ސޫރިޔާގެ ހަނގުރާމައިގާ އެމެރިކާއާއި ސައޫދީން، އެންމެ ފަހުން ބައްޝާރަށް އަމާން ދިނީބާ!

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދެމިއޮންނާނެ ކަމާއި އެކަން މިހާރު ޖެހޭނީ ގަބޫލުކުރަންކަމަށް ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިމިވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ޓައިމް މަޖައްލާއަށް ދެއްވި ބަސްދީ ގަތުމުގައި ބިން ސަލްމާން ވިދާޅުވެފައިވަނީ ސޫރިޔާގެ ވެރިކަމުގައި ބައްޝާރުލްއަސަދު ދެމިހުންނަވާނެ ކަމަށާއި ނަމަވެސް ބައްޝާރު އީރާނުގެ ގޮނޑިކޮއްކޮ އަކަށް ވެވަޑައިނުގަންނަވާނެ ކަމަށް އުންމީދު ކުރައްވާކަމުގައެވެ.

ބިންސަލްމާން މިމޭރުމުން ވާހަކަ ދެއްކެވީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޓްރަމްޕާއި އެމެރިކާ ސަރުކާރުގެ އެނޫން މަސްއޫލުވެރިންނާއި ކޮންގްރެސްގެ އިސްމެންބަރުންނާ ބައްދަލުކުރައްވައި ސޫރިޔާގެ ހަނގުރާމައާބެހޭގޮތުން މަޝްވަރާތަކެއް ކުރެއްވުމަށްފަހުގައެވެ.

ބިންސަލްމާން މިހެން ވިދާޅުވީ ސޫރިޔާއާމެދު އެމެރިކާ ގެންގުޅޭ ސްޓްރެޓެޖީ ބަދަލުކޮށްފިކަން ބިންސަލްމާންއަށް ޔަގީންވެ ކަށަވަރު ވުމުންނެވެ. ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާނުލެވޭނެކަމަށް ބިންސަލްމާން އެއްބަސްވެވަޑައިގެން ވާހަކަފުޅު މިދެއްކެވީ ސޫރިޔާގައިވާ އެމެރިކާ ސިފައިން ވަރަށް އަވަހަށް އެގައުމުން ބާލާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމަށްފަހުގައެވެ.

ޓްރަމްޕް ވިދާޅުވީ ސޫރިޔާގައި އައިއެސް ޖަމާއަތް މިހާރު ބަލިކަށިވެފައިވާ ކަމަށާއި ދެން އެގައުމުގައި އެމެރިކާގެ ސިފައިން ބޭތިއްބުމުގެ ބޭނުމެއް ނެތްކަމަށާއި އެއީ ޚަރަދު ބޮޑުކަމެއްކަމުގައެވެ. ޓްރަމްޕަކީ ސިޔާސީ، ޑިޕްލޮމެޓިކް އަދި ޑިމޮކްރެޓިކް ވިސްނުމުގެ ބޭފުޅެއްވެސް ނޫނެވެ. އޭނާއަކީ ހަމައެކަނި ވިޔަފާރީގެ ވިސްނުމުގެ ބޭފުޅެކެވެ. ޓްރަމްޕް ކަންކަން ރާއްވަވަނީ އަދި ކުރައްވަނީވެސް ފައިސާއާއި އިގްތިސާދަށް ވިސްނަވައިގެންނެވެ.

ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އެމެރިކާއާއި ޔޫރަޕާއި ސައޫދީއާއި ތުރުކީއާއި ގަތަރު ފަހަތުގައި ތިބެގެން ހަނގުރާމަ ކުރަމުންގެންދާތާ ހަތްއަހަރު ވީއިރުވެސް ބައްޝާރުގެ ވެރިކަން ވައްޓައެއް ނުލެވުނެވެ. މީގެބަދަލުގައި ފެނުނީ އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާއި އެމެރިކާއާއި ޔޫރަޕާއި ސައޫދީއާއި ތުރުކީއާއި ގަތަރުގެ މަދަދުލިބޭ ފްރީސީރިޔަން އާމީ ޖަމާއަތާއި އެނޫންވެސް އެކި ނަންނަމުގައި އުފެއްދި ޖަމާއަތްތައް ބަލިކަށިވެ އެޖަމާއަތްތަކުގެ އަތްދަށުގައިވާ ސޫރިޔާގެ ބިންތަކުގެ ތެރެއިން އަށްޑިހަ އިންސައްތަ ބިން ސޫރިޔާ ސިފައިން އަލުން މިނިވަންކޮށް ބައްޝާރުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނައި މަންޒަރެވެ.

އެހެންކަމުން ރަޝިޔާއާއި އީރާން އޮއްވައި ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާނުލެވޭނެކަން އެމެރިކާވެސް އަދި ސައޫދީންނަށް ވެސް މިވަނީ ގަބޫލުކުރެވިފައެވެ. އަދި މިކަމަށް ހަނގުރާމަ ކުރުންވާނީ ފޫނެއް ފަޔަށް ފެންފުރުން ފަދަކަމެއްކަން މިވަނީ ގަބޫލުކުރެވިފައެވެ. ތުރުކީވަނީ މާކުރިން މިކަން ގަބޫލުކޮށް ސޫރިޔާއާއި އީރާނުގެ ކޮޅަށްޖެހި އެދެގައުމާ ބައިވެރިވެފައެވެ.

އެމެރިކާ ސިފައިން ސޫރިޔާއިން ބާލަން ޓްރަމްޕް ބޭނުންވަނީ ދެސަބަބަކާ ގުޅިގެންނެވެ. ފުރަތަމަ ސަބަބަކީ ރަޝިޔާއާއި އީރާން އޮއްވައި ބައްޝާރުގެ ވެރިކަން ވައްޓާނުލެވޭނެކަން ޔަގީންވުމެވެ. ދެވަނަ ކަމަކީ އެމެރިކާގައި ހިންގަންޖެހޭ ތަރައްގީގެ މަޝްރޫއުތަކަށް އިންތިހާއަށް ފައިސާ ބޭނުންވާއިރު ސޫރިޔާގައި އެމެރިކާ ސިފައިން ބޭތިއްބުމަށް ޚަރަދު ކުރަން އޭނާ ބޭނުންނުވުމެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވީ އެމެރިކާގެ ބައުވެފައިވާ އިންފްރާސްޓްރަކްޗަރ އަލުން ތަރައްގީކޮށް ޒަމާނީ ކުރުމަށާއި އެމެރިކާގެ ރައްޔިތުންނަށް ވަޒީފާގެ ފުރްސަތުތައް ތަނަވަސްކޮށްދީ އިގްތިސާދު ވަރުގަދަ ކޮށްދިނުމަށްޓަކައި "އެމެރިކާ ފަސްޓް" މި ސިޔާސަތު ރައްޔިތުންނަށް ވިއްކައިގެންނެވެ.

ޓްރަމްޕް ވިދާޅުވިގޮތުގައި ފާއިތުވި ހައެއްކަ އަހަރު ތެރޭގައިވެސް ސޫރިޔާއާއި އިރާގުގައި އެމެރިކާ ހިންގާ އަސްކަރީ ކަންކަމަށް ވަނީ ހަތް ބިލިޔަން ޑޮލަރު ބޭކާރުގޮތުގައި ޚަރަދުކުރެވިފައެވެ. އެހެންކަމުން ނަތީޖާ ނުފެންނަ ކަމަކަށް ދެން ޚަރަދު ކުރެވެން ނޯންނާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕްގެ މިވާހަކަތައް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއާއި ޚާރިޖީ ވުޒާރާ ސްޓޭޓް ޑިޕާޓްމަންޓަށް ވަނީ ހަޖަމުކުރަން ދަތިވެފައެވެ.

އަދި ޓްރަމްޕްގެ މިނިންމެވުމާ ގުޅިގެން ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށާއި ގަތަރަށްވެސް ވަނީ ސިހުން ލިބިފައެވެ. ނަމަވެސް އެމެރިކާ ސަރުކާރުގެ ނިންމުންތައް ނިންމަވާނީ ޓްރަމްޕެވެ. ވައިޓް ހައުސް އިންނެވެ. އެދެ ވުޒާރާއަކުންނޫނެވެ. ބައްޝާރު ވެރިކަމުގައި ދެމިހުންނާނެކަމަށް ވިދާޅުވެ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ދެއްކެވި ވާހަކަތަކަށް ބަލާއިރު ސައޫދީ އަކީވެސް އެމެރިކާއާއި ޔޫރަޕާއި ތުރުކީއާއި ގަތަރު ފަދައިން ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް 2011 ވަނަ އަހަރުން ފެށިގެން ފައިސާއާއި ހަތިޔާރާއި އެނޫންވެސް މަދަދުތައް ފޯރުކޮށްދެމުން ގެންދިޔަ ގައުމެކެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅާހަމައަށްވެސް ސައޫދީ މަސްއޫލުވެރިން ވިދާޅުވަމުން ގެންދެވީ ބައްޝާރުގެ ވެރިކަން ވައްޓާލެވޭނެކަމާއި ބައްޝާރަށް ސޫރިޔާގައި އެއްވެސް މުސްތަގްބަލެއް ނެތްކަމުގެ ވާހަކަތަކެވެ.

ނަމަވެސް މިއަހަރުގެ ޖަނަވަރީ މަހު ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވަނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ވެރިޔާ ރިޔާޒް ހިޖާބް އާ ބައްދަލުކުރައްވައި ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލަން ހަނގުރާމަ ކުރުމުގެ ބަދަލުގައި އެހެންކަމެއް ކުރުން ރަނގަނޅުވާނެ ކަމަށްވިދާޅުވެ ކުއްލި ގޮތަކަށް ސައޫދީގެ ސިޔާސަތު ބަދަލުކުރައްވައި ވާހަކަ ދައްކަވާފައެވެ. ޖުބައިރުގެ މިވާހަތަކާމެދު ކޯފާވެ ވަޑައިގެން ރިޔާޒް ހިޖާބް ވަނީ ސައޫދީން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ޚިޔާނާތްތެރި ވިކަމުގެ އިޙްސާސް ކުރެއްވިގެން މަގާމުން އިސްތިއުފާ ދެއްވައި އާއިލާއާއެކު ދިރިއުޅުއްވުން އެމެރިކާއަށް ބަދަލުކުރައްވާފައެވެ.

