އޯޓިޒަމް މުޅިން ރަނގަޅު ކުރެވިދާނެތަ؟

އޯޓިޒަމް ނުވަތަ ސިކުނޑީގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ ކުދިން ފެނުމުން ކޮންމެ މީހަކަށް ވެސް އެކުއްޖަކާމެދު ބެލޭނީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އޯޓިޒަމް ކުދިންނަށް ދިމާވާ އުނދަގޫތަކާއި ގޮންޖެހުންތައް އެންމެ ރަނގަޅަށް އިހުސާސްކުރެވޭނީ އެކުދިންގެ ބެލެނިވެރިންނަށެވެ. ގިނަ ބެލެނިވެރިން ހިތާހިތާ ވެސް ސުވާލުކުރާނެ އެވެ. އަޅުގަނޑުމެންގެ ދަރިން ވެސް އެހެން ކުދިންނެކޭ އެއްފަދައިން އުޅެވޭނެ ނަަމަ ކޮންފަދަތޯ އެވެ؟ އެކަމަށް ދާއިމީ ފަރުވާއެއް ހަމަނެތީބާއެވެ؟

ނިއުޔޯކް ޓައިމްސް އިން ހޮވާލައިފައިވާ "ބެސްޓްސެލިން" ލިޔުންތެރިޔާ އަދި އެމެރިކާގެ ކުރީގެ ރައީސް ބިލްކްލިންޓަންގެ ޑޮަކްޓަރު މާކް ހައިމަން އޯޓިޒަމްއާ މެދު ދެކޭގޮތް ވަރަށް ވެސް ތަފާތެވެ. އޯޓިޒަމް އަކީ އުފެދުމުގެ މައްސަލައެއް ނޫން ކަަމަށާއި އަދި އެއީ ހަށިގަނޑަށް އެތެރެވާ ވިހަމާއްދާތަކުގެ ސަބަބުން ސިކުނޑިއަށް އަންނަ ބަދަލުތަކުން ދިމާވާ ހާލަތެއް ކަމަށް ޑރ. މާކް ވަނީ ވިދާޅުވެފަ އެވެ.

ޑޮަކްޓަރު މާކް ހައިމަން (ކ) އޭނާގެ ޕޭޝަންޓް އަދި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންއާއެކު (ވ). އޯޓިޒަމްއާ މެދު އަޅުގަނޑުމެން ވިސްނާގޮތް ރަނގަޅުނޫން ކަމަށް އޭނާ ވިދާޅުވި--

އެމެރިކާގެ ހާވާޑް މެޑިކަލް ސްކޫލުގެ ނިއުރޮލޮޖިސްޓް މާތާ ހާބާޓް ވެސް އޯޓިޒަމްއާ މެދު ދެކެނީ ހަމަ އެބީދައިންނެވެ. މާތާ ވެސް ވަނީ ދިފާއީ ނިޒާމާއި، ހަޖަމްކުރާ ނިޒާމު ނުވަތަ ގަޓް އަދި ހަށިގަނޑުން ވިހަތައް ބޭރުކުރުން ނުވަތަ ޑިޓޮކްސްކުރުމުގެ ނިޒާމުގެ މަސައްކަތްތަކާއި އޯޓިޒަމްއާ ވަރަށް ބޮޑަށް ގުޅުން އޮންނަ ކަމަށް ވިދާޅުވެފަ އެވެ.

އިންސާނާގެ ހަޖަމް ކުރާ ނިޒާމު (ގަޓް) ގައި ދިރިއުޅޭ "ހެލްތީ ބެކްޓީރިއާ" އާ ސިކުނޑީގެ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅުން އޮންނަކަން ފަހުގެ ދިރާސާތަކުން ވެސް ވަނީ އެނގިގެންގޮސްފަ އެވެ. ސައިންޓިފިކް ނަމުން ނަމަ މިއީ "ގަޓް ބްރެއިން އެކްސިސް" އެވެ.

ގަޓްގައި ދިރިއުޅޭ ބެކްޓީރިއާ އިންސާނާގެ ދިފާއީ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާއިރު، ސިކުނޑީގެ މަސައްކަތްތަކަށް ބޭނުންވާ ބައެއް ކެމިކަލް ގަޓްގައި ދިރިއުޅޭ ބެކްޓީރިއާ އުފައްދައިދެ އެވެ. މިދެންނެވި ނިޒާމުތަކަށް އަސަރުކޮށްފި ނަމަ އިންސާނާގެ "ބިހޭވިއާ" ނުވަތަ އުޅުމަށް ބަދަލުއަންނާނެ އެވެ.

