ރަޝިއާގެ ޝޮޕިން ސެންޓަރުގައި ރޯވި ހާދިސާއާ ގުޅިގެން ގަވަރުނަރު އިސްތިއުފާ ދެއްވައިފި

ކެމެރޯވޯގެ ގަވަރުނަރު އަމަން ތުލެޔެވް ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (އޭޕްރިލް 1): ރަޝިއާގެ ކެމެރޯވޯގެ ޝޮޕިން ސެންޓަރެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކެމެރޯވޯގެ ގަވަރުނަރު އަމަން ތުލެޔެވް އިސްތިއުފާ ދެއްވައިފި އެވެ.

ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ތުލެޔެވް ވަނީ އޭނާ އިސްތިއުފާ ދެއްވުމަކީ މިވަގުތު އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެފަ އެވެ.

ތުލެޔެވް ކެމެރޯވޯގެ ގަވަރުނަރު ކަމަށް ވަޑައިގެންނެވީ 1997 ވަނަ އަހަރެވެ. އަދި އޭނާގެ އާއިލާގެ މެމްބަރަކު ވެސް މިދިޔަ ހަފްތާގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ވިންޓާ ޗެރީ ކޮމްޕްލެކްސް ކިޔާ ޝޮޕިން ސެންޓަރެއްގައި ހިނގި އެއަލިފާނުގެ ހާދިސާގައި 64 މީހަކު މަރުވި އެވެ. އޭގެ ތެރޭގައި 41 ކުޑަކުދިން ހިމެނުނެވެ.

އެހާދިސާއާ ގުޅިގެން ކެމެރޯވޯގައި އެތައް ހާސް މީހުން ވަނީ މުޒާހަރާކޮށް، އެކަމާ ގުޅުން ހުރި އިސް އޮފިޝަލުން އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ.

އެހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން ބުނި ގޮތުގައި ޝޮޕިން ސެންޓަރުގެ ފަޔާ އެލާމްތައް ވަނީ ހަލާކުވެފަ އެވެ. އަދި އަލިފާނުގެ ހާދިސާގައި އެތަނުން ނިކުންނަން ހަދާފައިވާ ދޮރުތައް ވަނީ ލައްޕައިފަ އެވެ.

މީގެ އިތުރުން އެކޮމްޕްލެކްސްގައި ހުރި ސިނަމާގައި ތިބި ގިނަ ކުޑަކުދިން މަރުވީ އެސިނަމާ ބޭރުން ތަޅުލާފައި ހުރުމުން ކަމަށާއި އަލިފާން ރޯވުމާ އެކު ސެކިއުރިޓީ ގާޑުން ވަނީ ފިލާފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ އެހާދިސާ ހިނގީ އިހުމާލުވުމުގެ ސަބަބުން ކަމަށާއި އެހާދިސާ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)

comment ކޮމެންޓް