ފޭދޫ ބަލިކޮށް، ސ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިތަދުއަށް

މިނިވަން ޗެމްޕިއަންޝިޕްގެ ސ. އަތޮޅު ބުރުގެ ޗެމްޕިއަން ހިތަދޫ --- ފޮޓޯ/ އެފްއޭއެމް

ޕެނަލްޓީ ޝޫޓް އައުޓްގައި ފޭދޫ ބަލިކޮށް، ހިތަދޫން މިނިވަން ޗެމްޕިއަންޝިޕްގެ ސ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު ސ. އަތޮޅު ބުރުގެ ފައިނަލުގައި ފޭދޫ އަތުން ހިތަދޫ މޮޅުވީ 5-2ގެ ނަތީޖާއަކުންނެވެ.

ފޭދުއާއި ހިތަދޫ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ހިތަދުއަށް އަޑެލެކޭ ޑޭވިޑް އޮސެގިއޭ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 28 ވަނަ މިނެޓުގައި ފޭދުއަށް މުހައްމަދު ސަޔާން ސައީދު ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ފޭދޫގެ މައްޗަށް ހިތަދޫން ކުރި ހޯދީ 4-1ގެ ނަތީޖާއަކުންނެވެ. ހިތަދޫގެ ޕެނަލްޓީތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަޓަންގަނާ އޮނަމްބެލޭ އަރްމެލޭ ތިއެރީއާއި، އަހްމަދު އިބްރާހީމާއި، ހަސަން މިފްރާހް އަދި މުހައްމަދު މަމްނޫނެވެ. ފޭދޫގެ ހަމައެކަނި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހްމަދު ސައީދު (އައްމަޓީ)އެވެ.

ސ. އަތޮޅު ބުރުގައި ހިތަދުއާއި ފޭދޫގެ އިތުރުން ދެން ވާދަކުރީ މަރަދުއާއި މަރަދޫ ފޭދޫއެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފައިނަލަށް ދަތުރުކުރީ އެންމެ ރަނގަޅު ނަތީޖާތައް ހޯދި ދެ ޓީމެވެ.

ސ. އަތޮޅުގެ ޗެމްޕިއަން ހިތަދޫ ދެން ވާދަކުރަން ޖެހޭނީ ޒޯން އަށެއްގައެވެ. އެ ޒޯނުގައި ވާދަކުރާނީ ހިތަދުއާއި ޏ. އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމު، ދޫޑިގަންއެވެ. ޒޯން އަށެއްގައި ދެ ލެގު ކުޅުމަށްފަހު ޗެމްޕިއަންކަން ލިބޭނީ އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ. މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ އިތުރުން ފައިނަލް ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކެވެ.

comment ކޮމެންޓް