ސޫރިޔާއާމެދު ސައޫދީގެ ސިޔާސަތު ބަދަލުވި ދެސަަބަބުގެ ތެރޭން އެއްސަބަބަކީ ޔަމަންގެ ހަނގުރާމައިގާ ސައޫދީން ތާށިވެ އެހަނގުރާމައަށް ކުރަންޖެހޭ ޚަރަދުތައް ބޮޑުވެ ކާމިޔާބު ނުލިބި ހޫޘީންގެ މިސައިލްތަކުގެ އަމާޒަކަށްވަމުންދާ މައްސަލައެވެ. އަނެއް މައްސަލައަކީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އޮބާމާގެ ވެރިކަމުގައިވެސް އަދި ޓްރަމްޕްގެ ވެރިކަމުގައިވެސް އެމެރިކާ ސީރިޔަސްކޮށް މަސައްކަތް ނުކުރުމުން ލިބުނު މާޔޫސްކަމެވެ. އެމެރިކާ މިކަމަށް ސީރިޔަސްކޮށް މަސައްކަތް ނުކުރީ ރަޝިޔާ ބައްޝާރުގެ ކޮޅަށް މާބޮޑަށް ޖެހިފައިހުރުމާއެކު ރަަޝިޔާއާ އަސްކަރީ ގޮތުން ކުރިމަތިލުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ލައްވައި ކުރުވި ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގެ ފަހަތުގައިވާ ގިނަ ގައުމުތައް މިހާރުމިދަނީ އެކަމާ ދުރަށެވެ. ތުރުކީ މާކުރިން ދުރަށްގޮސްފައިވާއިރު ސައޫދީއާއި އެމެރިކާގެ ވާހަކަތައް ހުރިގޮތުން އެދެގައުމުވެސް މިދަނީ މިކަމާދުރަށެވެ. އަދި ޔޫރަޕަށް ކުރިމަތިވި ސޫރިޔާގެ ރެފިއުޖީންގެ މައްސަލައިގެ ސަބަބުން ޔޫރަޕްވެސްވަނީ ސޫރިޔާގައި ކުރެވޭ ބައްޝާރުގެ ވެރިކަން ވައްޓާލުމުގެ ހަނގުރާމައާ އަމަލީގޮތުން ދުރަށްގޮސްފައެވެ.

ދެން އޮތީ ބައްޝާރުގެ ވެރިކަން ވައްޓާލަން ބޭނުންވާ ގައުމުތަކުގެ ތެރެއިން ހަމައެކަނި ގަތަރެވެ. ގަތަރަކީ ފައިސާހުރިނަމަވެސް ހަތަރުވަރަކަށް ލައްކަ މީހުންގެ އާބާދީއެއް އޮތް ވަރަށް ކުޑަގައުމެކެވެ. ގަތަރަށްވަނީ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވުމަށް ދަތިވާފަދަ ބޮޑު އެހެން މައްސަލައެއްވެސް މިހާރު ކުރިމަތިވެފައެވެ. އެއީ ސައޫދީ އާއި ޔޫއޭއީއާއި ބަހްރައިން އަދި މިސްރު ގުޅިގެން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިސާރުގެ ފިޔަވަޅުތަކެވެ. ގަތަރުގެ މުއްސަނދިކަމުގެ ބޮޑުބައެއް ދަނީ މި ހިސާރާއި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކަށެވެ. އެހެންކަމުން ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިވުމުގައި ގަތަރަށް މިހާރު ކުރެވޭނެ މާބޮޑުކަމެއްނެތެވެ.

ތުރުކީއަށް ބަލާއިރު އެގައުމަށް ކުރިމަތިވީ ސޫރިޔާގެ ކުރުދީން އެމެރިކާއާ ގުޅިގެން ސޫރިޔާގައި ވަކިދައުލަތެއް އުފައްދަން މަސައްކަތްކުރާ މައްސަލައެވެ. މިއީ ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަށްވުރެ ތުރުކީއަށް މާ މުހިއްމު އަދި އެގައުމުގެ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން ތުރުކީ މާކުރިންވަނީ މިކަމާދުރުވެ ސޫރިޔާގެ ކަންކަމުގައި ރަޝިޔާއާއި އީރާނާ ވިލަރެސް ކުރަން ފަށާފައެވެ.

ސޫރިޔާގެ ހަނގުރާމަ ނިމުމަކާ ހަމައަށް ގޮސްފައިވާއިރު އެހަނގުރާމައިގެ ސަބަބުން ސޫރިޔާ ހަލާކުކޮށް ސުންނާފަތިކޮށްލި ކަމުގެ ޒިންމާ ބައްޝާރާއި އޭނާގެ ބައިވެރިންކަމުގައިވާ ރަޝިޔާއާއި އީރާނެކޭ އެއްގޮތަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި އެޖަމާއަތްތަކުގެ ފަހަތުގައިތިބި އެމެރިކާއާއި ޔޫރަޕާއި ސައޫދީއާއި ތުރުކީއާއި ގަތަރުންވެސް ސޫރިޔާ ހަލާކުކޮށް ރައްޔިތުން ބިކަ ކޮށްލުމުގެ ޒިންމާ ނަގަންޖެހޭނެއެވެ. މިހުރިހާ ފަރާތްތަކަކީވެސް ސޫރިޔާގެ ރައްޔިތުންގެ ދުޝްމަނުންކަން އެގައުމުގެ ރައްޔިތުން މިހާރު ދަނެއެވެ. މިގޮތަށް ސޫރިޔާގެ ރައްޔިތުން މިހާރު ބުނަމުންވެސް ގެންދެއެވެ.

