ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތަކެއް ވެލާނާ އެއާޕޯޓަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި ޖެޓުތަކެއް ޕާކުކޮށްފައި -- ފޮޓޯ/އެމްއޭސީއެލް

"އީސްޓާ"އާ ދިމާކޮށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތަކެއް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދިމާއަށް މިސްރާބު ޖަހަމުން އެބަ ދެއެވެ. މިވަގުތު ވެސް އެއާޕޯޓުގައި ރެކޯޑް އަދަދެއްގެ ޕްރައިވެޓް ޖެޓު ޕާކުކޮށްފައި އެބަ އޮތެވެ.

މި އަހަރުގެ އީސްޓާ ފާހަގަކޮށްފައި ވަނީ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހުގަ އެވެ. އީސްޓާއަކީ ހުޅަނގުގެ ގައުމުތަކާއި ނަސާރާ ދީނުގައި ފާހަގަކުރާ އީދެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އެސޯސިއޭޓު ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ހަސަން އަރީފް "ސަން" އަށް ވިދާޅުވީ، އިއްޔެ އެކަނި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 29 ޕްރައިވެޓް ޖެޓު ޕާކުކޮށްފައި އޮތް ކަމަށެވެ.

މިދިޔަ އަހަރުގެ މި ތާރީހުގައި ރާއްޖެ އައީ 21 ޕްރައިވެޓް ޖެޓު ކަމަށް ވެސް ހަސަން ފާހަގަ ކުރެއްވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި މި ހަފްތާގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ރާއްޖެ އައުމަށް ހަމަޖެހިފައިވެ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ ގިނަ އަދަދަކަށް ޕްރައިވެޓު ޖެޓު އައުމުގެ ސަބަބެއް ކަމަށް ވެސް އޭނާ ލަފާކުރައްވަ އެވެ.

ހަސަން ވިދާޅުވީ މިދުވަސްކޮޅާ ދިމާކޮށް އެންމެ ގިނައިން ޖެޓު އަންނަނީ ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކުން ކަމަށެވެ.

comment ކޮމެންޓް