252 ރުފިޔާއަށް ގަތް ހިއްސާގެ އަގު މިހާރު 10،000 ރުފިޔާގައި!

އަބްދުރަހުމާން ސަން އަށް އިންޓަވިއު ދެނީ. އޭނާ އަކީ ހިއްސާގެ ބާޒާރުގައި ކުޅަދާނަ އިންވެސްޓަރެއް ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ދެހާހުގެ ކުރީގެ އަހަރުތަކަކީ ރާއްޖޭގެ ހިއްސާގެ ބާޒާރާ ގުޅޭ މައުލޫމާތު މާބޮޑަށް އާންމު ދުވަސްވަރެއް ނޫނެވެ. ހިއްސާގެ މުއާމަލާތްތައް ހިނގަނީ ކިހިނެއްކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. އޭރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހަރަކާތްތެރިވަނީވެސް ހަތަރު ކުންފުންޏަކުންނެވެ.

ދެހާސް ފަސްވަނަ އަހަރު ހ. ނޮވެލް، އަބްދުއްރަހުމާނު މުހައްމަދު މަސައްކަތް ކުރީ އެމްޓީސީސީ ޓަވަރުގައި، އެކުންފުނީގެ ވަޒީފާއެއްގައެވެ. އެ ދުވަސްވަރަކީ ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ހިއްސާގެ އަގު، ހިއްސާގެ ބާޒާރުގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދުވަސްވަރެކެވެ.

ނަމަވެސް އޭރު އަބްދުއްރަހުމާން އަކީ އެއްވެސް ކުންފުންޏެއްގެ ހިއްސާދާރެއް ނޫނެވެ. އަބްދުރަހުމާނުގެ ނަމުގައި އަލަށް ހިއްސާއެއް ގަތީ އެމްޓީސީސީންނެވެ.

"އޭރު އަޅުގަނޑުމެން ކުންފުނީގެ ހިއްސާގެ އަގު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި. ދެ ހިއްސާއެއް އުޅުނު ވަރަށް ބޮޑަށް އަގު ދަށަށް ގޮސްފައިވާ. އެގޮތާ ހިތްހަމަނުޖެހިގެން އަޅުގަނޑު ހިތަށް އެރީ އެ ދެ ހިއްސާ ގަންނާނިއްޔޭ،" ހިއްސާއެއް 126 ރުފިޔާ މަގުން ގަންނަން ދިމާވިގޮތް އަބްދުރަހުމާނު ހިއްސާކުރިއެވެ.

ހިއްސާ ގަންނަ މީހާ ޖެހޭނީ ކެތްކުރަން. އަބަދުވެސް އުންމީދު ކުރަންޖެހޭނެ

އެއީ މީގެ 13 އަހަރު ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

"އޭރު ހިއްސާގަތީ އެކަމަށް މާ ބޮޑު ޝައުގެއްވެސް ހުރެގެންނެއް ނޫން،"

އޭރު 252 ރުފިޔާ ހަރަދުކޮށްގެން އަބްދުރަހުމާނު ކުރި "އިންވެސްޓުމެންޓު"ގެ ފައިދާ މިއަދު އޭނާއަށް ދަނީ ފެންނަމުންނެވެ. އެމްޓީސީސީގެ އިތުރުން ބީއެމްއެލް، ދިރާގު، ސެންޗޫރިއަން އަދި އުރީދޫގެ ހިއްސާވެސް އޭނާ ވަނީ ގަނެފައެވެ. އެ ކުންފުނިތަކުގެ ހިއްސާ އޭނާ ގަނެފައިވަނީ އެމްޓީސީސީއިން ފުރަތަމަ ގަތް ދެ ހިއްސާއަށް ލިބުނު ފައިދާއިންނެވެ.

"ފުރަތަމަ ދެ ހިއްސާ ގަތީ އެމްޓީސީސީ އިން. އޭގެ ފައިދާ އިން މިހާރު އެމްޓީސީސީގެ 280 ހިއްސާ ގަނެވިއްޖެ. 'ހިއްސާ އިން ހިއްސާ ވިއްސާ' އޭގެ ފައިދާ އިން އިތުރު ހިއްސާ ގަންނަނީ. މިހާރު އެމްޓީސީސީގައި ހުރި ހިއްސާގެ އަގު އެކަނި 10،000 އަށް އަރާނެ،"

އަބްދުރަހުމާން. އޭނާ އަކީ ހިއްސާގެ ބާޒާރުގައި ކުޅަދާނަ އިންވެސްޓަރެއް ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަބްދުރަހުމާނު ބުނީ އޭނާ ހިއްސާގެ ބާޒާރަށް ނިކުތްފަހުން ހިއްސާ ވިއްކި ހުރިހާ ކުންފުންޏަކުން ހިއްސާ ގަނެފައިވާނެ ކަމަށެވެ.

