"ފުޓްސަލް ކުޅެން ފޮނުވުން ހުއްޓުވޭނީ މިހާރަށް ވުރެ ޕްރޮފެޝަނަލް ވެގެން"

ނިއުގެ އެސިސްޓެންޓް ކޯޗު، އަޝްރަފު ލުތުފީ މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ސަން ފޮޓޯ

މިހާރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގައި އޮފީސް ތަމްސީލުކުރަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ފޮނުވުމަކީ ދެކޮޅު ކަމެއް ނަމަވެސް، އެކަން ހުއްޓުވުމަށް މިއަށް ވުރެ ޕްރޮފެޝަނަލް މާހައުލެއް ބޭނުންވާ ކަމަށް އެސިސްޓެންޓް ކޯޗު، އަޝްރަފު ލުތުފީ (ސަންޕަތު) ބުނެފި އެވެ.

ބްރޭކް އަކަށް ފަހު މާދަމާ އަނެއްކާ ވެސް މާލޭ ލީގުގެ ކުޅުން ފެށޭ އިރު، ނިއުއިން ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީ ޔޫވީއާ ދެކޮޅަށެވެ. އެންމެ ފަހުން މާލޭ ލީގުގައި ނިއުއިން ކްލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވާހަކަ ދައްކަމުން ސަމްޕަތު ބުނީ ނިއުގެ ކުޅުންތެރިން ފުޓްސަލްއަށް ނުފޮނުވަން ނިންމައިފައިވާ ކަމަށެވެ.

މިއަދުގެ ޕްރެސްގައި ސަމްޕަތު ބުނީ އޭރު އެހެން ބުނީ ކުޅުންތެރިން ފޮނުވަން ބޭނުން ނުވާތީ ކަމަށާއި އެހެން ނަމަވެސް އޮފީސްތަކުން ކްލަބުގެ ކިބައިން އެދުމުން، ބައެއް ކުޅުންތެރިންނަށް ރިލީސް ދީފައިވާ ކަމަށް ވެސް ސަމްޕަތު ބުންޏެވެ.

"ކްލަބުން ކުރިން އިނީ އެއްވެސް ކުޅުންތެރިއަކު ކްލަބު މޯލްޑިވްސްއަށް ނުފޮނުވާ ގޮތަށް ނިންމައިފައި. އެކަމަކު ވާގޮތަކީ، ޕްރޮފެޝަނަލް ކުޅުންތެރިންނެއް ނޫން މިއުޅެނީކީ. ބައެއް ކުޅުންތެރިންނަކީ އޮފީސްތަކުގައި އުޅޭ ކުޅުންތެރިން. އޮފީސްތަކުން އެބަ ބޭނުންވޭ އެ ކުޅުންތެރިން ލައްވައި ކުޅުވަން. އެހެންވީމަ އެ އޮފީސްތަކުން ކްލަބުތަކަށް ރިކުއިސްޓް ކޮށްގެން، ސިޓީ ލައިގެން، ވަރަށް ބޮޑަށް ވާހަކަ ދެކެވިގެން، ރިލީސް ދީފައި ހުރީ. އެއީ އޮފީސްތަކުން ވެސް އަޅުގަނޑުމެންނަށް ރިލީޒް ދޭން އެބަޖެހޭ. އޭއެފްސީ ދަތުރުތަކަށް ވެސް،" ސަމްޕަތު ބުޏްޏެވެ.

ސަމްޕަތު ބުނީ ރާއްޖޭގައި ފުރަތަމަ ޑިވިޝަންގައި ކުޅެނީ މުޅިން ޕްރޮފެޝަނަލް ކުޅުންތެރިން ނޫން ކަމަށާއި ފުޓްސަލް މުބާރާތްތަކަށް ކުޅުންތެރިން ދިއުން ހުއްޓުވުމަށް މިހާރަށް ވުރެ ހަރުދަނާ އުސޫލުތަކެއް ގެންގުޅެވެން ޖެހޭ ކަމަށެވެ.

