ފަހަތުން އަރައި ސެވިއްޔާ އަތުން ބަޔާން މޮޅުވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސެވިއްޔާއާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފަހަތުން އަރައި ސެވިއްޔާ އަތުން ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗުގައި ސެވިއްޔާ އަތުން ބަޔާން މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ސެވިއްޔާއިން ލީޑު ހޯދީ މެޗުގެ 32 ވަނަ މިނެޓުގައެވެ. ސާޖިއޯ އެސްކުޑޭރޯ ނަގައިދިން ހުރަހަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރަބިއާއެވެ. އެ ލަނޑުގެ ކުރިންވެސް ސަރަބިއާއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާގެ ފުރަތަމަ ހަމަލާ ގޯލާ އަމާޒުވެފައިނުވާ އިރު، ދެވަނަ ހަމަލާގެ ހުރަހަކަށްވީ ބަޔާންގެ ކީޕަރު ސްވެން އުލްރޭޗްއެވެ.

ސެވިއްޔާއިން ލީޑު ހޯދިތާ ފަސް މިނެޓުތެރޭ ބަޔާނުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑަކީ ސެވިއްޔާގެ ޖީސަސް ނަވާސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ސެވިއްޔާއާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބަޔާން މޮޅުވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ ބަޔާނުން މެޗުގެ ލީޑު ހޯދީ 68 ވަނަ މިނެޓުގައެވެ. ފްރޭންކް ރިބެރީ ނަގައިދިން ހުރަހަކުން ބަޔާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ތިއާގޯ އަލްކެންޓަރައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ތިއާގޯ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ސެވިއްޔާގެ އެސްކުޑޭރޯ ފައިގައި ޖެހިފައެވެ.

ކުއާޓާގައި ރޭ ކުޅުނު އަނެއް މެޗުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާއެކު ޔުވެންޓަސް އަތުން ރެއާލް މެޑްރިޑް ވަނީ މޮޅުވެފައެވެ. ރަށުން ބޭރުގައި ކުޅުނު އެ މެޗުން ރެއާލް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

މިރޭ ވެސް ކުއާޓާގެ ފުރަތަމަ ލެގުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އަމިއްލަ ދަނޑުގައި މިރޭ ރޯމާއާ ދެކޮޅަށް ބާސެލޯނާ ނުކުންނަ އިރު، ރަށުން ބޭރުގައި ލިވަޕޫލްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނާނެއެވެ. އެ ދެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 11:45 ގައެވެ.

comment ކޮމެންޓް