއަށްގެންދާ "އިގުތިސާދީ ހަނގުރާމައެއް" ކަމަށް ބުނެފައެވެ.

(ރޮއިޓާސް)

comment ކޮމެންޓް