ކޮނޑޭ ބަލިކޮށް، ހޯނޑެއްދޫން ޒޯން ހަތެއްގެ ޗެމްޕިއަންކަމާ ގާތަށް

މިނިވަން ޗެމްޕިއަންޝިޕް ގދ. އަތޮޅު ޗެމްޕިއަން ހޯނޑެއްދޫ: އެޓީމު ވަނީ ޒޯން ބުރުގެ ފުރަތަމަ ލެގު މެޗުގައި ގއ. އަތޮޅު ޗެމްޕިއަން ކޮނޑޭ އަތުން 3-0ގެ ނަތީޖާއަކުން މޮޅުވެފައި ---

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ހަތެއްގައި ގއ. ކޮނޑޭ ބަލިކޮށް، ގދ. ހޯނޑެއްދޫން ޒޯން ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފިއެވެ.

ގއ. ކޮނޑޭ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ޒޯން ހަތެއްގެ ފުރަތަމަ ލެގު މެޗުގައި ކޮނޑޭ އަތުން ހޯނޑެއްދޫ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ހޯނޑެއްދޫން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ހޯނޑެއްދުއަށް އަހްމަދު ޒައިދު މުހައްމަދު ލީޑު ހޯދައިދިން އިރު، މެޗުގެ 27 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އަބްދުﷲ ސައީދެވެ.

ރަށުން ބޭރުގައި ކުޅެމުންދިޔަ ހޯނޑެއްދޫގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 78 ވަނަ މިނެޓުގައެވެ. އެ ލަނޑު ހޯނޑެއްދުއަށް ކާމިޔާބުކޮށްދިނީ ނާއިފް އަރީފެވެ.

ޒޯން ހަތެއްގައި ވާދަކުރަނީ ހަމައެކަނި ގއ. އަތޮޅު ޗެމްޕިއަން ކޮނޑޭއާއި ގދ. އަތޮޅު ޗެމްޕިއަން ހޯނޑެއްދޫއެވެ. އެ ޒޯނުގައި ދެ ލެގު ކުޅުމަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ. އަންނަ ހޮނިހިރު ދުވަހު އަމިއްލަ ރަށުގައި ކުޅޭ ދެވަނަ ލެގު މެޗުން މޮޅުވެ ނުވަތަ އެއްވަރުވިޔަސް ހޯނޑެއްދުއަށް ޒޯން ހަތެއްގެ ޗެމްޕިއަންކަން ލިބޭނެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ. މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ އިތުރުން ފައިނަލް ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކެވެ.

comment ކޮމެންޓް