އަނބިމީހާ ޝަކުވާކުރުމުން އަކްޝޭ، ޖޫހޫ ބީޗުގައި ފާޚާނާއެއް ބަހައްޓައިފި

ބޮލީވުޑް އެކްޓަރު އަކްޝޭ ކުމާރުގެ ޚަރަދުގައި މުމްބާއީގެ މަޝްހޫރު ޖޫހޫ ބީޗުގައި އެއްތަނުން އަނެއްތަނަށް ގެންދެވޭ ފާޚާނާއެއް ބަހައްޓައިފިއެވެ.

ޖޫހޫ ބީޗުގައި ފާޚާނާއެއް ގާއިމުކުރުމަށް އަކްޝޭ މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަނަށް ހުށަހެޅީ މިދިޔަ ހަފްތާގައެވެ.

އެ ކޯޕަރޭޝަނުން ބުނީ ފާޚާނާ ގާއިމުކޮށް ނިންމާފައިވަނީ އަކްޝޭގެ ޚަރަދުގައި ކަމަށާއި، މީގެ ހަތަރު ދުވަސް ކުރިން ފާޚާނާގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފައިވާ ކަމަށެވެ.

ފާޚާނާ ގާއިމުކުރުމަށް 10 ލައްކަ ރުޕީޒް ޚަރަދުވި ކަމަށާއި، ނަމަވެސް ފާޚާނާ ބޭނުން ކުރުމަށް އެއްވެސް އަގެއް ނުނަގާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ނަމަވެސް ފާޚާނާ ބެލެހެއްޓުމުގެ ކަންކަމާ ބަޔަކު ހަވާލުވެއްޖެ ނަމަ، އެ ބަޔަކު ހުށަހަޅާ ގޮތެއްގެ މަތިން ފާޚާނާ ބޭނުން ކުރުމުގައި އުޖޫރައެއް ނެގިދާނެ ކަމަށް ބުންޏެވެ.

އަކްޝޭގެ އެދުމުގެ މަތިން އޭނާގެ ޚަރަދުގައި ޖޫހޫ ބީޗުގައި ފާޚާނާއެއް ގާއިމުކޮށްފައި ވާއިރު، އަކްޝޭގެ އަންހެނުން ޓުވިންކަލް ޚަންނާ ވަނީ މީގެ ހަ މަސް ކުރިން، ގޮނޑުދޮށަށް ބޮޑުކަމުދާން އިން މީހަކު ފެނިގެން އެކަމާ ހިތްހަމަ ނުޖެހިގެން ޓުވީޓެއް ކޮށްފައެވެ.

ޓުވިންކަލް ޓުވީޓު ކޮށްފައި ވަނީ ބޮޑުކަމުދާން އިން މީހާ އަރާގޮތަށް ނަގައިފައިވާ ސެލްފީއަކާއި އެކުއެވެ. ޓުވީޓުގައި ޓުވިންކަލް ވަނީ އެއީ "ޓޮއިލެޓް އެކް ޕްރޭމް ކަތާ" ގެ ދެވަނަ ބައިގެ މަންޒަރެއް ކަމަށް ބުނެ ސަމާސާ ކޮށްފައެވެ.

އަކްޝޭ ލީޑު ރޯލުން ފެނިގެން ދިޔަ "ޓޮއިލެޓް: އެކް ޕްރޭމް ކަތާ"އަކީ އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި 100 ކުރޯރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔައެވެ.

comment ކޮމެންޓް