ރަނިލް ބޭރުކުރަން މިރޭ ވޯޓުދޭ މިނިސްޓަރުން ކެބިނެޓުން ވަކިކުރަން ނިންމައިފި

ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ --

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ ވޯޓު މިރޭ ނެގުމަށް ހަމަޖެހިފައިވާ އިރު، ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީގެ ސްލޮޓުތަކުގައި އެގައުމުގެ ކެބިނެޓުގައި ތިއްބެވި މިނިސްޓަރުން ރަނިލްއާ ދެކޮޅަށް ވޯޓުލައިފި ނަމަ މަގާމުން ވަކިކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފިއެވެ.

ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މައިގަނޑު ސަބަބަކަށް ވީ، އެގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރުކަމަށް ބޭރު ގައުމެއްގެ ރައްޔިތުކަން އޮތް މީހަކު އައްޔަނުކުރުމާއި، ކޮރަޕްޝަން ހިމެނޭ ގޮތަށް ސެންޓްރަލް ބޭންކު މެދުވެރިކޮށް ވިއްކި ބޮންޑެއްގެ މައްސަލައިގައި ބޮޑުވަޒީރުގެ އަތެއް ވާކަމަށް ތުހުމަތު ކޮށްފައެވެ.

ސެންޓްރަލް ބޭންކުގެ ބޮންޑުގެ މައްސަލައިގައި، އޭރު ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި ރަވީ ކަރުނާނަޔަކަ ވަނީ ލަންކާގެ ކެބިނެޓުން އިސްތިއުފާ ވެސް ދެއްވާފައެވެ.

ލަންކާގައި ގާއިމުކޮށްފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ހިމެނޭ މައި ދެ ޕާޓީއަކީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިނެޑް ނޭޝަނަލް ޕާޓީއާއި ރައީސް މައިތުރިޕާލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)އެވެ.

އެހެން ނަމަވެސް ރައީސް ސިރިސޭނާގެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ބޮޑުވަޒީރު ސަލާމަތްކުރަން ވޯޓު ނުދޭން ނިންމާފައެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ ވޯޓުގައި ނަތީޖާ ނުކުންނާނެ ގޮތާ މެދު ލަންކާގެ ސަރުކާރުވެސް އޮތީ ޝައްކެއްގެ ތެރޭގައެވެ.

މި މައްސަލައިގެ ބަހުސަށް 12 ގަޑި އިރުގެ މުއްދަތެއް ކަނޑައަޅައި، މިއަދު ހެނދުނު ބަހުސް ފެށި އިރު ސްރީލަންކާ ފްރީޑަމް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، އެގައުމުގެ ހެލްތު މިނިސްޓަރު އަދި ކެބިނެޓް ސެކްރެޓަރީ ރާޖިތަ ސޭނާރަތުނަ ބީބީސީ ސިންހަލައަށް ވިދާޅުވީ މަޖިލީހުގައި ބޮޑުވަޒީރު ރަނިލްގެ އިތުބާރު ނެތްކަމަށް ވޯޓުދޭ އެސްއެލްއެފްޕީގެ މިނިސްޓަރުން މަގާމުން ވަކިކުރާނެ ކަމަށެވެ.

"ބޮޑުވަޒީރާ ދެކޮޅަށް ވޯޓުދޭ އެސްއެލްއެފްޕީ މިނިސްޓަރުން ވަޒީރުކަމުން ވަކިކުރެވޭނެ. ބޮޑުވަޒީރު މި ވޯޓު ކާމިޔާބު ކުރެއްވުމުން ކެބިނެޓަށް ބަދަލުތަކެއް ގެނެވޭނެ،" މިނިސްޓަރު ރާޖިތަ ވިދާޅުވިއެވެ.

އެސްއެލްއެފްޕީ ތަމްސީލުކުރާ މަޖިލީސް މެމްބަރު އަދި ސްޓޭޓް އެންޓަޕްރައިޒް ޑިވެލޮޕްމެންޓް ސްޓޭޓު މިނިސްޓަރު ލަކްޝްމަން ޔަޕާ އަބޭވަރްދަނަ ވިދާޅުވީ ވޯޓު ދޭނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ދެކޮޅަށް ކަމަށެވެ. ނަމަވެސް ސްޓޭޓު މިނިސްޓަރ ފޯރ ނޭޝަނަލް ރިކޮންސިލިއޭޝަން އަބްދުލްހަމީދު މުހައްމަދު ފައުޒީ ވިދާޅުވީ ވަކި ގޮތަކަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

ކުރީގެ ރައީސް އަދި މިހާރު ލަންކާގެ ޕާލަމެންޓުގެ މެމްބަރު މަހިންދަ ރާޖަޕަކްސަގެ ގުޅިފައިވާ އިދިކޮޅު ޕާޓީތައް (ޖޮއިންޓް އޮޕޮޒިޝަން)ގެ ފަރާތުން ހުށަހެޅި އިރުބާރު ނެތްކަމުގެ މައްސަލައިގައި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ތާއީދުކުރަން ނިންމި ޕާޓީތަކުގެ ތެރޭގައި ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ އިތުރުން ސްރީލަންކާ މުސްލިމް ކޮންގްރެސް، އޯލް ސިލޯން މައްކަލް ކޮންގްރެސް، ޓެމިލް ޕްރޮގްރެސިވް އެލަޔަންސް އަދި ޖާތިކަ ހެލަ އުރުމަޔަ (ނޭޝަނަލް ހެރިޓޭޖް ޕާޓީ)ވެސް ހިމެނެއެވެ.

ރަނިލް ވިކްރަމަސިންހަގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ހަމަޖެހިފައިވަނީ މިރޭ ލަންކާ ގަޑިން 9:30 ގައެވެ. އެއީ ރާއްޖެ ގަޑިން 9:00 ގައެވެ.

comment ކޮމެންޓް