ޓެބްލެޓުން ކިޔަވައިދޭން ފެށުމަށް މިހާރު ދަނީ ވައިފައި ނެޓްވާކް އަޅަމުން: އެޑިއުކޭޝަން

މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއްް-- ސަންފޮޓޯ/ އަލީ ނަސީރު

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުން ފެށުމުގެ ގޮތުން ސްކޫލުތަކަށް އަޅަން ޖެހޭ ވައިފައި ނެޓްވާކްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "ސަން" އަށް ވިދާޅުވީ ދަރިވަރުންނަށް ޓެބްލެޓް ހަވާލުކުރުމުގެ މަސައްކަތް ދަނީ ތާވަލާ އެއްގޮތަށް ކަމަށާއި މިމަހު ޓެބްލެޓްތައް ހަވާލުކުރެވޭނެ ކަމަށެވެ.

ދަރިވަރުންނަށް ޓެބްލެޓް ފޯރުކޮށްދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މެކްސްކޮމްއާ ހަވާލުކޮށްގެން 70،000 އަށްވުރެ ގިނަ ޓެބްލެޓް ހޯދައިފައެވެ. އެކަމަށް ސަރުކާރުގެ ބަޖެޓުގައި ވެސް ވަނީ 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފައެވެ.

ޝަފީއު ވިދާޅުވީ ޓެބްލެޓްގެ ގޮތުގައި ބޭނުންކުރާނީ ވާވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓެއް ކަމަށެވެ. 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުންނާނެ ކަަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ދިރާގާ ވެވުނު އެއްބަސްވުމުގެ ދަށުން ގާއިމްކުރަން ހަމަޖެއްސި ވައިފައި ނެޓްވާކްގެ 96 ޕަސެންޓް ނިމިފައިވާ ކަމަށާއި އަދި މިހާރު ކުރިއަށް ދަނީ ޓެސްޓިންގެ މަސައްކަތް ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމަށް ޓެބްލެޓް ބޭނުންކުރަން ފެށުމުގެ ކުރިން މުދައްރިސުން އެކަމަށް އަހުލުވެރިވުމަށްޓަކައި ދެ ކޯހެއް ވެސް ވަނީ ހިންގައިފައެވެ.

comment ކޮމެންޓް