ކަނޑަށް ގެއްލުނު ކެމެރާ ދެ އަހަރު ފަހުން ފެނުނު އިރު ވެސް ގެއްލުމެއް ނުވޭ!

ސެރީނާގެ ކެމެރާ. ކެމެރާ ވަނީ ގެއްލުނުތާ ދެ އަހަރު ފަހުން ފެނިފައި---

މީގެ ދެ އަހަރު ކުރިން، 2015 ވަނަ އަހަރު ކަނޑަށް ގެއްލުނު ކެމެރާއެއް ހޯދައި ކެމެރާގެ ވެރިފަރާތާ ހަވާލުކޮށްފި އެވެ.

ޓައިވާންގެ ގޮނޑުދޮށުން އެ ކެމެރާ ފެނުނީ ޓީޗަރަކާ އެއްކޮށް މޫދަށް ދިޔަ 11 ދަރިވަރަކަށެވެ. ކެމެރާ ފެނުނު އިރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އަދި ކެމެރާގައި ހުރި ފޮޓޯތަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާނުވާ ކަމަށް ބީބީސީން ބުނެ އެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ކެމެރާގެ ވެރި ފަރާތް ސެރީނާ ސުބަކިހާރާ ބުނީ ގެއްލުނު ކެމެރާ ފެންނާނެ ކަމަށް އެއްގޮތަކަށް ވެސް އުންމީދު ނުކުރާ ކަމަށެވެ.

"އަސްލު އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން ފެންނާނެ ކަމަކަށް. އެ ގެއްލުނީ ޑައިވިން އަށް ގޮސް އުޅެނިކޮށް. ޑައިވިން އަށް އަހަރެންނާ އެއްކޮށް ދިޔަ މީހެއްގެ ވައި ފުޅި ހުސްވެ އޭނާއަށް އަވަހަށް އެހީތެރިކަން ދޭން އުޅުމުގެ ތެރޭގައި،" އޭނާ ބީބީސީ އަށް ބުންނެވެ.

ކެމެރާ ފެނުނުއިރު އޭގައި ފޮޓޯތައް ހުރެދާނެ ކަމަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާ ކަމަށާއި ކެމެރާގައި އޭނާ ނެގި ހުރިހާ ފޮޓޯތަކެއް ހުރުމުން "އަހަރެންނަށް ލިބުނީ ޝޮކެއް، ވަރަށް އުފާވެސްވި،" ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ކެމެރާ އޮންނާނީ ފެން ނުވަންނާނެ ގޮތަށް ކަވަރަކަށް ވެސް ލާފައި،" އޭނާ ބުންޏެވެ.

މައުލޫމާތު: ބީބީސީ

comment ކޮމެންޓް