ބާސާ ސަލާމަތް ކޮށްދިނީ މެސީ، ރެއާލް ޖާޒީގައި ބެންޒެމާއަށް މުހިންމު މެޗެއް

މެސީގެ ގޯލަށް ފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނާގައި އޮތް ބާސެލޯނާއިން ބަލިނުވެ ލީގުގައި ދަމަހައްޓަމުން އަންނަ ރެކޯޑު ދެމެހެއްޓި އިރު، ރެއާލް މެޑްރިޑުން ވެސް ދެވަނަ މަގާމާ ގާތަށް ޖެހިލައިފި އެވެ.

ލަލީގާ ތާވަލުގައި ބާސާ އެއްވަނައިގައި އޮތީ 12 ޕޮއިންޓްގެ ލީޑެއްގަ އެވެ. ދެވަނައިގައި 64 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތީ 29 މެޗު ކުޅެގެންނެވެ. ރެއާލް ތިންވަނާގައި އޮތީ އެތުލެޓިކޯއަށް ވުރެ މެޗެއް މަދުން ކުޅެ 63 ޕޮއިންޓާއެކުގަ އެވެ.

މިސީޒަންގެ ސްޕެނިޝް ލަލީގާގައި ބާސާއިން މިހާތަނަށް ކުޅުނު 30 މެޗުގެ ތެރެއިން 23 މެޗުން މޮޅުވެ، ހަތް މެޗުން އެއްވަރުވެފައި އޮތް އިރު، އަދި މެޗަކުން ބަލިވެފައެއް ނުވެ އެވެ.

ސެވިއްޔާއާ ދެކޮޅަށް ރޭ ކުޅުނު މެޗަށް ބާސާ ނުކުތީ ޓީމުގެ ތަރި ލިއޮނަލް މެސީ ފުރަތަމަ 11ގައި ނުހިމަނަ އެވެ.

ބާސާއާއި ސެވިއްޔާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގެ 36 ވަނަ މިނެޓުގައި ފްރޭންކޯ ވަޒްކުއޭޒް ޖެހި ގޯލްގެ އިތުރުން ދެވަނަ ހާފްގެ ފުރަތަމަ ކޮޅު ލުއިސް މުރިއޭލް ޖެހި ގޯލުން ސެވިއްޔާ ދެ ގޯލްގެ ލީޑެއް ނަގައިފައިވެ އެވެ.

ސެވިއްޔާ އިން ދެ ގޯލްގެ ލީޑެއް ނެގުމާ އެކު، ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ ޓީމުގެ ތަރި، މެސީ ކުޅެން ނެރެފަ އެވެ. މެސީ ކުޅުމުގެ ތެރެއަށް ނުކުތުމާ އެކު ބާސާއިން ގިނަ އެޓޭކްތަކެއް އުފައްދައިފައިވެ އެވެ.

ބާސާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 88 ވަނަ މިނެޓް އަދި 89 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. ލުއިޒް ޝުއަރޭޒްގެ ގޯލާ އެކު ބާސާން އުންމީދު އާކޮށްފައިވާ އިރު، ބާސާގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މެސީ އެވެ.

މެސީގެ ގޯލަކީ ސެވިއްޔާ އޭރިއާ ބޭރުން އޭނާ ވަރަށް ރީތިކޮށް ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލި ބޯޅައެކެވެ.

ރޭގެ މެޗުން މޮޅުވި ނަމަވެސް ރެއާލްއަށް މިސީޒަންގެ ލަލީގާގެ އުންމީދު ވަނީ ހަނިވެފައި --- ފޮޓޯ/ އޭޕީ

ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ލާސްޕާމާސް ބަލިކުރީ 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ރެއާލުން ރޭގެ މެޗަށް ނުކުތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޓީމުގެ ކެޕްޓަން ސާޖިއާ ރާމޯސް ވެސް ސްކޮޑުގައި ނުހިމަނަ އެވެ. މީގެ އިތުރުން ވެސް ރެއާލްގެ އެސިސްޓެންޓް ކެޕްޓަން، ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ވެސް ޓީމުގައި ނުހިމަނާ ނުކުތް އިރު، ޓީމުގެ ކެޕްޓަން ބޭންޑް ރޭގެ މެޗުގައި ދީފައިވަނީ ކަރީމް ބެންޒެމާއަށެވެ.

ރޭގެ މެޗަކީ ރެއާލް ޖާޒީގައި ބެންޒެމާ ކުޅުނު 400 ވަނަ މެޗެވެ. ރޭގެ މެޗުގެ ކުރިން ރެއާލްއާ އެކު ކުޅުނު 399 މެޗުގައި ބެންޒެމާ ވަނީ އެޓީމަށް 188 ގޯލް ކާމިޔާބުކޮށްފަ އެވެ. މިސީޒަންގައި ފޯމް ދަށްކޮށް ފެނުނު ބެންޒެމާއަށް ރޭގެ މެޗުގެ ކުރިން ޖެހިފައި ވަނީ ހަތަރު ލީގު ގޯލެވެ.

ބެންޒެމާ ރެއާލްއަށް ކުޅެދިން 400 ވަަނަ މެޗުގައި އޭނާ ނުކުތީ ކެޕްޓަން ބޭންޑް އަޅައިގެން --- ފޮޓޯ/ އޭޕީ

މެޗުގައި ރެއާލްގެ ވޭލްސް ފޯވަޑް، ގެރެތު ބޭލް ދެ ގޯލް ޖަހައިފައިވާ އިރު، ފުރަތަމަ ހާފްގައި ލިބުނު ޕެނެލްޓީން ބެންޒެމާ ވަނީ އޭނާގެ 400 ވަނަ މެޗުގައި ގޯލް ޖަހައިފަ އެވެ.

comment ކޮމެންޓް