ސްރީ ލަންކާ ރައީސްގެ ސްކޮލަޝިޕުގެ ދަށުން ބެޗްލާސް ޑިގްރީ ހާސިލްކުރަން ފުރުސަތު ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ދަސްވެނިވުމަށް ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

ސްރީ ލަންކާ ރައީސްގެ ނަމުގައި އެގައުމުގެ ސަރުކާރުން، ގައުމުން ބޭރުގެ ދަރިވަރުންނަށް ދެމުން ގެންދާ ބެޗްލާސް ޑިގްރީގެ ފުރުސަތުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އެކުވެރި ގައުމުތަކާއެކު އޮންނަ ތައުލީމާއި ސަގާފަތް އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައި ސްރީ ލަންކާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ދެމުންގެންދާ އެ ސްކޮލަޝިޕް ފުރުސަތަކީ މީގެ ހަތް އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކު ދެމުންގެންދާ ސްކޮލަޝިޕް ފުރުސަތެކެވެ. އެ ފުރުސަތުގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެނީ ސްރީ ލަންކާ ސަރުކާރުން ހިންގާ ޔުނިވާސިޓީތަކުންނެވެ.

"ސްރީ ލަންކަން ޕްރެޒިޑެންޝަލް ސްކޮަލަޝިޕްސް ޕްރޮގްރާމް ފޮ ފޮރިން ސްޓޫޑެންޓްސް" ގެ ނަމުގައި ދެމުން ގެންދާ އެ ސްކޮލަޝިޕްގެ ދަށުން މިއަހަރު ހުޅުވާލައިފައިވަނީ ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފަސް ފުރުސަތެވެ.

އެގޮތުން ޖުމްލަ ހަތް ސްޓްރީމެއްގެ ދަށުން ތަފާތު 58 ކޯހަކުން ސްކޮލަޝިޕަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ސްޓްރީމްތަކުގެ ތެރޭގައި ހިމެނެނީ އާޓްސް، ކޮމާސް، ބަޔޮލޮޖިކަލް ސައިންސް، ފިޒިކަލް ސައިންސް، އިންޖިނިއަރިން ޓެކްނޮލޮޖީގެ އިތުރުން ބަޔޯސިސްޓެމްސް ޓެކްނޮލޮޖީ އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އެވެ.

ނަމަވެސް އެ ސްކޮލަޝިޕް ސްކީމުގެ ދަށުން މެޑިސިންއާއި ޑެންޓިސްޓްރީ އަދި އިންޖިނިއަރިން ކޯސް ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

ރާއްޖޭގެ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސްރީ ލަންކާ ރައީށްގެ ސްކޮލަޝިޕްގެ ދަށުން ކިޔަވަން ހިޔާރުކުރާ ކޯހަކީ ރާއްޖޭގެ ސްކިލް ޝޯޓޭޖް ލިސްޓުގައިވާ ކޯހެއް ކަމުގައިވާނަމަ އެވެ.

ސްކޮލަޝިޕާ ގުޅިގެން ސްރީ ލަންކާގެ ހަޔާ އެޑިއުކޭޝަން އެންޑް ހައިވޭސް މިނިސްޓްރީން ބުނީ، އެ ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ އާއި ރެޖިސްޓްރޭޝަން ފީގެ އިތުރުން ސްޓޫޑަންޓް ވިސާ ހިލޭ ކޮށްދެވޭނެ ކަމަށެވެ.

އަދި ވަން އޮފް ސެޓެލްމެންޓް އެލަވެންސްގެ ގޮތުގައި 10،000 ސްރީލަންކަން ރުޕީސް އާއި ކެެއުމާއި ހުރުން ފަދަ ކަންކަން ހަމަޖެއްސުމަށް މަހު އެލަވެންސެއްގެ ގޮތުގައި ކޮންމެ މަހަކު 30،000 ސްރީލަންކަން ރުޕީސް ދޭނެ ކަމަށް ބުނެފައިވާއިރު، ސްރީލަންކާއަށް ދިއުމަށާއި ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި ގައުމަށް އައުމަށް ފްލައިޓަށް ދާ ހަރަދު އަނބުރާ ދޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ޑެންޓަލް ބަލިތައް ފިޔަވައި އެހެން ހުރިހާ ބައްޔަކަށް ލަންކާ ހޮސްޕިޓަލުން ހިންގާ ކޮންމެ ތަނަކުން ވެސް ހިލޭ ބޭސް ފަރުވާގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބުނެފައިވެ އެވެ.

ޑީއެޗްއީ އިން ބުނީ، އެ ކޯހުގެ ފައިނަލް ސިލެކްޝަން ހަދާނީ ސްރީ ލަންކާއިން ކަމަށާއި ކޯސް ފުރިހަމަކުރުމަށްފަހު ރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށެވެ.

އެ ސްކޮލަޝިޕް ފުރުސަތަށް ކުރިމަތިލާން ހުޅުވާލައިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ 1:30ގެ ކުރިން ޑީއެޗްއީ އަށެވެ.

comment ކޮމެންޓް