ކުވޭތުގައި ފިލިޕީންސްގެ މެއިޑަކު މަރާލި ދެ މީހުންނަށް މަރުގެ ހުކުމްކޮށްފި

ކުވޭތުގައި ފިލިޕީންސްގެ މެއިޑަކު މަރުވުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހާރަކޮށްފައި -- ފޮޓޯ: ރޮއިޓާސް

ކުވޭތު ސިޓީ (އޭޕްރިލް 2): ކުވޭތުގައި ފިލިޕީންސްގެ މެއިޑަކު މަރާލާފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ދެމަފިރިއެއްގެ މައްޗަށް ކުވޭތުގެ ކޯޓަކުން މަރުގެ ހުކުމްކޮށްފި އެވެ.

ލުބުނާނުގެ ރައްޔިތެއް ކަމަށްވާ ނާދިރު އިސާމް އައްސާފް އާއި ސީރިއާގެ ރައްޔިތެއް ކަމަށްވާ މޯނާގެ ހަސަންގެ މައްޗަށް މަރުގެ ހުކުމްކޮށްފައި ވަނީ އެމީހުންގެ ޣައިރު ހާޒިރުގަ އެވެ.

ނަވާވީސް އަހަރުގެ ޖޮއަނާ ޑެމަފެލިސްގެ ހަށިގަނޑު، އެ ދެމަފިރިންގެ ގޭގެ ފްރީޒަރަށް ލާފައި އޮއްވާ ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ ހަޔެއްގަ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭނާ މަރާލިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަދި ޑެމަފެލިސްގެ ހަށިގަނޑު ފެނުމާ އެކު ނާދިރު އާއި މޯނާ ވަނީ ކުވޭތު ދޫކޮށް ސީރިއާއަށް ގޮސްފަ އެވެ. ނަމަވެސް ސީރިއާ އިން ވަނީ މޯނާ ހައްޔަރުކޮށް، ނާދިރު ލުބުނާނާ ހަވާލުކޮށްފަ އެވެ.

ޑެމަފެލިސްގެ މަރާ ގުޅިގެން ފިލިޕީންސްގައި ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކުރުމުގެ ސަބަބުން އެގައުމުގެ ރައީސް ރޮޑްރީގޯ ޑުޓާޓޭ ވަނީ ކުވޭތަށް އެގައުމުގެ ރައްޔިތުން މަސައްކަތް ކުރަން ފޮނުވުން ހުއްޓުވައިފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް