ފަހަތުން އަރައި ގުޅި ބަލިކޮށް، ހިންމަފުށިން ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ހިންމަފުށި ޓީމު --- ފޮޓޯ: އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅު ބުރުގެ ފައިނަލުގައި ފަހަތުން އަރައި ގުޅި ބަލިކޮށް، ހިންމަފުށިން އެ އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.

އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ކ. އަތޮޅު ބުރުގެ ފައިނަލް މެޗުގައި ގުޅި އަތުން ހިންމަފުށި މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ޖެހި ލަނޑުތައް ފެނިގެންދިޔައީ ފުރަތަމަ ހާފްގެ ތެރޭގައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ގުޅިއަށް މުހައްމަދު ޒަރީފް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 36 ވަނަ މިނެޓުގައި ހިންމަފުއްޓަށް އަހްމަދު ޖައިލަމް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ހިންމަފުއްޓަށް ލީޑު ހޯދައިދިނީ އިބްރާހިމް ހަލީމެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ހިންމަފުށި ޓީމު --- ފޮޓޯ: އެފްއޭއެމް

ކ. އަތޮޅު ބުރުގައި ހިންމަފުއްޓާއި ގުޅީގެ އިތުރުން ދެން ވާދަކުރީ މާފުއްޓާއި ހުރާއެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފައިނަލުގައި ވާދަކުރީ އެންމެ ރަނގަޅު ނަތީޖާތައް ހޯދި ދެ ޓީމެވެ.

ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ހިންމަފުށި ދެން ވާދަކުރަން ޖެހޭނީ ޒޯން ހަތަރެއްގައެވެ. އެ ޒޯނުގައި ހިންމަފުށި ނުކުންނަން ޖެހޭނީ އދ. ފެންފުއްޓާ ދެކޮޅަށެވެ. ހޯމް އެންޑް އަވޭ އުސޫލުން ދެ ލެގު ކުޅުމަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ލިބޭނެއެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ. މިއަހަރުގެ މުބާރާތުގެ ޒޯން ޗެމްޕިއަނުންގެ އިތުރުން ފައިނަލް ބުރުގައި ވާދަކުރާނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ހޯދި ޓީމުތަކެވެ.

comment ކޮމެންޓް