"ހިއްސާގެ ބާޒާރަކީ ފައިދާ ލިބޭނެ ތަނެއް. ބައެއް ފަހަރު ދެރަވެދާނެ (ފައިދާ ނުބަހާނަމަ). ގެއްލުންވާނަމަ ޖެހޭނީ ކެތްކޮށްލަން. އަނެއް ފަހަރުތަކުގައި ވަރަށް ހިނި އަންނާނެ. ފަންސާސް ޕަސެންޓު، ސަތޭކަ ޕަސެންޓުވެސް ފައިދާ ލިބޭ،" ހިއްސާގެ ބާޒާރާ ގުޅޭގޮތުން އަބްދުރަހުމާނު ބުންޏެވެ.

"ހިއްސާ ގަންނަ މީހާ ޖެހޭނީ ކެތްކުރަން. އަބަދުވެސް އުންމީދު ކުރަންޖެހޭނެ. ހިއްސާ ވިއްކާ ކުންފުނިތަކުން ހިއްސާދާރުންނަށް ގެއްލުން ލިބޭނެ ކަމެއް ކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރަން،"

އަބްދުރަހުމާނު ބުނީ ކުންފުނިން ބަލާނީ ހިއްސާދާރުންނަށް ލިބޭ ފައިދާގެ އިތުރުން ކުންފުންޏަށާއި ކުންފުނީގެ މުވައްޒަފުންނަށް ލިބޭނެ ފައިދާއަށް ކަމަށެވެ.

ހިއްސާ ގަންނައިރު ކުރަންވީ ކަމަކީ ހިއްސާގެ ބާޒާރަށް އަންނަ ބަދަލުތައް ދިރާސާކުރުން ކަމަށް އެނާ ބުންޏެވެ.

ފުރަތަމަ ޑިޕޮސިޓަރީ އެކައުންޓުގެ ވެރިޔާ

އަބްދުރަހުމާނަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި "ކުޅަދާނަ" ހިއްސާދާރެކެވެ. ހިއްސާގެ ބާޒާރުގައި އޭނާގެ ނަން އިތުރުގޮތަކަށްވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާ އަކީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގައި އެންމެ ފުރަތަމަ އެކައުންޓެއް ހުޅުވި ފަރާތްވެސް މެއެވެ.

"އޭރު އަޅުގަނޑު އޮފީހުގައި އިންދާ ސީއެމްޑީއޭއިން ގުޅާފަ ބުނީ ސެކިއުރިޓީސް ޑިޕޮސްޓްރީ ތައާރަފް ކުރަން ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވާން އޮތް މީހާއަށް ބައިވެރިއެއް ނުވެެޔޭ. މީހަކު ހޯދައިދެވިދާނެހޭ؟ އެގޮތުން އެ ރަސްމިއްޔާތުގައި ބައިވެރިވީ އަޅުގަނޑު"

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ހިނގާ ހުރިހާ މުއާމަލާތެއްގެ ސެޓްލްމެންޓް ހިނގާ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ތައާރަފުކޮށް އެތަނުގައި އެންމެ ފުރަތަމަ އެކައުންޓު ހުޅުވި މީހާގެ ޝަރަފު އަބްދުރަހުމާނަށް ލިބުނު އިރު އޭނާއަކީ އެއްވެސް ކުންފުންޏެއްގެ ހިއްސާދާރެއް ނޫނެވެ.

ސެކިއުރިޓީސް ޑިޕޮސިޓަރީއަކީ ހިއްސާ ވިއްކާ މީހާއަށް ހިއްސާގެ ފައިސާ ދިނުމާއި ހިއްސާ ގަންނަ މީހާއަށް ހިއްސާ ދިނުމުގެ މަސައްކަތް ކުރާ އިދާރާއެވެ.

މިހާރު މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސްޓްރީގައި 32،000 ޑިޕޮސިޓަރީ އެކައުންޓު އެބަހުއްޓެވެ.

ގަނެފައިވާ ހިއްސާތައް ރައްކާކޮށްފައިވަނީ ސެކިއުރިޓީސް ޑިޕޮސިޓަރީގެ އެކައުންޓުގައެވެ. ހިއްސާ ސެޓުފިކެޓުތައް ގެއްލުމާއި، ހަލާކުވުން ފަދަ ކަންތައް އޭގެ ސަބަބުން ކުރިމަތިނުވާނެ ކަމަށާއި، ހިއްސާގެ ފައިސާ ބޭނުންވުމުން ހިއްސާދާރަށް ލިިބޭނެ އިންތިޒާމުވެސް ހަމަޖެހޭކަމަށް އަބްދުރަހުމާނު ވިދާޅުވިއެވެ.

