ކައުންސިލަރުން ސަސްޕެންޑްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

ހައިކޯޓު: ކައުންސިލަރުން ސަސްޕެންޑް ކުރި މައްސަލަ އެ ކޯޓަށް ވަނީ ހުށަހަޅައިފި --- ސަން ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

ލޯކަލަ ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ގިނަ ކައުންސިލަރުންތަކެއް ސަސްޕެންޑްކޮށްފައި ވާތީ އެކަން ބާތިލު ކޮށްދީ، ގާނޫނީ ހައްލެއް ހޯދައިދިނުމަށް އެދި ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ސަސްޕެންޑްކޮށްފައިވާ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ. މައްސަލަ ހުށަހެޅުއްވުމަށްފަހު ޔަސްރިފް ވިދާޅުވީ ހައިކޯޓަށް ދޫސްތޫރީ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ސަސްޕެންޑްކުރި މައްސަލަ ހުށަހެޅީ އެލްޖީއޭއިން ގާނޫނާ ހިލާފަށް ކައުންސިލުތައް ސަސްޕެންޑްކޮށްފައި ވާތީ އެކަން ބާތިލުކޮށް، ކައުންސިލުތައް ކުރިއެކޭވެސް އެއްގޮތަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

"ގާނޫނު ބުނާ ގޮތުން ރަށްރަށުގެ ކަންކަން ހިންގުމުގެ އެންމެ އިސް ފަރާތަކީ ކައުންސިލުތައް. އެކަމަށް ރައްޔިތުން ވަނީ ބަޔަކު އިންތިހާބުކޮށްފައި. ނަމަވެސް ފެނިގެން މިދިޔައީ އެލްޖީއޭގެ ވެސް ގާނޫނާ ހިލާފަށް ގިނަ އަދަދެއްގެ ކައުންސިލަރުންތަކެއް ސަސްޕެންޑްކޮށް ލާމަރުކަޒީ ނިޒާމް ހުއްޓުމަކަށް ގެނައި މަންޒަރު،" ޔަސްރިފް ވިދާޅުވިއެވެ.

އެލްޖީއޭއިން ދާދި ފަހުން 21 ކައުންސިލަރަކު ސަސްޕެންޑް ކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ނޫސްބަޔާނެއް ނެރެފައި ވާކަމަށް ބުނެއެވެ. މިއީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާ ޚިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

ސަސްޕެންޑްކުރި ތިން ކައުންސިލުން މީގެ ފަހުން އެ ދަރަޖައިގެ ކުށެއް ކޮށްފިނަމަ ކައުންސިލު ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އެލްޖީއޭއިން ވަނީ ދީފައެވެ.

އެލްޖީއޭއިން ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ފެބްރުއަރީ އެއްވަން ދުވަހުގެ ރޭ ނެރުއްވި އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލައި ނެރުނު ބަޔާންތަކުގައި ސޮއިކޮށްފައިވާ ކައުންސިލަރުން ސަސްޕެންޑް ކުރަމުންނެވެ.

comment ކޮމެންޓް