ޑރ. މާކް ވަނީ އޯޓިޒަމް ހުރި ސޭމް ކިޔާ ދެ އަހަރުގެ ތުއްތު ކުއްޖަކަށް ފަރުވާދީ ރަނގަޅުކުރި ގޮތުގެ ވާހަކަ ހިއްސާކޮށްފަ އެވެ.

"ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް. އޭނާގެ ޖީން ވެސް ތަފާތުވާނެ. އޭގެ ސަބަބުން އޭނާއަށް އެކިއެކި ވިހަ މާއްދާތަކުން ކުރާ އަސަރު ވެސް ތަފާތުވާނެ. ބައިވަރު ވިހަ ކެމިކަލްތަކަކުން ޖީންތަކަކަށް އަސަރުކޮށްފާނެ. އޭގެ ސަބަބުން ހަށިގަނޑުގެ ބަޔޯކެމިކަލް ނިޒާމު މުޅިން ހަރާބުވާތަން މިފެންނަނީ ގިނަ ކުޑަކުދިންގެ ކިބައިން،" މާކް ވިދާޅުވި އެވެ.

ސޭމްއަށް ފަރުވާ ދިނުމުގައި ޑރ. މާކް ކުރި ޓެސްޓުތަކުން އޭނާގެ އުޅުން އެހެން ކުދިންނާ ތަފާތީ ކީއްވެގެންކަން އެނގުނެވެ. ސޭމް ބެލިބެލުމުން އޭނާ ގްލޫޓަން ހުންނަ ކާތަކެއްޗަށް އެލާޖިކްވާކަން އެނގިގެން ދިޔަ އެވެ.

"އަށާވިސް ވައްތަރެއްގެ ކާނާއަށް ސޭމް އެލާޖިކްވޭ. އޭނާގެ ހަޖަމްކުރުމުގެ ނިޒާމް ވެސް ހުރީ (އިންފްލަމޭޓް) ދުޅަވެފައި. ޒިންކް، މެގްނީޒިއަމް، ވިޓަމިން އޭ އާއި ބީ-12، ވިޓަމިން ޑީ އަދި އޯމެގާ 3 ފަދަ މާއްދާތައް ހަށިގަނޑަށް ނުލިބޭ. އޯޓިޒަމް ހުންނަ ގިނަ ކުދިންނެކޭ އެއްފަދައިން އޭނާގެ ސެލްތަކަށް ބޭނުންވާ ވަރާ ގާތަށް ވެސް ހަކަތަ ނުއުފެއްދޭ،" ޑރ. މާކް ވިދާޅުވި އެވެ.

ސޭމްގެ ހަށިގަނޑަށް ބޭނުންވާ އެމިނޯ އެސިޑް ވެސް ރަނގަޅަށް ނެތްކަން ޑރ. މާކް ފާހަގަކުރެއްވި އެވެ. އެ އެމިނޯ އެސިޑަކީ ސިކުނޑީ ރަނގަޅަށް މަސައްކަތްކުރުމަށާއި އަދި "ޑިޓޮކްސްކިފިކޭޝަން" އަށް މުހިންމު މާއްދާތަކެކެވެ.

ސޭމްގެ ލެއިން ވެސް އެލުމިނިއަމްއާއި ލެޑް ފެނުނުއިރު އޭނާގެ އިސްތަށި ޓެސްޓުކުރުމުން އެހާ ކުޑަކުއްޖަކާ ބަލާއިރު ހަށިގަނޑުގައި ވަރަށް ބޮޑަށް އާސަނިކް ކިޔާ ވިހަ މާއްދާއެއް ހުރިކަން އެނގުނެވެ. އޭގެ އިތުރުން ވިހަ މައުދަންތައް ބޭރުކުރުމަށް ބޭނުންވާ ސަލްފާ އަދި ގްލޫޓަތިއޯން ވަރަށް ބޮޑަށް މަދުކަން ވެސް އެނގިގެން ދިޔަ އެވެ. ގްލޯޓަތިއޯންއަކީ ހަށިގަނޑު ޑިޓޮކްސިފައިކުރުމަށް ބޭނުންވާ އެންމެ މުހިންމު މާއްދާ ވެސް މެ އެވެ.

