ޕީޕީއެމް ޖަގަހައިގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޕީޕީއެމްގެ"ރުމާލު 2" ޖަގަހައިގެ ސްޓޭޖުގައި ރޭ ރޯކޮށްލާފައި: އެ މައްސަލާގައި ވަނީ މީހަކު ހައްޔަރުކޮށްފައި -- ފައިލް ފޮޓޯ: ޕީޕީއެމް

ވެރިކަންކުރާ ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ޕީޕީއެމްގެ ޖަގަހާގައި ހުޅު ޖެހި މައްސަލާގައި 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވައެވެ.

ޕީޕީއެމްގެ ގިނަ ޖަލްސާތަކެއް ބާއްވަމުން ގެންދިޔަ "ރުމާލު2" ޖަގަހައިގެ ސްޓޭޖްގައި ރޯކޮށްލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ދަންވަރުއެވެ. ޕީޕީއެމުން އޭރު ބުނެފައިވަނީ ޖަގަހައިގައި ރޯކުރީ އެންމެ މީހަކު ވަދެ ކަމަށާއި އޭނާ އެކަން ކުރީ ޕެޓްރޯލް ޖެހުމަށްފަހު ކަމަށެވެ.

ޖަގަހައިގެ ސްޓޭޖުގައި ރޯކޮށްލުމުގެ ސަބަބުން ސްޓޭޖާއި ޕޯޑިއަމްގެ އިތުރުން މޭޒެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ. އެތަނުގައި ސީސީޓީވީ ހަރުކޮށްފައި ވާއިރު ފުޓޭޖުތައް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.

comment ކޮމެންޓް