ސިފަ ކަމުނުގޮސްގެން ފުރަތަމަ ބޮލީވުޑުން ބާކީ ކޮށްލި ފަންނާނުން!

އަމީތާބް ބައްޗަން.ބޮލީވުޑަށް ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވި---

ބޮލީވުޑަކީ އަބަދުވެސް އައު ފަންނާނުންނަށް މަރުހަބާ ކިޔާ އިންޑަސްޓްރީ އެކެވެ. ނަމަވެސް، ހުނަރަށް ވުރެ ބޮޑަށް މީހުންގެ ސިފައަށް ބެލުމަކީ ވެސް ބޮލީވުޑްގައި އޮންނަ ކަމެކެވެ. އެކަން އެންމެން ވެސް ދަނެ އެވެ. ގިނަ ފަހަރަށް ރަނގަޅު ފުރުސަތުތައް ލިބި ބޮލީވުޑުގައި ކުރިއަށް ދެވެނީ ވަކި ތައްގަނޑަކަށް ފެތޭ މީހުން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އަމީތާބް ބައްޗަން، ޝާހްރުކް ޚާން، އިރްފާން ޚާން، އަނުޝްކާ ޝަރްމާ، ނަވާޒުއްދީން ސިއްދީގީ އަދި ކެޓްރީނާ ކައިފް ފަދަ ފަންނާނުންނަކީ މިހާރު ބޮލީވުޑުގައި އެންމެ ކާމިޔާބު ފަންނާނުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

ނަމަވެސް އެ ފަންނާނުންނަށް ވެސް ބޮލީވުޑަށް ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވި އެވެ. މި ބުނާ ތައްގަނޑަށް ނުފެތޭ ކޮންމެސް ކަހަލަ "އުނި" ސިފައެއް ހުރުމުގެ ސަބަބުންނެވެ.

1. އަމީތާބް ބައްޗަން

އަމީތާބް ބައްޗަން---

އަމީތާބް ބައްޗަން އަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އިހްތިރާމާއި ލޯބި ލިބިފައިވާ ކުޅަދާނަ ފަންނާނެކެވެ. ފަންސާހަކަށް އަހަރުވީ ދިގު ކެރިއަރުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު، ގިނަ ފިލްމުތަކެއް ވަނީ ކުޅެފަ އެވެ. އެކްޓު ކުރުމުގެ ހުނަރުގެ އިތުރުން އަމީތާބްގެ އަޑާއި އޭނާގެ ދިގު، ބިޔަ، ފިރިހެންވަންތަ ހަށިގަނޑަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ ސިފަތަކެވެ. ނަމަވެސް ކެރިއަރުގެ ކުރީކޮޅު ގިނަ ޑައިރެކްޓަރުން ވަނީ އަމީތާބުގެ އިސްކޮޅުގެ ސަބަބުން އޭނާ އަށް ފިލްމުތައް ދޭން ދެކޮޅު ހަދައިފަ އެވެ. އެމީހުންނަށް ކަމުދާ ވަރަށް ވުރެ އަމީތާބްގެ އިސްކޮޅު މާ ދިގީ އެވެ.

2. ޝާހްރުކް ޚާން

ޝާހްރުކް ޚާން---

މިއީ ފަހަރުގައި ގަބޫލުކުރަން ދަތި ވާހަކައަކަށް ވެދާނެ އެވެ. ޝާހު އަކީ ބޮލީވުޑުގެ ރަސްގެފާނުގެ އިތުރުން ބޮލީވުޑަށް ލޯބިކުރާ ގިނަ މީހުންގެ ހިތްތަކުގެ ވެސް ރަސްގެފާނެވެ. ހުނަރުގެ އިތުރުން ޝާހުގެ ސަކަ މިޒާޖާއި އޭނާގެ ރީތިކަން ވެސް އެއީ ގިނަ ބަޔަކު ހިތްކިޔައި ކަންކަމެވެ. ނަމަވެސް ޝާހުއަށް ވަނީ އޭނާގެ "ޗޮކްލެޓް ބޯއީ ލުކް" ގެ ސަބަބުން ގިނަ ފިލްމުތަކުން ފުރުސަތު ގެއްލިފަ އެވެ.

3. ގޯވިންދާ

ބޮލީވުޑްގެ ކޮމެޑީ ކިންގް، ގޯވިންދާ އަކީ އޭނާގެ ފިލްމުތަކުން ބެލުންތެރިން ހެއްވާލި އެކްޓަރެކެވެ. އެވަރުގެ ކޮމެޑީ އެކްޓަރެއް އަދިވެސް ބޮލީވުޑް ނުދެކެ އެވެ. ބޮލީވުޑުގައި ކުރިއަށް ދިއުމަށް މީހާގެ ޒުވާން ކަމާއި ރީތިކަން ދަމަހެއްޓުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ގޯވިންދާ އަށް ދިމާވީ ތަފާތު މައްސަލައެކެވެ. އުމުރަށް ވުރެ ހަގު ކަމަށް ދައްކަނީ އެވެ. އެހެންވުމުގެ ސަބަބުން އޭނާއަށް ގިނަ ޑައިރެކްޓަރުން ވަނީ ނޫނެކޭ ބުނެފަ އެވެ.

