މުދަލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް!

އެމްޕީއެލްއިން ހިންގާ މާލޭ ވިޔަފާރި ބަނދަރު -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

އޭޕްރިލް އެއްވަނަ ދުވަހުން ފެށިގެން މުދާ އުފުލުމަށް އަމަލުކުރަންފެށި އާ ގަވައިދުގެ ދަށުން، މުދާ އުފުލާ ވަގުތުތަކަށް ބޮޑު ބަދަލެއް އައެވެ. ދުވާލު މާލޭގެ މަގުތައް އެންމެ ކާރުބާރު ބޮޑު ވަގުތުތަކުގައި މަގުތަކަށް ބާރު ކުޑަވާ ފަދަ ބަދަލެކެވެ.

ކަނޑައަޅާފައިވާ ގޮތުން، މާލެތެރެއަށް ވިއްކުމަށާއި އަދި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކާއި އެފަދަ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލަން ވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

އޭގެ އިތުރުން ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތީރިޓީން ކަނޑައަޅާފައި ވަނީ ހެނދުނު 08:30 އިން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

މާލޭ ވިޔަފާރި ބަނދަރުން ކޮންޓެއިނަރު ހުސްކުރުމަށާއި މުދާ އުފުލުމަށް މަސައްކަތްކުރާ މަޖޫރީން މި ބަދަލާ ހިތްހަމަނުޖެހި، ދިޔައީ ހަޅުތާލަށެވެ. ދުވާލު ދޯނިތަކަށް މުދާ ހުސްކުރުމަށް ފަހު، ރޭގަނޑުގެ ވަގުތުގައި މާލެތެރެއަށް މުދާ ފޯރުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއެވެ. އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެ، މަޖޫރީން ނިންމީ ކޮންޓެރިނަރު ހުސްކޮށްދޭ އަގުތައް ބޮޑުކުރާށެވެ.

އެމްޕީއެލް ސަރަހައްދުގައި މަޖޫރީން އިހްތިޖާޖްކުރަނީ. މަޖޫރީންނަށް ވަނީ ހަތް ދުވަސްތެރޭ އަލުން ރަޖިސްޓްރީވުމަށް އަންގައިފި-- ޓްވިޓަރ ފޮޓޯ: ރަމީޒް

މުދަލާއި ޚިދުމަތްތަކުގެ އަގުތައް އެއަށް ބިނާވާ ގިނަ ކަންތައްތަކެއް ހިމެނެއެވެ. އެގޮތުން، އެ މުދަލެއް ނުވަތަ ޚިދުމަތެއް އުފެއްދުމުގެ މަސައްކަތުން ފެށިގެން، އެ މުދަލެއް ނުވަތަ ޚިދުމަތެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމާ ހަމައަށް ކަޑައްތުކުރާ ހުރިހާ މަރުހަލާއެއްގައި ހިނގާ ޚަރަދުތައް، އަގުގެ ތެރޭގައި ހިމެނޭނެއެވެ.

މަސައްކަތް ކުރާ ވަގުތަށް ބަދަލު އައުމާއެކު މަޖޫރީން މުދާ އުފުލާ އަގު ދެގުނަ ކުރުމަކީ، އެ އަގުގައި މަޖޫރީން ލައްވާ މަސައްކަތްކުރާ ވިޔަފާރީން މުދަލުގެ އަގުވެސް ދެގުނައަށް ބޮޑުކުރަންޖެހޭ ވަރުގެ ކަމެކެވެ. ކޮންމެވެސް ބަހަނާއެއް ދައްކައި، ބިންވެރީން ކުލީގެ އަގު ބޮޑުކުރަންވެސްް ލިބޭ ފުރުސަތެކެވެ.

މިކްސްޑް އިކޮނޮމިކް ސިސްޓަމެއްގައި ޕްރައިވެޓް ސެކްޓަރާއި ޕަބްލިކް ސެކްޓަރުގެ ދައުރުވެސް އޮންނަ އިރު، މަޖޫރީން ޚިދުމަތުގެ އަގު ބޮޑުކުރުމާ އެކު އެކަމުގެ ތެރެއަށް ސަރުކާރުން ތަދައްޚުލުވާން މަޖުބޫރުވިއެވެ. އަދި މަޖޫރީން ޚިދުމަތް ފޯރުކޮށްދޭންޖެހޭ އަގު ސަރުކާރުން ކޮންޓްރޯލުކުރީއެވެ. އަދި އެ ރޭޓުތައް އިކޮނޮމިކް މިނިސްޓްރީން އާންމުކުރިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އަގުތައް ކަނޑައެޅީ ވިޔަފާރިވެރީންނާއި މަޖޫރީ ގްރޫޕުތައް ހިންގާ ބައެއް ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

