އިބްރަހިމޮވިޗް އެމެރިކާ ލީގަށް ދިއުމަކީ ވިލާތު ފުޓްބޯޅައަށް ލިބުނު ބޮޑު ގެއްލުމެއް: މޮރީނިއޯ

ޒްލަޓަން އިބްރަހިމޮވިޗް އޭނާގެ އެލްއޭ ގެލެކްސީ 9 ނަންބަރު ޖާޒީ ދައްކާލަނީ-- ފޮޓޯ: ގެޓީ

މެންޗެސްޓަރ ޔުނައިޓަށް ކުޅެމުން އައި ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް، މޭޖާ ލީގު ސޮކަރ (އެމްއެލްއެސް)އަށް ބަދަލުވުމަކީ މެންޗެސްޓަރ ޔުނައިޓެޑަށް އަދި ޚާއްސަކޮށް ވިލާތުގެ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް އަލުން އެނބުރި އައިސް މަދު ދުވަސްކޮޅެއް އެ ކްލަބާ އެކު ހޭދަކުރުމަށް ފަހު، އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް އެމްއެލްއެސްގެ އެލްއޭ ގެލެކްސީއަށް ބަދަލުވީ ހުސްވި ހަފްތާގައެވެ.

ޕްރިމިއަރ ލީގުގައި ސްވަންސީއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މޮރީނިއޯ ބުނީ، އިބްރަހިމޮވިޗަކީ ވިލާތު ފުޓްބޯޅައަށް ގެންލިގެންދާ ވަރަށް ވަރުގަދަ ކުޅުންތެރިއެއް ކަމަށެވެ.

ޗެލްސީގެ ކުރީގެ ކޯޗު ބުނީ، ޔުނައިޓެޑް ދޫކޮށް އެލްއޭ ގެލެކްސީއަށް އިބްރަހިމޮވިޗް ބަދަލުވުމަކީ ވިލާތު ފުޓްބޯޅައަށް ގެއްލުމަކަށް ވިޔަސް، އެއީ އިބްރަހިމޮވިޗަށާއި އެމެރިކާގެ ފުޓްބޯޅައަށް މިވަގުތު ވަރަށް މުހިއްމު ނިންމުމެއް ކަމަށެވެ.

"މިހާރު އެލްއޭ ގެލެކްސީ އަކީ އިބްރަހިމޮވިޗަށް ވަރަށް މުހިއްމު ތަނަކަށް ވާނީ. އޭނާގެ ހުނަރާއި ޕެޝަނާއި ޕްރޮފެޝަނަލިޒަމްގެ ސަބަބުން އެމެރިކަން ފުޓްބޯޅައަށް ލިބޭ ކުރިއެރުމަކަށް ވާނެ،" މޮރީނިއޯ ބުންޏެވެ.

އެލްއޭ ގެލެކްސީގެ 9 ނަންބަރު ޖާޒީއާ ހަވާލުވުމަށްފަހު، އިބްރަހިމޮވިޗް ބުނީ، އަދިވެސް އޭނާ ހުރީ ކުރީގެ ފޯމު ދައްކާލުމަށް ކެތްމަދުވެފައި ކަމަށާއި "ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން" އޭނާ އަލުން އެނބުރި ކުޅުމުގެ ތެރެއަށް ވަންނާނޭ ކަމަށެވެ.

comment ކޮމެންޓް