4. ރަންވީރު ސިންގ

ރަންވީރު

ރަންވީރު އަކީ އަމިއްލަ މަސައްކަތުން ބޮލީވުޑުގެ އެންމެ އުހަށް އަރައިފައިވާ ފަންނާނެކެވެ. ބޮލީވުޑުގައި އޭނާއަށް އެހީވާނެ އާއިލާ ބަޔަކު ނުވަތަ ގާތް ބަޔަކު ނެތެވެ. ރަންވީރުގެ ކާމިޔާބީ އަކީ މި ދާއިރާއަށް ނުކުންނަން ބޭނުންވާ ގިނަ ކުދީންނަށް ހިތްވަރަކަށް ވާނެ އެވެ. މާ ގިނަ ފިލްމުތަކެއް ކުޅެފައި ނުވި ނަމަވެސް، ފިލްމުތަކުގައި ކުޅެފައިވާ ތަފާތު މޮޅު ރޯލުތަކުގެ ސަބަބުން މިއަދު އޭނާ ވަނީ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދައިފަ އެވެ. ނަމަވެސް ބޮލީވުޑުން ފުރަތަމަ ބެލީ އޭނާގެ ސިފަ އަށެވެ. ހުނަރަކަށް ނޫނެވެ. ބޮލީވުޑުން ރީތިކަން ބަލަން ގެންގުޅޭ މިނަށް ރަންވީރު ނުފެތުނީ އެވެ. އެހެންކަމުން ގިނަ އަދަދެއްގެ ޑައިރެކްޓަރުން ވަނީ އޭނާ ރިޖެކްޓުކޮށްފަ އެވެ.

5. އަޖޭ ދޭވްގަން

އަޖޭ---

އަޖޭ އަކީ ބަސްމަދު މީހެކެވެ. އޭނާ ވާހަކަ ދައްކަނީ ކުޅޭ ފިލްމުތަކުންނެވެ. ކާމިޔާބު ގިނަ އަދަދެއްގެ ފިލްމުތަކެއް ކުޅެފައި ވާއިރު، އޭނާ ކެރިއަރު ފެށީ ސަޕޯޓިން ރޯލުތަކުންނެވެ. ފިލްމެއްގެ ލީޑު ރޯލުން އަޖޭއަށް ފުރުސަތު ދޭން ޑައިރެކްޓަރުން ފަސްޖެހެމުން ދިޔައީ އަޖޭގެ ހަމުގެ ކުލަ ކަޅުވެފައި، ބޮލީވުޑުން ގަބޫލުކުރާ ކަހަލަ ރީތި މީހަކަށް ނުވުމުންނެވެ. ނަމަވެސް މިއަދު އޭނާ އަކީ ބޮލީވުޑްގެ އެކްޝަން ހީރޯ އެވެ.

6. އަނުޝްކާ ޝަރްމާ

އަނުޝްކާ

ފިލްމު 'ރަބްނޭ ބަނާ ދީ ޖޯޑީ' އިން ބޮލީވުޑަށް ތައާރަފުވި އަނުޝްކާ އަކީ މިވަގުތު ބޮލީވުޑުގައި ތިބި އެންމެ ހުނަރުވެރި ފަންނާނުންގެ ލިސްޓުގެ ކުރިން ޖާގަ ހޯދާ ފަންނާނެކެވެ. އަނުޝްކާ އަކީ އޭނާގެ ހުނަރުވެރި ކަމުގެ އިތުރުން އޭނާގެ ރީތިކަމުން ވެސް ގިނަ ބައެއްގެ ހިތްތައް އަތުލައިފައިވާ ފަންނާނެކެވެ. ނަމަވެސް އޭނާގެ ސާދާ، "ޕްލެއިން" ލުކްގެ ސަބަބުން ޑައިރެކްޓަރުން ވަނީ އޭނާ އަށް ނޫނެކޭ ބުނެފަ އެވެ. ނަމަވެސް އަނުޝްކާ މިވަނީ އޭނާގެ ހުނަރުން ބޮލީވުޑް ފަތަހަކޮށްފަ އެވެ.

