ޒެމްބިއާއާ އެކު ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކޮށްފި

ޒެމްބިއާ އާއި ރާއްޖެއާ ޚަރިޖީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެފްރިކާ ބައްރުގެ ގައުމު ޒެމްބިއާއާ އެކު ދިވެހިރާއްޖެއިން ޚާރިޖީ ގުޅުން މިއަދު ގާއިމުކޮށްފިއެވެ.

ރާއްޖެއާއި ޒެމްބިއާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު، އެމެރިކާގެ ނިއުޔޯކުގައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ނިއުޔޯކުގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދާއި ޒެމްބިއާގެ ދާއިމީ މަންދޫބު ލަޒަރަސް ކަޕަމްބްވޭއެވެ.

ޒެމްބިއާއަކީ އެފްރިކާ ބައްރުގެ މެދުގައި އޮންނަ، އައްސޭރިއެއް ނޯންނަ ގައުމެކެވެ. ގާތްގަނޑަކަށް 752،618 އަކަ ކިލޯ މީޓަރު އޮންނަ އެ ގައުމުގެ އާބާދީއަކީ 16.6 މިލިޔަނެއްހާ މީހުންނެވެ.

އެފްރިކާގެ އެކި ގަބީލާތަކުން ރަސްކަން ކުރަމުން އައި އެ ގައުމު، ވިލާތުގެ ދަތުރުވެރިންނަށް ފުރަތަމަ ފެނުނީ 18 ވަނަ ގަރުނުގެ ތެރޭގައެވެ.

ޒެމްބިއާގެ ގައުމީ ދިދަ --

މީލާދީން 1888 ވަނަ އަހަރު ޒެމްބިއާގެ ބިމު އަޑީގައިވާ މައުދަނުތަކުން ނަފާ ހޯދުމުގެ ހުއްދަ އިނގިރޭސީން ހޯދި އެވެ. އޭރު ޒެމްބިއާ އާއި ޒިމްބާބްވޭ ހިމެނޭ ސަރަހައްދަށް ކިޔަނީ ނޮދަން ރޯޑޭޝިއާ އެވެ. ނަވާރަސަތޭކަ ތޭވީސް ވަނަ އަހަރު ނޮދަން ރޯޑޭޝިއާ، އިނގިރޭސި އިސްތިއުމާރުގެ ދަށަށް ދިޔަ އެވެ.

ނޮދަން ރޯޑޭޝިއާ އަށް އިނގިރީންގެ ކިބައިން މިނިވަންކަން ލިބުނީ 1964 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އަދި އެ ގައުމުގެ ނަން "ރިޕަބްލިކް އޮފް ޒެމްބިއާ"އަށް ބަދަލުވެގެން ދިޔަ އެވެ.

ޒެމްބިއާއަކީ މިހާރު ރިޔާސީ ނިޒާމެއް އޮންނަ ޑިމޮކްރަސީއެކެވެ. އެގައުމުގެ ދައުލަތާއި ސަރުކާރުގެ އިސްވެރިޔަކީ ރައީސް އެވެ.

ޒެމްބިއާ

  • ވެރިކަން ކުރާ ސިޓީ: ލުސާކާ
  • ދުނިޔޭގެ 39 ވަނައަށް އެންމެ ބޮޑު ގައުމު
  • އެފްރިކާ ބައްރުގައި އުމްރާނީ ގޮތުން އެންމެ ތަރައްގީވެފައިވާ އެއް ގައުމު
  • ދައުލަތާއި ސަރުކާރުގެ އިސްވެރިޔާ: ރައީސް އެޑްގާ ލުންގޫ
  • ރަސްމީ ބަހަކީ އިނގިރޭސި ބަސް.
  • އެންމެ މަގުބޫލު ކުޅިވަރަކީ ފުޓުބޯޅަ
  • އެންމެ ބޮޑު އިގްތިސާދީ ދާއިރާތައް: ކޮޕާ މައިނިންގް، ދަނޑުވެރިކަން
comment ކޮމެންޓް