ދަރިންގެ ކުރިމަތީ މައިންބަފައިން ޒުވާބުކުރާނަމަ ކުދިންނަށް ނަފްސާނީ މައްސަލަތައް ދިމާވޭ

ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް ހިތްހަމަ ނުޖެހޭ ކަންތައް ދިމާވެ، މައްސަލަ ޖެހޭނެއެވެ. އެ މައްސަލަތައް ހައްލު ކުރުމަށް ދެމީހުން ވާހަކަ ދައްކައިގެން މަސައްކަތް ކުރަންޖެހެއެވެ. ކައިވެނީގެ ގޮށަކީ ފަހުން މޮހާލަން ޖަހާ ގޮށަކަށް ނުހަދާށެވެ. ހާއްސަކޮށް ދަރިން ލިބުމަށްފަހު މި ގޮށް ބާރުކޮށް، ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރަންޖެހެއެވެ.

ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުނުނަމަވެސް، އޭގެ ސަބަބުން ދަރިންނަށް އެއްވެސް އަސަރެއް ކުރިޔަ ދީގެން ނުވާނެއެވެ. މައިންބަފައިން ކުރާ ޒުވާބުތަކާއި، އެދެމީހުންގެ މެދުގައި ހިނގާ އަރާރުންވުންތަކުގެ ސަބަބުން ދަރިންނަށް ނަފްސާނީ ގޮތުން އެތައް އަސަރެއް ކުރެއެވެ.

ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމަކީ ކުއްޖާގެ ހެދިބޮޑުވުމާއި، އުޅުމާ ގުޅިފައިވާ ކަމެކެވެ. މައިންބަފައިން އެކަކު އަނެކަކާ ވާހަކަ ނުދައްކައި ތިބުމާއި، ރުޅިވެރިކަމާއެކު ވާހަކަ ދެއްކުން، ހަޅޭއްލެވުން ފަދަ ކަންތައް ކުދިންގެ ކުރިމަތީ ކުރާނަމަ އޭގެ ސަބަބުން ކުދިންގެ ހިތުގައި މައިންބަފައިންނާމެދު ފުސްކަމެއް އުފެދިދާނެއެވެ. އަދި މައިންބަފައިންގެ މެދުގައި މައްސަލަ ޖެހި، ޒުވާބަކަށް ދަނީ ކުއްޖާއާހެދި ކަމަށް ވިސްނޭ ފަހަރުވެސް އާދެއެވެ.

އެންޒައިޓީ، ޑިޕްރެޝަން، ނިދުމުގެ މައްސަލަތައް ދިމާވުމަކީވެސް މިފަދަ ކުދިންނަށް އެންމެ ކުޑައިރުން ފެށިގެން ފުރާވަރަށް އަރާއިރުވެސް ކުރިމަތިވެދާނެ މައްސަލަތަކެވެ. މިއީ ކުދިންގެ މުސްތަގުބަލަށްވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ.

ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރަން މަސައްކަތް ކުރަންޖެހެއެވެ. ދަރިން ލިބުމަށްފަހު ކުދިންގެ ކުރިމަތީ ޒުވާބުކޮށް އަޑުގަދަކުރުން ފަދަ ކަންތައް ހުއްޓަން ޖެހެއެވެ. ނޫންނަމަ މައިންބަފައިންނާއެކު ބާއްވަންވީ ކޮންކަހަލަ ގުޅުމެއްކަން ނޭނގި ދަރިން ތިބޭތަންވެސް އަތުވެދާނެއެވެ.

comment ކޮމެންޓް