ރޯމާ އަތުން ބައިކޮޅަށް ވަން ދެ ލަނޑާއެކު ބާސާއަށް މޮޅެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 4-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން ބައިކޮޅަށް ވަން ދެ ލަނޑާއެކު ބާސެލޯނާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗުގައި ރޯމާ އަތުން ބާސާ މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ރޯމާއިން ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ ނަމަވެސް، ބާސާއިން ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ލިއޮނެލް މެސީގެ ހަމަލާއެއް ރޯމާގެ ކީޕަރު އެލިސަން މަތަކުރި އިރު، އިވާން ރަކިޓިޗްގެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 4-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ބާސާއިން މެޗުގެ ލީޑު ހޯދި ލަނޑު ފެނިގެންދިޔައީ 38 ވަނަ މިނެޓުގައެވެ. އެ ލަނޑަކީ ރޯމާގެ މިޑްފީލްޑަރު ޑެނިއެލް ޑި ރޮސީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭނާ އަތުން ބައިކޮޅަށް އެ ލަނޑު ވަދެފައިވަނީ މެސީއަށް އަންދުރޭސް އިނިއެސްޓާ ދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާއިން ދިޔައީ ރޯމާގެ ގޯލަށް ނުރައްކާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ބާސާއިން ދެ ލަނޑުގެ ލީޑެއް ހޯދިއެވެ. އެ ލަނޑަކީ ރޯމާގެ ޑިފެންޑަރު ކޮސްޓަސް މަނޯލަސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ބާސާއިން ދެ ލަނޑުގެ ލީޑެއް ހޯދިތާ ހަތަރު މިނެޓުތެރޭ އެޓީމުން ތިންވަނަ ލަނޑެއް ކާމިޔާބުކުރިއެވެ. ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާއެއް ކީޕަރު އެލިސަން މަތަކުރުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 4-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ފަހު ދިހަ މިނެޓުތެރޭގައި ރޯމާ އަދި ބާސާއިން ވެސް ލަނޑެއް ކާމިޔާބުކުރިއެވެ. މެޗުގެ 80 ވަނަ މިނެޓުގައި ޑިއޭގޯ ޕެރޯޓީ ދިން ބޯޅައަކުން ރޯމާގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޖެކޯއެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ބާސާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އުރުގުއާއީ ފޯވަޑް ސުއަރޭޒެވެ. އެ ލަނޑަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ސުއަރޭޒް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ކުއާޓާގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ސިޓީ އަތުން ލިވަޕޫލް ވަނީ މޮޅުވެފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ލިވަޕޫލް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

ކުއާޓާގެ ދެވަނަ ލެގު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުއެވެ. އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ސިޓީ ނުކުންނަ އިރު، ރަށުން ބޭރުގައި ބާސާ ނުކުންނާނީ ރޯމާއާ ދެކޮޅަށެވެ. އަންނަ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ރެއާލް މެޑްރިޑް ނުކުންނަ އިރު، ރަށުން ބޭރުގައި ބަޔާން މިއުނިކްއާ ދެކޮޅަށް ސެވިއްޔާ ނުކުންނާނެއެވެ.

comment ކޮމެންޓް