ސޫރިޔާގެ މައްސަލާގައި ކޮންމެ ގައުމަކުންވެސް ބެލީ އެގައުމެއްގެ ޖިއޮޕޮލިޓިކަލް މަސްލަހަތަށެވެ. އެމެރިކާބެލީ ހަތިޔާރު ވިއްކައިގެން އާމްދަނީ ހޯދޭތޯއެވެ. ނަމުގައި ޑިމޮކްރަސީއެވެ. ސައޫދީ ބެލީ ސޫރިޔާއިން އީރާން ދުރުކުރެވޭތޯއެވެ. ބައްޝާރުގެ ވެރިކަން ވައްޓާލަން ސައޫދީ މަސައްކަތްކުރި މައިގަނޑު ސަބަބަކީމިއެވެ. ގަތަރުން ބެލީ ސޫރިޔާގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ވެރިކަން ހޯދައިދެވޭނެ ކަމަށެވެ. ނަމަވެސް ސޫރިޔާގެ ހަނގުރާމައިގާ ހަލާކުވެ ފަނާވެދިޔައީ ސޫރިޔާގެ ނިކަމެތި ރައްޔިތުންނެވެ.

ސޫރިޔާގެ ހަނގުރާމައިގާ ސޫރިޔާގެ ހަލައްކަ މީހުން މަރުވެފައިވާއިރު ފަސްމިލިޔަންމީހުން ޒަޚަމްވެ ނުކުޅެދޭ ހާލަތުގައި އެބަތިއްބެވެ. މައިންބަފައިން ގެއްލި ޔަތީމްވެފައިވާ އެތަށް ލައްކަ ކުޑަކުދިން އެބަތިއްބެވެ. ތައުލީމާއި ސިއްހަތުން މަހްރޫމްވެފައިވާ ފަސް މިލިޔަނަށްވުރެ ގިނަ ކުޑަކުދިން އެބަތިއްބެވެ. އެކުދިންގެ ނަފްސާނީ ހާލަތުގެ ވާހަކަ ރަނގަޅީ ނުދެއްކިއްޔާއެވެ. މުސްކުޅިންނާއި އަންހެނުންނާއި ނުކުޅެދޭ މީހުންގެ ހާލުގެ ވާހަކަވެސް ރަނގަޅީ ނުދެއްކިއްޔާއެވެ. މުޅި ސޫރިޔާ ވަނީ ފުނޑުފުނޑުވެފައެވެ. އެގައުމުގެ ޒަމާންވީ ގަދީމީ އަދި އިސްލާމީ އާސާރީތަންތަނާއި ޙަޟާރީ ތަރިކަވަނީ ސުންނާފަތިވެފައެވެ. ސޫރިޔާގައި މުޅިންކަހަލަ ގޮތަކަށް ހުރީ، ދިމިޝްގު ފިޔަވައި ހަނގުރާމައިގާ ހަލާކުވެ ވީރާނާވެ ފަނާވެފައިވާ ތަންތަނެވެ. ސޫރިޔާގެ ރައްޔިތުން ވެއްޓިފައި މިވަނީ މީގެ އެތަށް ސަތޭކަ އަހަރު ފަހަތަށެވެ.

comment ކޮމެންޓް