7. ތާބޫ

ތާބޫ

ތާބޫ އަކީ ކޮންމެ ފިލްމެއްގައި ވެސް ތަފާތު ދައްކާ ފަންނާނެކެވެ. ކޮންމެ ރޯލެއް ވެސް އެންމެ ފުރިހަމައަށް އަދާކުރާނެ އެވެ. އޭނާގެ ހުނަރުގެ ސަބަބުން ގިނަ އަދަދެއްގެ އެވޯޑުތައް ވެސް ހާސިލްކޮށްފައި ވާއިރު، އޭގެ ތެރޭގައި ގައުމީ ދެ އެވޯޑެއް ވެސް ހިމެނެ އެވެ. ނަމަވެސް ފިލްމީ ދާއިރާއަށް ނުކުތުމަށް ތާބޫއަށް ހުރަހަކަށްވީ އޭނާގެ "ޓޮމްބޯއީ" ލުކްސް އެވެ. ފިލްމަކުން ފުރުސަތު ނުދޭން ޑައިރެކްޓަރުން ބުނި ވާހަކަ އަކީ އޭނާ އެހާ "އަންހެންވަންތަ" ނޫން ކަމަށެވެ.

8. އިރްފާން ޚާން

އިރްފާން ޚާން

އިރްފާން ޚާން އަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ނަން ފަވައިލައިފައިވާ ފަންނާނެކެވެ. އެންމެ އުނދަގޫ ރޯލުތައް ވެސް އިރްފާން ގެނެސްދެނީ ވަރަށް ފުރިހައަށެވެ. ނަމަވެސް ކެރިއަރުގެ ކުރީކޮޅު އޭނާ އަކީ "ރީތި މީހެއް ނޫން" ކަމަށް ބުނެ ގިނަ ޑައިރެކްޓަރުން ވަނީ އޭނާ އަށް ފިލްމުތަކުން ފުރުސަތު ދޭން ދެކޮޅު ހަދައިފަ އެވެ.

9. ނަވާޒުއްދީން ސިއްދީގީ

ނަވާޒުއްދީން ސިއްދީގީ---

ނަވާޒުއްދީން އަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އެއް އެކްޓަރެވެ. ކޮންމެ ރޯލަކަށް ވެސް އޭނާ ފިޓުވެ އެވެ. އެހާމެ ކުޅަދާނަ އެވެ. ނަމަވެސް އޭނާގެ ހުނަރަށް ވުރެ ބޮޑަށް ޑައިރެކްޓަރުންނަށް ފާހަގަވީ އޭނަގެ ހަމުގެ ކުލަ އާއި ސިފަ އެވެ. ބޮލީވުޑުން އޭނާއަށް ކުރިން ދިން ޖަވާބަކީ ކެމެރާގެ ކުރިމަތިން ފެންނަ ވަރަށް ވުރެ އޭނާ ހުތުރު ކަމަށެވެ. ނަމަވެސް 'ބަދްލާޕޫރު'، 'ގޭންގްސް އޮފް ވަސްޔަޕޫރު' ފަދަ ފިލްމުތަކުން ނަވާޒުއްދީން މިވަނީ ކާމިޔާބު އެކްޓަރަކަށް ވުމަށް ސިފަ އަކީ މާ މުހިންމު އެއްޗެއް ނޫން ކަމާއި، ބޭނުންވަނީ ހުނަރު ކަން ސާބިތުކޮށްދީފަ އެވެ.

10. ކޮންކޮނާ ސެން ޝަރްމާ

ކޮންކޮނާ ސެން ޝަރްމާ---

ކޮންކޮނާގެ ފިލްމަކުން ވެސް އޭނާއަށް ތައުރީފުގެ ބަސްތައް އޮހިގެންދެ އެވެ. 'ވޭކް އަޕް ސިޑް'، 'ލަކް ބައި ބާންސް'، ލިޕްސްޓިކް އަންޑާ މައި ބުރްކާ'، 'އަ ޑެތު އިން ދަ ގުންޖް' އަދި 'ޕޭޖް 3' ފަދަ ފިލްމުތަކުން ކޮންކޮނާ ވަނީ އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފަ އެވެ. ގައުމީ އެވޯޑު ވެސް ހޯދައިފައިވާ ކޮންކޮނާ އަށް ޑައިރެކްޓަރުން ނޫނެކޭ ބުނަމުން ދިޔައީ ހަމުގެ ކުލަ ކަޅުވުމުންނެވެ. ބޮލީވުޑް އިން ބޭނުންވާ ކަހަލަ "ފެއާ އެންޑް ލަވްލީ" އަންހެނަކަށް ކޮންކޮނާ ނުވުމުންނެވެ. ނަމަވެސް ހަމުގެ ކުލަ އަކީ ކާމިޔާބީ އާ ގުޅިފައިވާ ކަމެއް ނޫންކަން ކޮންކޮނާ މިވަނީ ސާބިތުކޮށްދީފަ އެވެ.

comment ކޮމެންޓް