މިސްރުގެ އިންތިހާބުގައި ބާތިލު އެތައް ވޯޓެއް، ސަބަބަކަށްވީ ސަލާހް!

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް --- ފޮޓޯ/ އޭޕީ

މިސްރުގެ އިންތިހާބުގެ ވޯޓު ނެގުން ނިމި ނަތީޖާ އިއުލާން ކޮށްފައިވާ އިރު، އެގައުމުގެ އިންތިހާބާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ. ހާއްސަ ގޮތެއްގައި ދެވަނަ ދައުރަކަށް އިންތިހާބުވި އަބްދުލް ފައްތާހު އަލް ސީސީގެ ނުފޫޒް ވޯޓަށް ވަރަށް ބޮޑަށް ފޯރުވި ކަމަށް އާއްމުންގެ ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

އިދިކޮޅަށް ނުކުތް ކުރީގެ މިލިޓަރީ ޗީފެއް ހައްޔަރުކޮށް ޖަލަށް ލުމާއި އިދިކޮޅުން ވާދަކުރި ކެންޑިޑޭޓަށް ލިބުނު މަދު ޕަސެންޓްގެ ވޯޓާ ގުޅިގެން ސީސީއަށް މިސްރުގެ ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އިންތިހާބުގައި ސީސީއަށް 92 ޕަސެންޓް ވޯޓު ލިބުނު އިރު، އިދިިކޮޅަށް ނުކުތް މޫސާ މުސްތަފާ މޫސާއަށް ލިބުނީ އެންމެ ތިން ޕަސެންޓް ވޯޓެވެ. މުސްތަފާއަކީ އިންތިހާބަށް އިދިކޮޅަށް ނުކުތުމުގެ ހުއްދަ ލިބުނު ހަމައެކަނި ކެންޑިޑޭޓެވެ.

މިސްރުގެ އިންތިހާބުގެ ފަސް ޕަސެންޓް ވޯޓަކީ ބާތިލު ވޯޓެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވޯޓުތަކެއް ބާތިލުވީ ވެރިކަމުގައި ހުރި ސީސީގެ އަމަލުތަކުގެ ސަބަބުންނެވެ.

މިސްރުގެ ސިޔާސީ މައިދާން ކޮންމެ ގޮތަކަށް އޮތް ނަމަވެސް މިދިޔަ ދުވަސްކޮޅަކީ މިސްރުގެ ފުޓުބޯޅައަށް އުފާވެރި ކަންތައްތަކެއް ގެނެސްދިން ދުވަސް ތަކެކެވެ. ހާއްސަކޮށް 29 އަހަރަށް ފަހު މިސްރުން އަނެއްކާ ވެސް ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު، އެގައުމު ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފިކޭޝަން ފަހު މެޗުގެ ފަހު މިނެޓުގައި މުހައްމަދު ސަލާހް ކާމިޔާބުކޮށްދިން ޕެނެލްޓީއާއެކުގަ އެވެ.

މިސްރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ ބޮޑު ދައުރެއް އަދާކުރި ސަލާހަކީ މިހާރު ޔޫރަޕްގައި ވެސް ހުރި އެންމެ މޮޅު އެއް ފޯވަޑެވެ. މި ސީޒަންގައި ކުޅުނު 45 މެޗުން 39 ގޯލް ޖަހައިފައިވާ ސަލާހަކީ ފުޓުބޯޅައިގައި "މިސްރުގެ ރަސްގެފާން" އެވެ. ހާއްސަކޮށް މިފަހަރުގެ އިންތިހާބުގައި މިސްރުގައި އޭނާއަށް އޮތް ތަރުހީބު އެނގިއްޖެ އެވެ.

މިސްރުގައި ވޯޓުލި މިލިއަނަކަށް ވުރެ ގިނަ މީހުންގެ ވޯޓު ކަރުދާހުގައި، ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓުންގެ ނަން ކަނޑާ، މުހައްމަދު ސަލާހްގެ ނަން އަމިއްލައަށް ލިޔެ ހެޔޮ ފާހަގަ ޖަހައިފައިވެ އެވެ.

ސަލާހުގެ ނަން ޖަހައި ވޯޓު ދީފައިވާ ވޯޓު ކަރުދާސް ކޮޅެއް --- ފޮޓޯ/ ޓްވިޓާ

ސަލާހަކީ މިޒާޖުގައި ހިތްހެޔޮ، އިސްލާމީ ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ ކުޅުންތެރިއެއްކަން ފާހަގަކޮށްލެވެ އެވެ.

އާއްމުކޮށް ޓީމާ އެކު ދަތުރުކުރާއިރު ވެސް ސަލާހް އަތުގައި ހަތިމެއް އޮންނަ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް އާއްމުވެފައިވާ އިރު، ޝުކުރުގެ ސަޖިދައަކާ އެކު ކޮންމެ ގޯލަކަށް އުފާފާޅުކުރުން ވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެ އެވެ.

ހާއްސަކޮށް އޭނާގެ އަމަލުތަކުގެ ސަބަބުން އިނގިރޭސި ސަގާފަތުގެ ތެރެއަށް މުސްލިމް ބައެއް އާދަކާދަތައް ވަންނަމުންދާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އަދި ސަލާހް ނަމޫނާއަކަށް ބަލައި، ކުޅިވަރަށް ލޯބިކުރާ ގިނަ އަދަދެއްގެ ކުދިން އިސްލާމް ދީނަށް ތައުރީފް ކުރާ ކަމަށް ވެސް އެފަދަ ރިޕޯޓުތައް ބުނެ އެވެ.

comment ކޮމެންޓް