އިންޑިއާގައި ބާއްވާ ޑިފެންސް އެކްސްޕޯގައި ބައިވެރިވާން ރާއްޖެއިން ދެކޮޅު ހެދި: އިންޑިއާ

އިންޑިއާއާއި ރާއްޖެ ގުޅިގެން މީގެ ކުރިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގެ ބައިވެރިން ---

އިންޑިއާގައި ބާއްވާ ޑިފެންސް އެކްސްޕޯގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ދިނުމުން، އެކްސްޕޯގައި ބައިވެރިނުވެވޭނެކަން ރާއްޖެއިން އަންގާފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނީ މިމަހުގެ 11 އިން 14 އަށް އިންޑިއާގެ ޗެންނާއީ ކައިރީ އޮންނަ ތިރުވިދަންތައިގައި ބާއްވާ ޑިފެންސް އެކްސްޕޯގައި ރާއްޖެއިން މިނިސްޓީރިއަލް ލެވެލްގެ ވަފުދެއް ބައިވެރިވުމަށް ދައުވަތުދިން ކަމަށެވެ. ނަމަވެސް އެ ދައުވަތު ރާއްޖެއިން ގަބޫލުކޮށްފައިނުވާ ކަމަށް އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ވަނީ ބުނެފައެވެ.

"އިންޑިއާގައި ބާއްވާ މި އެކްސްޕޯގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރާއެކު އެ ފެންވަރުގެ ވަފުދެއް ބައިވެރިވާން ވަނީ ދައުވަތު ދީފައި. ނަމަވެސް އެ ދުވަސްވަރު ރާއްޖޭގެ ޑިފެންސް މިނިސްޓަރު އެހެން ދަތުރުފުޅެއްގައި ފުރާ ވަޑައިގަންނަވާތީ އެކްސްޕޯގައި ރާއްޖެއިން ބައިވެރިނުވާނެކަން ވަނީ އަންގާފައި،" އެ ނޫހުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި، ޗައިނާއާއެކު ބަދަހިކުރަމުން އަންނަ ގުޅުމާމެދު އިންޑިއާއިން އޮތީ ވަރަށް ކަންބޮޑުވެފައެވެ. މި އެކްސްޕޯއަށް ޗައިނާއަށްވެސް ދައުވަތު ދިން ކަމަށާއި އެގައުމުން ވެސް އެކްސްޕޯގައި ބައިވެރިވާނެކަން އަދި ކަށަވަރުކޮށްދީފައި ނުވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރެއެވެ.

އިންޑިއާގައި ބާއްވާ ޑިފެންސް އެކްސްޕޯގައި 677 އެގްޒިބިޓަރުންނާއި 154 ހަތިޔާރު އުފައްދާ ބޭރުގެ ކުންފުނިތައް އަދި 47 ގައުމެއްގެ ވަފުދުތައް ބައިވެރިވާނެ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

"މީގެ އިތުރުން މިނިސްޓީރިއަލް ލެވެލްގެ 18 ވަފުދެއް ވެސް ބައިވެރިވާނެ. 2016 ވަނަ އަހަރު ގޯއާގައި ބޭއްވި އެކްސްޕޯއާ އަޅާބަލާއިރު މިފަހަރުގެ އެކްސްޕޯގައި ބައިވެރިވާ ފަރާތްތައް ވަނީ 10 ޕަސެންޓު ދަށް ވެފައި،" އިންޑިއާ ސަރުކާރުގެ އޮފިޝަލު ވިދާޅުވިއެވެ.

މި އެކްސްޕޯގައި ރާއްޖެއިން ބައިވެރިނުވުމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އިންޑިއާގައި ބާއްވާ ޑިފެންސް އެކްސްޕޯގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ދިނުމުން، އެކްސްޕޯގައި ބައިވެރިނުވެވޭނެކަން ރާއްޖެއިން އަންގާފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާއިރު، އިއްޔެ އެ ނޫހުން ވަނީ ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ރާއްޖެއިން ނިންމާފައިވާ ކަމަށް ބުނެ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ދިވެހި އަސްކަރިއްޔާއިން ބުނީ ހެލިކޮޕްޓަރު ފޮނުވާލަނީ އޭތި އޮޕަރޭޓުކުރާގޮތާ މެދު ހިތްހަމަނުޖެހޭތީ ކަމަށެވެ.

comment ކޮމެންޓް