ބަރުން އާއި ސަނާޔާ އަނެއްކާ ވެސް އެކުގައި؟

ސްޓާޕްލަސް އިން ގެނެސްދިން ކާމިޔާބު ޑްރާމާ ސިލްސިލާ 'އިސް ޕިޔާރު ކޯ ކިޔާ ނާމް ދޫން' އިން މަގުބޫލުކަން ހޯދި ޖޯޑު، ބަރުން ސޮބްތީ އާއި ސަނާޔާ އިރާނީ އިތުރު ޝޯ އަކުން އެކުގައި ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

މިއީ ހަމަގައިމު ވެސް ހިންދީ ޑްރާމާތަކަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވާނެ އެވެ. މިއީ ދެމީހުންގެ ސަޕޯޓަރުން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެކެވެ.

ޚަބަރުތައް ބުނާ ގޮތުން ސަނާޔާ އާއި ބަރުން އެކުގައި ފެނިގެން ދާނީ އަލަށް ލޯންޗު ކުރި ޗެނަލަކުން އުފައްދާ ލޯބީގެ ޑްރާމާ ސިލްސިލާ އަކުންނެވެ.

ޗެނަލް ބަލާ މީހުން ގިނަކުރުމުގެ މަގުސަދުގައި، ބަރުން އާއި ސަނާޔާ ހިމަނައިގެން ޑްރާމާ އެއް އުފެއްދުމަށް އެ ޓީވީގެ ފަރާތުން ވަނީ އެ ދެ ފަންނާނުންނާ މަޝްވަރާތައް ފަށައިފަ އެވެ.

އެހެން ނަމަވެސް ދެ މީހުން އެ ޑްރާމާ އަށް އެއްބަސްވެފައިވާ ކަމެއް އަދި ޔަގީނެއް ނޫނެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެމީހުން ވެސް ޖަވާބެއް ދޭނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ދިވެހިންގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ހޯދި ޑްރާމާގައި ބަރުން އާއި ސަނާޔާގެ ފަރާތުން ފެނިގެން ދިޔަ އޮންސްކްރީން ކެމިސްޓްރީގެ ސަބަބުން އެ ޖޯޑަކީ އަދި ވެސް އިންޑިއަން ޓެލެވިޜަންގެ އެންމެ މަގުބޫލު އެއް ޖޯޑެވެ.

ދެހާސް އެގާރަ ވަނަ އަހަރު ދައްކަން ފެށި އެ ސިލްސިލާގައި ބަރުން އާއި ސަނާޔާ ފެނިގެން ދިޔައީ އަރްނަވް ސިންގ ރާއިޒާދާ އަދި ޚުޝީ ކުމާރީ ގުޕްތާގެ ރޯލުންނެވެ.

ބަރުން 2012 ވަނަ އަހަރު ޑްރާމާ ދޫކޮށްލުމާ ގުޅިގެން މުޅިން އާ ތަރިންތަކަކާ އެކު 'އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން' ދައްކާފައިވެ އެވެ. އެެހެންނަމަވެސް ބެލުންތެރިންގެ މަޤުބޫލު ކަމެއް އެ ޑްރާމާ އަށް ލިބިފައި ނުވެ އެވެ.

އެއަށް ފަހު ސްޓާ ޕްލަސް އިން ވަނީ 'އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން'ގެ ތިން ވަނަ ސީޒަނެއް ވެސް ދައްކަން ފަށައިފަ އެވެ. ނަމަވެސް ސަނާޔާގެ ބަދަލުގައި ބަރުން އާއެކު ލީޑު ރޯލުން ފެނިގެން ދިޔައީ ޝިވާނީ ތޯމަރު އެވެ.

ޑްރާމާ އިން ސަނާޔާ ނުފެނުމުން ގިނަ ބަޔަކު ވަނީ ޝޯ އާ ދެކޮޅަށް ކެމްޕޭނުކޮށް ޝޯ ބޮއިކޮޓް ވެސް ކޮށްފަ އެވެ. އަދި ސަނާޔާ ނުލައި ޝޯ ކުރިއަށް ގެންދެވުނީ ތިން މަސް ވަންދެނެވެ. ހަތްދިހަ އެޕިސޯޑު ދެއްކުމަށް ފަހު ޝޯ ވަނީ ހުއްޓާލައިފަ އެވެ.

comment ކޮމެންޓް