ސޭމްގެ ސިކުނޑީގެ ބަޔޯކެމިކަލް މަސައްކަތަށް ކޮންމެހެން މުހިންމު މެތިލޭޝަންގެ ނިޒާމު ވެސް ރަނގަޅަށް މަސައްކަތްނުކުރާކަން ވަނީ އެނގިފަ އެވެ. މިއީ ސިކުނޑިއަށް ބޭނުންވާ ނިއުރޯޓްރާންސްމިޓާސް އަދި ވިހަ މާއްދާތައް ސާފުކުރުމަށް ވަރަށް މުހިންމު ނިޒާމެެކެވެ. އަދި ވިޓަމިން ބީ-12 ވަރަށް މަދުކަން އެނގުނެވެ.

ޑރ. މާކް ދެން ބެލިބެލުމުން އެނގުނު ގޮތުގައި ސޭމްގެ ސިކުނޑީގެ އޮކްސިޑޭޓިވް ސްޓްރެސް ބޮޑުވެ ސިކުނޑި ވަނީ ދުޅެވެފަ އެވެ.

އޯޓިޒަމް ހުންނަ ކުދިން މުއާމަލާތްކުރުމުގައި ވަރަށް ބޮޑަށް ތަފާތުހުރޭ--

ސޭމްއަށް ފަރުވާކުރުމުގައި ޑރ. މާކް ވަނީ ތަފާތު ގިނަ އުކުޅުތަކެއް ބޭނުންކޮށްފަ އެވެ.

"ސޭމް ރަނގަޅު ކުރަން ޖެހޭނީ މިހެން. ހަށިގަނޑަށް އަސަރުކުރާ ބައެއް ކާތަކެތި ހުއްޓާލައި އަދި ހަށިގަނޑުގައި މަދުވެފައި ހުރި މާއްދާތައް ކުއްޖާއަށް މިދެނީ. ހަށިގަނޑަށް މިލިބެނީ ދެން އަމިއްލައަށް ފަސޭހަވުމުގެ ބާރު،" ޑރ. މާކް ވިދާޅުވި އެވެ.

ސޭމްއަށް ޑރ. މާކް ފަރުވާދެއްވި ގޮތް

  • ގްލޫޓަންއަށާއި އަދި އެހެނިހެން އެލާޖިކްވާ ކެއުންތައް ބޭނުންކުރުން ހުއްޓާލުން
  • ހަށިގަނޑުގައި ހުރި ޔީސްޓްތައް އެންޓި ފަންގަލްސް ބޭނުންކޮށްގެން ނައްތާލުން
  • ކުޑަ ގޮހޮރުގައި އުފެދިފައި ހުރި ނުބައި ބެކްޓީރިއާތައް އެންޓިބަޔޮޓިކްސް ބޭނުންކޮށްގެން ނަައްތާލުން
  • ހަށިގަނޑަށް ކޮންމެހެން ބޭނުންވާ "ހެލްތީ ބެކްޓީރިއާ" ޕްރޯބަޔޯޓިކްސް ބޭނުންކޮށްގެން ދީ އިތުރުކުރުން
  • ކާތަކެތި ހަޖަމްކުރުމަށް އެންޒައިމްސް ދިނުން
  • ހަށިގަނޑުން މަދުވެފައި ހުރި ޒިންކާއި، މެގްނީޒިއަމް، ފޮލޭޓް، ވިޓަމިން އޭ، ބީ-6، ބީ-12 އަދި ވިޓަމިން ޑީ ދިނުން
  • ސިކުނޑީގެ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް އޯމެގާ ތްރީ ފެޓްސް ދިނުން
  • ހަށިގަނޑުގެ ބަޔޯކެމިސްޓްރީއާއި ހަށިގަނޑަށް ލިބެން ޖެހޭ މުހިންމު މާއްދާތައް ހަމައަކަށް އެޅުމުން ހަށިގަނޑު ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް އެހީތެރިވެދިނުން
  • ހަށިގަނޑުގެ ހަޖަމްކުރާ ނިޒާމްގެ ދުޅަ މަޑުކޮށް ފަސޭހަކޮށްދިނުމަށް އެހީތެރިވެދިނުން

ޑރ. މާކްގެ ފަރުވާއިން ސޭމްއަށް ބަދަލުތައް

ގްލޫޓަންއާއި އެހެނިހެން އެލާޖިކްވާ ކާނާ ކެއުން ހުއްޓާލިތާ ތިން ހަފުތާގެ ތެރޭ އޭގެ ނަތީޖާ މަޑުމަޑުން ފެނުނެވެ. އަދި ވާހަކަދެއްކުމާއި ކަންކަމުގައި ސަމާލުވުމުގައި ކުރިއަށްވުރެ ތަފާތުކަމެއް ސޭމްގެ ކިބައިން ފެނިގެން ދިޔަ އެވެ.