ފުރަތަމަ ގަތް ދެ ހިއްސާގެ ފައިދާއިން ހިއްސާ އިތުރުކުރުމަށް އަޒުމު ކަނޑައެޅި އަބްދުރަހުމާނު ބުނީ "ދެ ހިއްސާ އިން 280 ހިއްސާ އަށް އިތުރުވުމަކީ ފޮނި ދަތުރެއް" ކަމަށެވެ. މިހާރު ހިއްސާ ގަންނަން އެއްވެސް ޖެހިލުމެއް ނުވާކަމަށް އޭނާ ބުންޏެވެ.

"އެވަގުތަށް އަތުން ލާރިކޮޅެއް ދިޔަ ނަމަވެސް މުސްތަގުބަލަށް ވިސްނާއިރު އެއީ މީހާއަށް ލިބޭ ފައިދާއެއް،" ހިއްސާ ގަނެވިއްކުމުގެ ތަޖުރިބާ ހިއްސާކުރަމުން އަބްދުރަހުމާނު ބުންޏެވެ.

"ހިއްސާ ގަތުމާ މެދު ފިކުރު ބޮޑުނުވޭ، ހެޔޮ ނަތީޖާ ފެންނާނެ"

ހިއްސާގެ ބާޒާރަށް ނިކުންނަން ބޭނުންވެ، އެކަމަށް ކުރިމަތިލާން ނުކެރިފައި ތިބި މީހުންނަށް އަބްދުރަހުމާނު ވަނީ "ޓިޕެއް" ދީފައެވެ.

"އެއްވެސް ބޭފުޅަކު ހިއްސާ ގަތުމާމެދު ފިކުރު ބޮޑުވެފައި ހުންނާނެ ކަމެއް ނެތޭ، ކޮންމެ ބޭފުޅަކުވެސް އެންމެ ހިއްސާ އެއްނަމަވެސް ކޮންމެވެސް ތަނަކުން ބައްލަވައިގަންނާށޭ. އޭގެ ނަތީޖާ އެބޭފުޅަކަށް ފެންނާނެ،"

ކުންފުނިތަކުގެ ހިއްސާގެ އަގު މައްޗަށް ދާއިރު ވިއްކާލައި އޭގެ ފައިިދާ ހާސިލުކުރެވޭނެ ކަމަށް އެނާ ބުންޏެވެ.

ހިއްސާގެ ބާޒާރާގުޅޭގޮތުން އަބްދުރަހުމާނު ބުނީ ހިއްސާ ވިއްކާ ކުންފުނިތަކުން، އެކުންފުނިތަކާމެދު އާންމުން ހޭލުންތެރިކުރާ މިންވަރު މަދު ކަމަށެވެ.

އަބްދުރަހުމާން ސަން އަށް އިންޓަވިއު ދެނީ. އޭނާ އަކީ ހިއްސާގެ ބާޒާރުގައި ކުޅަދާނަ އިންވެސްޓަރެއް ---- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"ޕްރޮމޯޓު ކުރަން ކުންފުނިތަކުން މަސައްކަތް ނުކުރެޔޭ ދެންނެވޭނީ. އެއީ މާކެޓަށް ނިކުތުމަށް އޮތް ހުރަހެއް،"

އޭނާ ބުނީ އަމިއްލަ ކުންފުނިތަކުންވެސް އެކުންފުނިތަކުގެ ހިއްސާގެ ކޮންމެވެސް ވަރެއް އާންމުންނަށް ވިއްކަން ވިސްނުން މުހިންމު ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ އެއްގޮތަކަށް ވެސް މާކެޓަށް ނުނިކުމެ ތިބޭނެ ކަމެއް ނެތޭ ކުންފުނިތަކުން. އެކަމަކު ކުންފުނިތަކުން އެބަ ޖެހިލުންވޭ މާކެޓަށް ނިކުންނަން. މިސާލަކަށް 10 ޕަސެންޓު ނޫނީ ފަސް ޕަސެންޓު ވިޔަސް ޕަބްލިކަށް ދޫކޮށްލަދޭށޭ. ކުންފުންޏަށްވެސް ފައިދާ ލިބޭނެ. ހިއްސާ ފައިސާ އިންވެސްޓު ކޮށްގެން އިތުރަށް ވިޔަފާރި ފުޅާވެސް ކުރެވެނެ،"

ރާއްޖޭގެ ހިއްސާގެ ބާޒާރާމެދު އަބްދުރަހުމާނުގެ އުއްމީދުތަކެއް އެބަހުއްޓެވެ.

"ރާއްޖޭގެ ކުންފުނިތަކުގެެ ހިއްސާ ބޭރުމީހުން ގަންނާނެ ދުވަހެއް ދެކެން ބޭނުން. ކުންފުނިތަކުން އެ ކަމަށް މަސައްކަތް ކުރާތަންވެސް ދެކެން ބޭނުން." އަބްދުރަހުމާނު ބުންޏެވެ.

comment ކޮމެންޓް