Sun Online
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ރިމިނަލް ކޯޓަށް ހާޒިރު ކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ރިމިނަލް ކޯޓަށް ހާޒިރު ކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަތް ދުވަސް ތެރޭ ދައުލަތަށް ދައްކަން އަދީބަށް އަންގައިފި

މުޙައްމަދު ސަމާޙު
ލިޔުނީމުޙައްމަދު ސަމާޙު

ހަތްދިހަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ހަތް ދުވަސްތެރޭ ދައުލަތަށް ދެއްކުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

އެކަން ފިނޭންސް މިނިސްޓްރީން ވަނީ "ސަން" އަށް ކަށަވަރު ކޮށްދީފައެވެ.

ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން"އަށް މިއަދު ވިދާޅުވީ އަދީބު އަތުން ފައިސާ ހޯދުމަށް އެ މިނިސްޓްރީން އެންގީ އެންޓި ކޮރަޕްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އަދި އެ ފައިސާ ދައުލަތައް ދައްކަން ޖެހޭކަން އެ ކޮމިޝަންގެ ރިޕޯޓުން އެނގެން އޮންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން ދައުލަތަށް ދައްކަން އަދީބުގެ މައްޗަށް އަންގާފައި ވަނީ ޖުމުލަ ހަތްދިހަ ހަތަރު މިލިއަން ސޯޅަހާސް ރުފިޔާ،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ "އެ ފައިސާ މާރިޗް މަހުގެ 28 ވަނަ ދުވަހުން ފަށައިގެން ހަތް ދުވަސް ތެރޭ ދައުލަތައް ދައްކައި ޚަލާސް ކުރަން އަދީބަށް އަންގާފައިވާ" ކަމަށެވެ. އަދި މިހާރު އެ ސިޓީ އަދީބުގެ އާއިލާއަށް ފޮނުވާފައިވާކަން އޮފިޝަލް ވަނީ ޔަގީންކޮށްދީފައެވެ.

އޮފިޝަލް ވިދާޅުވީ ދީފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

އަދީބަށް ފޮނުވި ސިޓީ މިހާރުވަނީ މީސް މީޑިއާގައި އާންމުވެފައެވެ.

އެ ސިޓީގައި ބުނެފައިވާގޮތުން އަދީބު ދައުލަތަށް ދައްކަވަންޖެހެނީ ނަސަންދުރާ ތަރައްގީ ކުރަން ހަވާލުކޮށްފައިވާ ކުންފުންޏަށް އެ ތަން ތަރައްގީކުރަން ދިން މިއްދަތު ގަވާއިދާ ޚިލާފަށް 50 އަހަރަށް އިތުރުކޮށްދީފައިވާ މައްސަލައާ ގުޅިގެން ދައްކަވަންޖެހޭ ފައިސާއެވެ.

"ނަސަންދުރަ ޕެލެސް ހޮޓެލް ހިންގުމަށް 2010 ވަނަ އަހަރު ގެލެކްސީ އެންޓަޕްރައިޒަސްއާއި އެކު އެކުލަވާލާފައިވާ އެއްބަސްވުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި އެ އެއްބަސްވުން އުވާލައި ޓޫރިސްޓް ރިސޯޓް ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާއި ބެހޭ ގަވައިދުގެ މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައުލަތައް ނުހޯދާ އެ އެއްބަސްވުމުގެ ދަށުން ލީސް ހޯލްޑް ރައިޓްސް ގަނެފައިވާ ފަރާތް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އަލުން 50 އަހަރު ދުވަހުގެ އެއްބަސްވުމަކަށް ގޮސްފައިވާތީ ހަތްދިހަ ހަތަރު މިލިއަން ސޯޅަހާސް ރުފިޔާ ދައުލަތަށް ގެއްލުން ވެފައިވެއެވެ،"

އަދި އެ ގެއްލުމުގެ ޒިންމާ އަދީބު ނަންގަވަންޖެހޭ ކަމަށް އޭސީސީގެ ރިޕޯޓުން އެނގެން އޮންނާތީ އެ ފައިސާ ދައުލަތައް ދައްކަން އަންގާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

infinity loading...
×
DB released 01.