ހަތަރު މަސް

ކަންކަމުގައި ބޮޑަށް "ފޯކަސް"ވެ، ވާހަކަ ދެއްކުމުން ވަރަށް ބޮޑަށް ރަނގަޅުވާތަން ފެނިގެން ދިޔަ.

ދިހަ މަސް

ބޮޑުކަމުދިޔުން ހަމައަކަށް އެޅި، ވާހަކަދެއްކުން ހަމައަކަށް އެޅި ސްކޫލުގައި އުޅޭއިރު ވެސް ރަނގަޅުކަން ފާހަަގަވި

ދެއަހަރު ފަސް

ދެއަހަރު ފަހުން ޑރ. މާކް ކުރި ޓެސްޓްތަކުން ސޭމްގައިގައި ކުރިން ވިހަ މާއްދާތަައް ނެތް ކަން އެނގުނެވެ. އަދި ހަޖަމްކުރުމުގެ ނިޒާމްއާއި އަދި މައިޓްރޯކޮންޑްރީއާއަށް ލިބިފައިވާ ގެއްލުންތައް ވެސް ފަސޭހަވެފައިވާކަން ވަނީ އެނގިފަ އެވެ.

ސޭމް މުޅިން ރަނގަޅުވި ކަމުގައި ވިޔަސް އެފަދައިން ކޮންމެ ކުއްޖަކު ރަނގަޅު ނުވެދާނެ ކަމަށް ޑރ. މާކްވެސް އެއްބަސްވެލައްވެ އެވެ. ސޭމްއަކީ ތުއްތު ކުއްޖެއް ކަމުން "އާލީ އިންޓަވެންޝަން"ގެ ފަރުވާގެ ސަބަބުން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެއެވެ. އެއާ ހިލާފަށް އޯޓިޒަމް ތަހައްމަލުކުރަމުންދާ ދުވަސްވީ ކުދިން ފަސޭހަވުމުގައި ގޮންޖެހުންތައް ކުރިމަތިވާނެ އެވެ. ނަމަވެސް އޯޓިޒަމްއަށް ވެސް ފަރުވާ ދިނުމުގައި ޑރ. މާކް ވަނީ އާ އުއްމީދުތަކެއް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާފަ އެވެ.

އޯޓިޒަމް ކުދިންގެ ހާއްސަ ޖަމިއްޔާ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ)ގެ މެނޭޖިން ޑިރެކްޓަރު އަދި އޯޓިޒަމް ކުދިންގެ މިސް، އިފްހާމް ހުސެއިން (އިފޫ މިސް) "ސަން" އަށް ވިދާޅުވީ އޯޓިޒަމްއަކީ ސިކުނޑީގައި ހުންނަ ނުކުޅެދުންތެރިކަމެއް ކަމަށާއި އަދި އަމާޒަކީ އެ ނުކުޅެދުންތެރިކަން ކުދިންގެ ކިބައިން ނައްތާލުން ކަމަށެވެ.

"އެބަހުރި އޯޓިޒަމްގެ ވަރަށް ސަކްސަސް ސްޓޯރީސް ވެސް. މިސާލަކަށް ސްޓެމް ސެލްސް ތެރަޕީ. ނަމަވެސް މެޑިކަލް ބޯޑުން އަދި އެފަރުވާތައް އެޕްރޫވެއް ނުވޭ. ދެން އެ ދިރާސީތައް ޖާނަލްސްގައި ޕަބްލިޝްކުރީމަ ދެއްތޯ އެފަރުވާ ރިކޮމެންޑްކުރެވޭނީ،" އިފްހާމް ވިދާޅުވި އެވެ.

ޑރ. މާކް ހައިމަން އޯޓިޒަމްއަށް ފަރުވާދެއްވާ ގޮތުގެ އިތުރުން އޯޓިޒަމް އަށް މިހާރު ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ގައުމުތަކުގައި ދަނީ ވަރަށް "އެޑްވާންސް" ފަރުވާތަކެއް ވެސް ދެމުންނެވެ. ރާއްޖޭގައި އާންމުކޮށް އޯޓިޒަމްއަށް ދޭ ފަރުވާތަކަކީ އެންމެ ކުރިއްސުރެ ވެސް ދެމުން އަންނަފަރުވާތައް ކަމަށްވާ، އޮކިއުޕޭޝަނަލް ތެރަޕީއާއި، ސްޕީޗް ތެރެޕީ އެވެ. މި ފަރުވާތައް ދިނުމުގެ އިތުރުން އެންމެ އެޑްވާންސް ފަރުވާ ވެސް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

