ހުޅުމާލެ މުދާ ފެރީވެސް ދެން އޮންނާނީ ހަވީރުން ފެށިގެން

އެމްޓީސީސީގެ ފެރީއެއް --- ސަން ފައިލް ފޮޓޯ

މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ޑެލިވަރީ ގަޑިތަކާއި މުދާ އުފުލޭ ގަޑިތަކަށް ވަނީ ބަދަލުގެނެސްފައެވެ. މި ބަދަލުތަކާއެކު މާލެއިން ހުޅުމާލެއަށް މުދާ އުފުލާ ފެރީގެ ގަޑިތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

މީގެ ކުރިން ހެނދުނާއި މެންދުރު އަދި ހަވީރު މުދާ ފެރީގެ ހިދުމަތް ދިން ނަމަވެސް އިއްޔެއިން ފެށިގެން މުދާ ފެރީގެ ގަޑިތަކަށް ވަނީ ބަދަލު ގެނެސްފައެވެ.

މިހާރު މާލެއިން މުދާ ފެރީ އޮންނާނީ ރޭގަނޑު ހަތެއް ޖަހާއިރު، 10 ޖަހާއިރު އަދި މެންދަމު އެކެއް ޖަހާއިރުއެވެ. ހުކުރު ދުވަހު މުދާ ފެރީ އޮންނާނީ ރޭގަނޑު ހަތެއް ޖަހާއިރު އެވެ.

ހުޅުމާލޭ ކޮޅުން މުދާ ފެރީ އޮންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 5:30، 8:30 އަދި 11:30 ގައެވެ. ހުކުރު ދުވަހު މުދާފެރީ ހުޅުމާލެ ކޮޅުން އޮންނާނީ ހަވީރު 5:30 ގައެވެ.

މުދާ ފެރީއަށް މުދާ އަރުވައި ހަދަނީ ވިލިނގިލީ ފެރީ ޓާމިނަލް ކައިރިންނެވެ.

މުދާ އުފުލާ ގަވައިދަށް ގެނައި ބަދަލުތަކާއެކު އިއްޔެއިން ފެށިގެން މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް، ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެނޫންވެސް އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭނީ ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު ވަގުތެއްގައެވެ.

ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުލޭނެ ގަޑިއެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވަނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.

މި ބަދަލުތަކާއެކު ހޮޓާ ރެސްޓޯރެންޓުތައް ހުޅުވާފައި ހުންނަ ގަޑި ރޭގަނޑު 12 އިން އެކަކަށް ވަނީ ބަދަލުކޮށްފައެވެ. ޕެޓްރޯލު ޝެޑުތައްވެސް މެންދަމު 12 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެއެވެ. ވިޔަފާރި ފިހާރަތަށް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދޭން މަސައްކަތް ކުރަމުން ދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް