ރަންބީރު އަދި ދީޕިކާ އެކުގައި، އެކަމަކު މިފަހަރު ފިލްމަކުން ނޫން!

ބޮލީވުޑްގެ ފެޝަން ޑިޒައިނަރު މަނީޝް މަލޯތުރާގެ ކުރިއަށް އޮތް މިޖްވާން ފެޝަން ޝޯގެ ޝޯ ސްޓޮޕަރުންގެ ގޮތުގައި ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުންގެ އިތުރުން ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ރަންބީރު ކަޕޫރު އަދި ދީޕިކާ ޕަދުކޯން ހަމަޖައްސައިފިއެވެ.

މި އަހަރުގެ ފެޝަން ޝޯގެ ޝޯ ސްޓޮޕަރުންނަކީ ރަންބީރު އަދި ދީޕިކާ ކަމަށް ބުނެ ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މަނީޝް އެކަން ޔަގީންކޮށްދިނީ އިއްޔެއެވެ.

މިދިޔަ އަހަރު މަނީޝްގެ ޝޯ ސްޓޮޕަރުންނަކީ ޝާހްރުކް ޚާން އަދި އަނުޝްކާ ޝަރްމާ އެވެ.

ރިޕޯޓުތައް ބުނާގޮތުން ރަންބީރު އަދި ދީޕިކާ އާއެކު މިޖްވާން ފެޝަން ޝޯ 2018 އޮންނާނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މިއީ ރަންބީރ އަދި ދީޕިކާގެ ޖޯޑަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވާނެއެވެ. ފިލްމަކުން ނޫން ނަމަވެސް، ދެމީހުން އެކުގައި ފެނިލުމަށް ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ.

ދީޕިކާއާއި ރަންބީރު އެކުގައި އެންމެ ފަހުން ފެނިގެން ދިޔައީ 2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ތަމާޝާ" އިންނެވެ. ފިލްމަށް މާބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް، ދެމީހުންގެ އޮންސްކްރީން ކެމިސްޓްރީ ވަރަށް ފުރިހަމައެވެ.

ދެމީހުންގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލައިލާއިރު، ރަންބީރު ފެންނަނީ ވަރަށް ބިޒީކޮށެވެ. އަޔާން މުކަރްޖީގެ "ބްރަހްމަޝްތުރާ"ގެ ޝޫޓިން ކުރިއަށް ދާއިރު، އަންނަ ޖޫން މަހު ރިލީޒްކުރާ، ސަންޖޭ ދަތުގެ ބަޔޮޕިކްގެ ޕްރޮމޯޝަން މަސައްކަތްތައްވެސް ކުރިއަށް އެބަ އޮތެވެ.

ސިއްހީ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުން ދީޕިކާ މިދުވަސްކޮޅު ހުރީ މަސައްކަތުން ކުރު ޗުއްޓީއެއް ނަގައިގެންނެވެ.

comment ކޮމެންޓް