އޯޓިޒަމްއަށް މިހާރު ދުނިޔޭގައި ދެމުންއަންނަ އެންމެ އެޑްވާންސްފަރުތާތައް

މަސްގުޓޯވާ މެތަޑް

ރަޝިއާގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ސުވެޓްލާނާ މަސްގުޓޯވާ އުފެެއްދި މިފަރުވާއަކީ ސިކުނޑީގައި އެންމެ ފުރަތަމަ "ޕްރައިމަރީ" ނިއުރޯ ސާކިޓްތައް އަލުން މަސައްކަތްކުރުމަށް އެހީތެރިވެދިނުމަށް ދޭ ފަރުވާ އެކެވެ. މި ދެންނެވި ނިއުރޯ ސާކިޓްތަކަކީ ޕްރައިމަރީ މޯޓާ ސިސްޓަމްގެ ތެރެއިން އުފެދި ފައްކާވާ ސާކިޓްތަކެކެވެ.

މަސްގުޓޯވާ މެތަޑްގައި އެންމެ ބޮޑަށް އިސްކަންދީފައި ވަނީ ސިކުނޑީގެ "ފައުންޑޭޝަނަލް ސްޓަރްކްޗާ"ގެ މައްޗަށް ބިނާވެފައިވާ ކަންތައްތައް ކަމަށްވާ ކަންކަމާ ސަމާލުވުމާ، ވާހަކަދެއްކުމާއި އަދި މީހުންގެ ތެރޭގައި އުޅުން ފަދަ ކަންތައްތަކުގައި ބޭނުންކުރާ "ޕްރިމިޓިވް ރިފްލެކްސް"ގެ ނިޒާމްއަލުން އިއާދަކުރުމަށެެވެ.

"އިންސާނާގެ ހަށިގަނޑަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި މަސައްކަތްކުރާގޮތަކީ އަޖައިބުވާފަދަ ކަމެއް. މިސާލަކަށް ނިއުރޯސެންސަރިމޯޓަރެއް ބްލޮކްވެއްޖެ ނަމަ، އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އޭތި އަމިއްލައަށް ވެސް ހޯދާނެ އެހެން މަގުތައް. ނަމަވެސް އަޅުގަނޑުމެން ފަރުވާ ނުދީ ދޫކޮށްލައިފި ނަމަ ނިއުރޯ ސެންސަރިމޯޓަރުތައް ގުޅިފައިވާ އެހެން ނިއުރޯ ސެންސަރިމޯޓަރުތަކާ އިންނާނީ ރަނގަޅަށް ނުގުޅި. އޭގެ ސަބަބުން އެކި ހަރަކާތްކުރުމަށާއި މުއާމަލާތްކުރުމާއި އަދި ވިސްނުމުގައި މައްސަލައުޅޭނެ،" މަޓުސްގޯވާ ޓެކްނިކްގައި ބުނެފައިވެ އެވެ.

ހައިޕަބޭރިކް އޮކްސިޖަން ތެރަޕީ

ހައިޕަބޭރިކް އޮކްސިޖަން ތެރަޕީއަކީ 2004 ވަނަ އަހަރުން ފެށިގެން އޯޓިޒަމަށް ބޭނުންކުރަމުންދާ ފަރުވާއެކެވެ. އެ ފަރުވާގައި ކުއްޖާއަށް 100 ޕަސެންޓް އޮކްސިޖަން ވަރަށް ހައިޕްރެޝަރުގައި ދެވިގެންދެ އެވެ. އޭގެ ސަބަބުން ހަށިގަނޑަށާއި އަދި ސިކުނޑިއަށް އިތުރަށް އޮކްސިޖަން ލިބިގެންދި އެވެ.

އޯޓިޒަމް ހުންނަ ކުދިންގެ ސިކުނޑިީގައި ބައެއް ހިސާބުތަކުގައި އޮކްސިޖަން ދައުރުވާންވީ ވަރަށް ދައުރުނުވާ އިރު، އެ ފަރުވާގެ ސަބަބުން ސިކުނޑިއަށް އިތުރަށް ލޭފޮނުވައިދީ ކުއްޖާގެ ހަރަކާތްތަކާ އަދި ވާހަކަ ދެއްކުމުގައި ވަރަށް ބޮޑަށް އެހީތެރިވެދެ އެވެ.

މަސްދަރު: ޑޮކްޓާމާކްހައިމަން.ކޮމް

comment ކޮމެންޓް