"ހަމަ ހުރެފައި ހެދި އަގުތަކެއް ނޫނޭ އިނގޭތޯ. އަޅުގަނޑުމެން ބެލިން އެންމެ ކުޑަ އަގާއި އެންމެ ބޮޑު އަގުވެސް. އެއްވެސް ފަރާތަކަށް ގެއްލުން ނުވާ ގޮތަށް އަދި މަޖޫރީންގެ އާމްދަނީއަށް އިމްޕެކްޓެއް، ދަށްވުމެއް ނާންނާނެ ގޮތަށް، އެންމެންގެ ރައްކާތެރިކަމަށް މި ރޭޓު ކަނޑައެޅީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އަގުތައް ކޮންޓްރޯލްކުރުމާއެކު ދެން އިވިގެން ދިޔައީ ކޮންޓްރޯލްކުރި އަގުތަކަށް މަޖޫރީންވެސް ރުހުނު ވާހަކައެވެ. ނަމަވެސް އިތުރު އަގުތަކެއް ފެންމަތިކޮށްފައެވެ. އެއީ، ކޮންޓެއިނަރު ހުސްކުރުމަށް ސަރުކާރުން އެކުލަވައިލި ރޭޓުތަކުގެ އިތުރުން، ވެހިކަލަށް މުދާ އަރުވައިގެން ގެންގޮސް، ގުދަން ނުވަތަ ފިހާރަތަކަށް ހުސްކޮށްދޭން ވަކި އަގުތަކެއް އެމީހުން ކަނޑައެޅީއެވެ. އެއީ ހަމަ ކުރީންވެސް މަޖޫރީން ނިންމި ގޮތަށް، އެމީހުންދޭ ޚިދުމަތުގެ އަގު ދެގުނައަށް ބޮޑުވާނޭ ގޮތަށެވެ. ނަމަވެސް، އަގުތައް ކޮންޓްރޯލް ކުރިއިރު މިދެންނެވި ޚިދުމަތްތައް އޭގެ ތެރޭގައި ނުހިމެނެނީ ކަމަށް މަޖޫރީންނަށް ހީވި ކަމުގައި ވިޔަސް، ހަގީގަތަކީ ކޮންޓްރޯލް އަގުތައް ހަދާފައި ވަނީ، ފިހާރަ ނުވަތަ ގުދަނާ ހަމައަށް މުދާ ގެންގޮސްދިނުމުގެ ޚިދުމަތާވެސް އެކުގައެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި އެ އަގުތަކަކީ އިތުރު އަގެއް ނެގޭނެގޮތަށް އިންތިޒާމުވެފައިވާ ރޭޓުތަކެއް ނޫނެވެ. މާނައަކީ، އެމްޕީއެލްއިން މުދާ ބޭލުމުގެ މަސައްކަތުން ފެށިގެން އެތަކެތި ފިހާރަ ނުވަތަ ގުދަންތަކަށް ގެންދިއުމުގެ ޚިދުމަތްވެސް ހިމެނޭ ގޮތަށް ކަނޑައެޅި އަގުތަކެކެވެ. އެއީ ކުރީންވެސް މަޖޫރީން އެ މަސައްކަތް ކުރިގޮތެވެ. މަރުހަލާތަކަކަށް ބަހާލައިގެން އަގުތަކެއް ހަދާފައި ހުރީކީ ނޫނެވެ.

ޒަމާނުއްސުރެ އެކިއެކި އަގުތަކުގައި ދެމުން އައި ޚިދުމަތެއް ސަރުކާރުން ކޮންޓްރޯލުކޮށް، ރެގިއުލޭޓުކުރުމަކީ މުދަލުގެ އަގުތައް ހިފެހެއްޓުމަށް އެޅި ރަނގަޅު ފިޔަވަޅެކެވެ.

"މީގެ ކުރިން ޕަބްލިޝްޑް ރޭޓުތަކެއް ނުހުރޭ. އެހެންވެ ފުރުސަތު އެބަ އޮވޭ އެކި އަގުތަކުގައި މިކަން ކުރަން. މިއަދު މިކަން ފަސޭހަވެގެން މި ދިޔައީ ވިޔަފާރިވެރިންނާ މުދާ ކްލިއާކުރާ ފަރާތްތަކާއި އޮޑިދޯނިފަހަރަށް މުދާ އަރުވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ފަރާތްތަކަށްވެސް،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

ހަގީގަތުގައި މަޖޫރީންނަކީ ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރާބައެކެވެ. ހަމައެއާއެކު އަލަށް ގެނައި ބަދަލުތަކުގެ ސަބަބުން، މަޖޫރީންނަށް ލުއިފަސޭހަތަކެއް ލިބުނުކަން އެ މަސައްކަތުގައި އުޅޭ އެތަކެއް ބަޔަކު ފާހަގަވެސް ކުރެއެވެ. ކުރިން ދުވާލުގެ ގަދަފަދަ ހޫނު އަވީގައި ކުރަމުން ދިޔަ ކޮންޓެއިނަރު ކެނޑުމާއި ގުދަންތަކަށް މުދާ އުފުލުން ފަދަ މަސައްކަތް ރޭގަނޑަށް ބަދަލުވީއެވެ.

ގިނަބަޔަކު ގަބޫލުކުރީ މިއީ "ޕޮޒިޓިވް" ކަމެއްގެ ގޮތުގައެވެ. މިކަމަށް ހޭނެން ވަގުތުކޮޅެއް ނަގާނޭކަމެވެ. ރަނގަޅު ގޮތުގައި ކުރެވޭ ކަންތައްތަކުން އާޚިރުގައި ހުރިހާ ރައްޔިތުންނަށްވެސް ފައިދާކުރާނެއެވެ. ނަމަވެސް ގޮތްދޫނުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ހުރިހާ ރައްޔިތުންނަށް ކުރުމުގެ ކުރީން އެންމެވެސް މިފަދަ ކަންކަމަށް ވިސްނާލަން ޖެހެއެވެ.

comment ކޮމެންޓް