"ބޭނުންވަނީ އެކަން ނުކުރަން. ފުޓްސަލްއަށް ކުޅުންތެރިން ނުދާން. މިއަހަރު ވެސް މިދިއަ އަހަރު ވެސް ވަރަށް ބޮޑަށް ބެލިން ކުޅުންތެރިން ނުފޮނުވާން. ޕްރޮފެޝަނަލް ނޫންވީމާ އެކަމެއް ނުކުރެވޭ. ކުޅުންތެރިން ވެސް އޮފީސްތަކަށް ކުޅެން ވެސް ބޭނުންވޭ. އެހެންވީމާ އެކަމަށް އެބަޖެހޭ ދޫ ދޭން ވެސް. ފުޓުބޯޅަ ކުޅުންތެރިން ފުޓުބޯޅަ ކުޅުންތެރިންގެ ގޮތުގައި ބެހެއްޓޭތޯ އެކަންކަން ކުރަނީ. އެކަމަކު އަދި މިއަށް ވުރެ ޕްރޮފެޝަނަލް ވެގެން އެކަން ކުރެވޭނީ. ހަމަ ސީދާ ފުޓުބޯޅައަށް ތިބެން އެބަ ޖެހޭ،" ސަންޕަތު ބުންޏެވެ.

މާލޭ ލީގުގައި ނިއުއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މިދިޔަ ހަފްތާއަކީ ރާއްޖޭގެ ފުޓުބޯޅާގައި "ޑްރާމާ ބޮޑު" ހަފްތާއެކެވެ. ހާއްސަކޮށް ނިއުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ވާހަކަ ފުޓުބޯޅައިގެން ގިނަ ދުވަސްކޮޅެކެވެ.

ގައުމީ ޓީމާއި ބޫޓާން ވާދަކުރި އޭޝިއަން ކަޕްގެ ކޮލިފިކޭޝަން މެޗުގެ ކުރިން ބޭއްވި ޕްރެސްއަށް ދިއުމަށް ދަގަނޑޭ އިންކާރު ކުރުމުން އޭނާ ގައުމީ ޓީމުގެ ސްކޮޑުން ބޭރު ކޮށްފައިވާ އިރު، ކޯޗު ޕީޓާ ސެގަޓް ބުނީ ދަގަނޑޭ ޓީމުން ބޭރުކުރަން ނިންމި ނިންމުމަކީ ރާއްޖޭގެ ފުޓުބޯޅައިގެ ޕްރޮފެޝަނަލިޒަމް ހިފަހައްޓާ، ޑިސިޕްލިން ޖީލެއް ބިނާކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު ސެގަޓް، ނިއުގެ ކެޕްޓަން އާ މެދު ކަންކުރި ގޮތާ ގުޅިގެން ސަމްޕަތު ވަނީ މިއަދުގެ ޕްރެސްގައި ވާހަކަ ދައްކައިފަ އެވެ.

"ދަގަނޑޭ ފަރާތަކުން (މެންޓަލީ މައްސަލައެއް) އުޅޭތަނެއް ނުފެނޭ. ގައުމީ ކޯޗު ބުނި ނަމަވެސް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވޭ ދަގަނޑޭގެ ފަރާތުން މެންޓަލީ މައްސަލަތަކެއް އުޅޭ ކަމަކަށް. ދަގަނޑޭ ހުރީ ބަރާބަރަށް. ނިއުގެ އެއްވެސް މީހަކު ނުބުނާނެ ދަގަނޑޭގެ މެންޓަލް މައްސަލައެއް އުޅޭކޭ. އެއަށް ވުރެ ރަނގަޅަށް ޓީމު މޯޓިވޭޓްކޮށް، ކެޕްޓަނެއްގެ ޒިންމާ ނަގައިގެން ދަގަނޑޭ މަސައްކަތް ކުރަނީ،" ސަމްޕަތު ބުންޏެވެ.

މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި ފެންނަ ނިއުގެ ބައެއް ކުޅުންތެރިންގެ ތެރޭގައި ޓީމުގެ ކެޕްޓަން ދަގަނޑޭ ވެސް ހިމެނެ އެވެ. އޭނާ ކްލަބު މޯލްޑިވްސް ކަޕްގައި ފެނިފައިވަނީ އިމިގްރޭޝަންސްގެ ޓީމުންނެވެ.

"އިމިގްރޭޝަނުން އަޝްފާގު ނަގައިފައި އިންނަނީ ޓީމަށް. އެމީހުން ރިލީސް ހޯދަނީ. ހިތާމަ ކުރަން ކުޅުންތެރިން ދޫކުރަން ޖެހޭތީ. އޮފް ސީޒަންގައި ކުޅެންވީ. އެކަމަކު އޮން ސީޒަންގައި ކުޅުމަކީ ވަރަށް ނުރުހޭ ކަމެއް،" ދަގަނޑޭ އިމިގްރޭޝަންސް ޓީމުން ފެންނަ ސަބަބާ ގުޅިގެން ސަމްޕަތު ބުނެފައިވެ އެވެ.

comment ކޮމެންޓް