ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މާދަމާ ފަށަނީ

ކޮމަންޑޫ ބިންހިއްކުމުގެ މަސައްކަތް ފަށަނީ--- ފޮޓޯ/ އެމްޓީސީސީ

ށ. ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މާދަމާ އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ. އެމްޓީސީސީގެ ޑްރެޖަރު މަހާ ޖައްރާފު މިހާރު ވަނީ ކޮމަންޑޫއަށް ގޮސްފައެވެ.

މިހާތަނަށް ކޮމަންޑޫއިން ހިއްކަންޖެހޭ ބިމުގެ 40 ޕަސަންޓު ހިއްކާފައިވާ އިރު، މާދަމާ ފަށާ މަސައްކަތުގެ ދަށުން ހިއްކަނީ ހަތް ހެކްޓަރާ 10 ހެކްޓަރާ ދެމެދުގެ ބޮޑުމިނެއްގެ ބިމެކެވެ.

ކޮމަންޑޫ ކައުންސިލުގެ ނައިބު ރައީސް މުހައްމަދު އާރިފް އަހުމަދު "ސަން"އަށް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ޖުމްލަ 10 ދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ބިން ހިއްކާ ނިމުމުން ރަށުގެ އިންޖީނުގެ އެ ސަރަހައްދަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ވެސް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ބައެއް ވިޔަފާރިތައް ކުރުމަށްވެސް އެސަރަހައްދުން ބިން ދޫކުރާނެކަމަށް ވިދާޅުވިއެވެ.

"ނިންމާފައި އޮތީ އެ ސަރަހައްދުގައި ގެސްޓް ހައުސް ވިޔަފާރި އާ ފައިބާ މަސައްކަތް އަދި ލޮނު މަހުގެ މަސްްވެރިކަން ކަހަލަ މަސައްކަތްތައް ކުރުމަށް ބިން ދޫކުރުމަށް،" އާރިފް "ސަން" އަށް ވިދާޅުވިއެވެ.

ކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް މި އަހަރުގެ ބަޖެޓުގައި 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައި ވެއެވެ.

comment ކޮމެންޓް